މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލް ޣަފޫރާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިމް ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަޢާފު ދެއްވައިފިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމާ އެކު އަދީބު ޖަލުން ގޭބަންދަށް ބަދަލުކުރިތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ.

Ad
rt

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަނިކޮށް ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ހުކުމެއް ވަނީ މި އަހަރުގެ ސެޕްޓެމްބަރުގައި ކުރިމިނަލް ކޯޓުން އިއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބާއި ޒިޔަތަށް ރައީސް ޞާލިޙް ވަނީ މައާފް ދެއްވާފައެވެ. އަދި މިއަދު އެ ދެބޭފުޅުން މިނިވަން ވާނެކަމަށް އިތުބާރު ހުރި މަސްދަރަކުން ''ތިލަދުން'' އަށް ވަނީ ޔަގީންކޮށްދީފައެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އެ ގާނޫނުގައި ބުނާ މުއްދަތަށް ހުކުމް ތަންފީޒު ކުރާ ކުށްވެރިންނަށް އަދަބު ލުއިކޮށްދިނުމާއި، މާފު ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިދީފަވެއެވެ.

މި ދެ ބޭފުޅުންނަށް ރައީސް މާފު ދެއްވާފައިވާކަން އަދި ރަސްމީ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.