އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ޖޯޝް ޕައުލް އިއްޔެ އިސްތިއުފާ ދީފިއެވެ.

ޖޯޝް ޕައުލް އިސްތިއުފާ ދީފައި ވަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންނެވެ. އޭނާ ބުނީ ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާތަކަކީ އެމީހުން ހެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

Ad
rt

ހަމަ އެގޮތަށް އިސްރާއީލް އިން ފަލަސްތީންގެ ޣައްޒާ އަށް ރައްދުގައި ދެމުން އަންނަ ހަމަލާތަކާއި އިސްރާއީލާއި އެމެރިކާ ގުޅިގެން ކުރަމުން އަންނަ ކަންކަމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ. މިކަމުގެ ސަބަބުން އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންނަށް ވެސް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި އިސްރާއީލުން ދެމުން އަންނަ ރައްދާއި އެމެރިކާގެ އެހީތެރިކަމާއެކުގައި ދެމުން އަންނަ ރައްދުގެ ސަބަބުން އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭނެ ގެއްލުން ހަމަ ވާނީ ބޮޑު،" ޖޯޝް ޕައުލް ބުނެފައިވެއެވެ.

ޕައުލް ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޕޮލިޓިކަލް މިލިޓަރީ އެފެއާޒް ބިއުރޯގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައެވެ. އެހެން ގައުމުތަކަށް ހަތިޔާރު ފޮނުވުމުގެ ހުއްދަ ދެނީ އޭރުގައި ޕައުލްގެ ބެލުމުގެ ދަށުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިސްރާއީލާއި ފަލަސްތީނާ ދެމެދުގައި ކުރިއަށްދާ ހަނގުރާމައިގައި އިސްރާއީލަށް ތާއީދު ކުރާ ކަން ހާމަކޮށްފައެވެ. އެމެރިކާ އިން ދަނީ އިސްރާއީލަށް އަސްކަރީ ގޮތުން ވެސް ތަފާތު އެކިއެކި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާ އިން ވަނީ އަސްކަރީ ދެ މަނަވަރެއް ވެސް މެދުއިރުމައްޗަށް ފޮނުވައިފައެވެ.

މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލް ސިއްސުވާލައި، ހަމާސް އިން ދިން ހަމަލާއާ ގުޅިގެން ރައްދުގައި އިސްރާއީލުން ދަނީ ފަލަސްތީނުގެ ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުންނެވެ. މި ހަމަލާތަކުގައި ގިނަ އިން ޝަހީދުވެފައި ވަނީ ކުށެއް ނެތް އާންމުންނެވެ. އިސްރާއީލްގެ އަނިޔާވެރި އަމަލުތަކުގައި މިހާތަނަށް އައިއިރު، 3،500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު، އޭގެ ތެރޭގައި 1،300 ކުޑަކުދިންނާއި 1،000 އަންހެނުން ހިމެނެއެވެ.

ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން މަރުވެފައި ވަނީ 1،400 މީހުންނެވެ.