ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ކުރިއަށް ގެންދަން ތާވަލުކުރި ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ވެސް ކެންސަލްކޮށްފިއެވެ.

މި މައްސަލަ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކުގައެވެ. އަދި ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އޮކްޓޯބަރު މަހުގެ 29 ވީ އާދީއްތަ ދުވަހުން ފެށިގެން އަންނަނީ އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރައްވަމުންނެވެ.

Ad
rt

އެހެންނަމަވެސް، ޑެންގޫ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ އީވާ ވަނީ ސަލާން ފޮނުއްވާފައެވެ.

އީވާ ސަލާމް ފޮނުއްވާފައިވާތީ، މިއަދުގެ ޖަލްސާ ވެސް ކެންސަލްކަމަށް މަޖިލީހުގެ އިދާރާއިން މިހާރު ވަނީ މެންބަރުން އަންގާފައެވެ. ޖަލްސާ ކެންސަލްވިކަން އަންގައި މެންބަރުންނަށް މަޖިލީހުގެ އިދާރާއިން ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ނައިބު ރައީސް ސަލާމް ފޮނުއްވާފައިވާތީ، މިއަދަށް ތާވަލުކުރި މަޖިލީހު ޖަލްސާ ކެންސަލްކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ ނައިބު އީވާ ޑެންގޫ ހުމަށް ޕޮޒިޓިވްވެގެން މަޖިލީހަށް ސަލާމް ފޮނުއްވަމުންގެންދަވާއިރު، އެމްޑީޕީގެ ޕީޖީގެ ބައެއް މެންބަރުން ވިދާޅުވެފައި ވަނީ، އީވާ އަށް ހުން ޖެހިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން ޓެސްޓް ހެދީ އޮކްޓޯބަރު 22 ވަނަ ދުވަހު ކަމަށެވެ. އަދި އެ ޓެސްޓްގެ ނަތީޖާ އޮކްޓޯބަރު 23 ވަނަ ދުވަހު ލިބިފައިވާ ކަމަށާއި، ނަމަވެސް ޖެހިގެން އައި ދެ ދުވަހު 23،24 އޮކްޓޯބަރުގައި އީވާ މަޖިލީހަށް ހާޒިރު ޖަލްސާތަކުގައި ވެސް ބައިވެރިވެވަޑައިގެން ކަމަށެވެ. އަދި މިހާރު ޖަލްސާއަށް ސަލާމް ވިދާޅުވަނީ ނަޝީދުގެ މައްސަލަ ކުރިއަށް ގެންދިޔަ ނުދޭން ކަމަށް އެ މެންބަރުން ވިދާޅުވެއެވެ.

މަޖިލިސްގައި މި މައްސަލަ ކުރިއަށް ނުގެންދެވުމުން މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް އެދި އެމްޑީޕީން ވަނީ އޮކްޓޯބަރު 29 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ 30 އޮކްޓޯބަރު (އިއްޔެ) އެ މައްސަލަ ބަލައިގެންފައެވެ.

މިއީ ނަޝީދުގެ މައްސަލަ ތާވަލުކުރި ޖަލްސާ ކެންސަލްކުރި ފަސް ވަނަ ފަހަރެވެ.