ސެޕްޓެމްބަރު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު، ދެކުނުގެ ތިން އަތޮޅަށް ފުރާވަޑައިގެންފިއެވެ.
އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ އައްޑޫ ސިޓީއަށެވެ. އެ ސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްފަހު، ދެން ވަޑައިގަންނަވާނީ ފުވައްމުލައް ސިޓީއަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ސިޓީއެއްގެ ދަރަޖަ ދެއްވި ގދ. ތިނަދޫއަށް ވެސް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މިއަހަރުގެ އަޟުހާ އީދަށްފަހު، އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ފެއްޓެވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ވަޑައިގަތުމުގެ އަމާޒާއެކުގައެވެ. އަދި އެ އަމާޒު ވަނީ ހާސިލު ވެސް ކުރައްވާފައެވެ.
އެހެންނަމަވެސް އިންތިހާބުގެ ދެވަނަ ބުރަށް ހޮވި ވަޑައިގަތް ފަހުން އަތޮޅުތަކަށް ދަތުރުފުޅު ކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނު އަމާޒު ހިއްޕަވާފައިވަނީ މާލެ ސަރަހައްދުގެ ގެތަކަށް ދޮރުން ދޮރަށް ހިންގެވުމާއި މާލޭގައި ކަންމަތީ ޖަލްސާ ބޭއްވެވުމަށެވެ.
މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރެއްވިއިރު، އެއްވެސް ބޭފުޅަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ، މި މަހުގެ 30 ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރެއް ބޭއްވުމަށް މިހާރުވަނީ ހުރިހައި ތައްޔާރީއެއް ވެފައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 101،128 ވޯޓެވެ. ދެވަނަ ހޯއްދެވި މިހާރުގެ ރައީސަށް ލިބިވަޑައިގަތީ 85،989 މީހުންގެ ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!