ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" ގެ ގްރޫޕް އޭގައި އިއްޔެ ކުޅުނު މެޗުތައް ޒީރު ސްޕޯޓްސް ކުލަބާއި ބީޗް ސިޓީ ކާމިޔާބު ކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ޒީރު އާއި އައްޓޯ އެފްސީއެވެ. މި މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ޒީރުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒީރުގެ ޖޯޒީ ނަމްބަރ 9، އަލީ ހާފިޒްއެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ބީޗް ސިޓީއާއި ޔުނިޓީ އެފްސީއެވެ. މި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބީޗް ސިޓީއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބީޗް ސިޓީގެ ޖޯޒީ ނަމްބަރ 11، ހުސެއިން ސައިފް މޫސާއެވެ. މިއީ ބީޗް ސިޓީގެ ފުރަތަމަ މޮޅެވެ. މިއީ ވެސް ގްރޫޕް އޭގެ މެޗެކެވެ.
މި ގްރޫޕްގެ އެއްވަނާގައި ޒީރު އޮތީ ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއި އެކުގައެވެ. މި ގުރޫޕްގެ ދެވަނާގައި އޮތް ބީޗް ސިޓީއާއި އައްޓޯ އެފްސީއަށް ކުޅުނު ދެ މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތީ ކުޅުނު ދެ މެޗުން ވެސް ބަލިވި ޔުނިޓީ އެވެ.
މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެއެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސީއެސް ވިމެންސްއާއި ބީޗް ސިޓީ ވިމެންސް އެވެ. މިއީ އަންހެން ކެޓަގަރީގެ މެޗެކެވެ. ދެވަނަ މެޗުގައި މިރޭ ލެންޓާން އެފްސީ ނުކުންނާނީ ލަޔަންއާއި ދެކޮޅަށެވެ.
އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނޭހެން ދެ ޑިވިޝަނަކަށް ބާއްވާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ވަނީ ހަތް ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ އައްޓޯ އެފްސީ، ބީޗް ސިޓީ ސްޕޯޓްސް ކުލަބް، ޒީރު ސްޕޯޓްސް ކުލަބް، ޔުނިޓީ ފުޓްބޯލް ކުލަބް، ލެންޓާން ފުޓްބޯލް ކުލަބް، ފުޓްބޯލް ކުލަބް ޖުވެނިސް އަދި ލަޔަން އެވެ.
އަންހެން ޑިވިޝަންގައި ވަނީ ތިން ޓީމް ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސީއެސް ވިމެންސް، ސަންދިޔާ އަދި ބީޗް ސިޓީ ވިމެންސްއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަހްލާގު އަށަގަންނަވައި ކުޅިވަރުގެ ރޫހު ދިރުވައި އެ ރަށުގައި މޮޅެތި ކުޅުންތެރިން އުފައްދައި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތު ހޯދައިދިނުމެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އޮންލައިން ނިއުސްއެވެ. މި މުބާރާތުގެ ހަބަރުތައް ތިލަދުން އިން ގެނެސްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!