ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލައާއި ގުޅޭ ދުސްތޫރީ މައްސަލައެއް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ވައްދާފައި އޮތުމުން ނަޝީދު އިތުބާރުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގަންނަވާކަން މަޖިލީހަށް އަންގަވައިފިއެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލަ ފުރަތަމަ ތާވަލު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު ޖަލްސާ ކެންސަލްކުރީ އީވާ މަޖިލީހަށް ސަލާމް ފޮނުއްވުމުންނެވެ. އެއާއެކު އެމްޑީޕީން ވަނީ ހަމަ އެދުވަހި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފައެވެ.
މި މައްސަލާގައި އެމްޑީޕީން އެދިފައި ވަނީ، މަޖިލިސްގައި މި މައްސަލަ ކުރިއަށް ނުގެންދެވުމުން މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށެވެ. ސުޕްރީމް ކޯޓުން ވަނީ 30 އޮކްޓޯބަރުގައި އެ މައްސަލަ ބަލައިގެންފައެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލަ އެޖެންޑާކުރި ފަސްވަނަ ޖަލްސާ ވެސް މިއަދު ކެންސަލްކޮށްފައިވާއިރު، މިއަދުގެ ޖަލްސާވެސް ކެންސަލްކުރީ އީވާ މަޖިލީހަށް ހާޒިރުވެވަޑައި ނުގަތުމުންނެވެ.
މި މައްސަލާގައި އީވާ ރޭ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވާގޮތުގައި ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ރިޔާސަތުގައި އިންނަވަން އޭނާ އުޒުރުވެރިވެވަޑައިގަންނަވައެވެ.
އީވާ މިގޮތައް އަންގަވާފައިވާއިރު، ނަޝީދުގެ އިތުބާރުގެ މައްސަލައާއިގުޅޭ ޖަލްސާގެ މައްސަލާގައި އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ފެށުމަށް އެ ކޯޓުގައި ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!