އިޒްރާއީލްގެ ޔަހޫދީން ފަލަސްތީނަށް ދެމުންއަންނަ އުދުވާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ނެއްލައިދޫ ކައުންސިލާއި އެ ރަށު ރައްޔިތުން ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް މި ހަރަކާތް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މިއަދު މިހަރަކާތް ފެށުމުގެ ގޮތުން އެ ރަށުގެ ހުއިފިލަނޑާ މަސްވެރިންނާއި ގުޅިގެން މިރޭ ހުއިފިލަނޑާ ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. މިރޭ ނަގާ ހުރިހާ ލަނޑައެއް ވިއްކައިގެން ލިބޭ ފައިސާ ފަލަސްތީނަށް އެހީވުމަށް ހަދިޔާކުރަން ވަނީ ނިންމާފައެވެ.
ކުރިއަށް އޮތް ހަފްތާއެއްހާ މުއްދަތުގެ ތެރޭ ރަށުގެ އެކިތަންތާ ފަނޑޮފޮށި ބެހެއްޓުމާއި، ކުޑަކުދިންގެ ހަވީރު ފަދަ އިވެންޓްތައް ބާއްވައި ތަފާތު ތަކެތި ވިއްކައިގެން ފައިސާ ހޯދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތްތަކުން ލިބޭ ފައިސާ މެދުވެރިކޮށް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރު ކޮށްދިނުމަށް ނިންމާފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި ގުޅިގެންނެވެ.
އިޒްރޭލުން ފަލްސްތީނުގައި ހިންގާ ލާއިންސާނީ އަމަލުތައް ވަގުތުން ވަގުތައް ހުއްޓާލައި ފަލަސްތީން މިނިވަން ކުރުމަށް ރާއްޖޭގައި ވެސް ވަނީ ތަފާތު ރެލީތައް ބާއްވައި އަޑު އުފުލާފައެވެ. އަދި ތަފާތު ފަންޑްރައިޒިން ޕްރޮގްރާމްތައް މުޅި ރާއްޖޭގައި މިހާރު ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.
މި މަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ހަމަލާ ދިނުމާއިއެކު ފެށުނު ހަނގުރާމާގައި އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ. އިޒްރޭލުން ވަނީ ގާޒާއަށް ވަންނަން ހުރި ހުރިހާ މަގެއް ބަންދުކޮށް ގާޒާއަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ވެސް ހުރަސް އަޅާފައެވެ.
އިޒްރޭލުގެ މި އަމަލުތައް ކުށްވެރިކޮށް ދުނިޔޭގެ ގިނަ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ދަނީ ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމަށް ގޮވާލާފަ އެވެ.
އިޒްރޭލުން ހިންގަމުން އަންނަ ގަތުލުއާންމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،200 އަށްވުރެ މައްޗަށް އަރައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!