އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރަން ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުން އަންނަ ޓެކްސް 50 ލާރިއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) ހުށަހަޅުއްވައިފިއެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި، 50 އަށްވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް 2 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.

Ad
rt

އެކަމުގެ ބުރަ އާންމުންނަށް ބޮޑުވެފައިވާއިރު، އެކަމަށް ލުއި ދިނުމުގެ ގޮތުން ސަލީމް ހުށަހެޅުއްވި ފުރަތަމަ ހައްލަކީ ރޯމަސް އުފުލުމާއި ކުނިވާ ޒާތުގެ ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުން އިސްތިސްނާ ހާލަތެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އަދި ދެވަނަ ހައްލަކަށް ހުށަހެޅުއްވީ ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުރުމަށެވެ.

މީގެ އިތުރުން ތިން ވަނަ ކަމަކަށް ކޮތަޅަކަށް ޗާޖްކުރެވޭ އަދަދު މިހާރަށް ވުރެ ދަށްކުރުމަށް ހުށަހަޅައި ވިދާޅުވީ ފުރަތަމަ ފަހަރު 50 ލާރި ކޮތަޅަކަށް ނަގާ ގޮތަށް އޮތުން ރަނގަޅު ކަމަށެވެ.

ސައްލެ ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ކުޑަކުރިޔަސް، އެ ފީ އަހަރުން އަހަރަށް މުރާޖައާކުރާ ގޮތަށް ކަނޑައެޅިދާނެ ކަމަށާއި އަދި ކޮތަޅުން ނަގާ ފީ ތަކުރާރު ނުވާ ގޮތަށް، މިހާރު ޖީއެސްޓީ ނެގުމުގައި ޢަމަލުކުރާ އުސޫލު ކޮތަޅު ފީއަށް ލެވިދާނެ ކަމަށެވެ.

މިދިޔަ މެއި މަހު ގާނޫނު އިސްލާހުކުރަން ހުށަހެޅިނަމަވެސް މަޖިލީހުގައި ހިނގި ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި މަސައްކަތްތައް ހުއްޓި، އެ ބިލު ވެސް އޮތީ ތާށިވެފައެވެ.

ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރާޝިދު ހުށަހެޅުއްވި އެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި އަލުން ކުރިއަށް ގެންގޮސްފައިވާ އިރު، ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށީ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލުނު ދަނޑިވަޅެއްގައި ކަމަށެވެ.