ދެން ފެށޭ ރިޔާސީ އައު ދައުރުގައި ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ވެސް ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
ދަ ޑިމޮކްރެޓްސްގެ ފައުންޑަރ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިރޭ ވިދާޅުވީ، ދެން އުފެދޭ ޑރ. މުޢިއްޒުގެ ސަރުކާރުގައި އެ ޕާޓީން ވެސް ބައިވެރިވާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ދަ ޑިމޮކްރެޓްސް އިން ވާދަކޮށްފައިވާއިރު، އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު ވަނީ 15،389 ވޯޓާއެކު އިންތިޚާބުގެ ތިން ވަނަ ހޯއްދަވާފައެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓިސްއިން ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް ނިންމުމަށް އެ ޕާޓީގެ ޑިމާންޑްތަކެއް ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންނަށް ވެސް ހުށަހެޅިއެވެ. ނަމަވެސް އެ ޕާޓީން ދިން ސުންގަޑި ހަމަވިއިރު ދެ ކެންޑިޑޭޓުންކުރެ ކެންޑިޑޭޓެއް އެ ޑިމާންޑްތަކަށް އެއްބަސްނުވުމުން އެޕާޓީން ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުދޭން ނިންމާފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު އެ އިންތިޚާބުގެ ވަގުތީ ނަތީޖާ ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ ޢިއުލާންކޮށްފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ 129،159 ވޯޓު ހޯއްދަވައިގެންނެވެ. މި ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.
އަލަށް އިންތިޚާބުވި ރައީސުލްޖުމްހޫރިއްޔާ ހުވާކުރުން އޮންނާނީ މި އަންނަ ނޮވެމްނަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!