ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ނިންމެވި އެއް ކަމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ކަށަވަރުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް އަދި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭޕީގެ އިސް ބޭފުޅުންތަކެއް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ. އެ ބޭފުޅުންނަށް ހާއްސަޮށްގެން އެމްޑީޕީ ސޯސަން ޖަގަހައިގައި ވަނީ ފޯރިގަދަ ޖަލްސާއެއް ވެސް ބާއްވައިފައެވެ.
ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި އަމީން ވިދާޅުވީ މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ފުރަތަމަ ބުރުގައި ވާދަކުރެއްވި ގިނަ ކެންޑިޑޭޓުން އެންމެ ގިނަ އިން ކަންބޮޑުވުމާ އެކު ދެއްކެވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލްގެ ވާހަކަ ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލްގެ ވާހަކައަކީ ކުދިބޮޑު އެންމެ ވަރަށް ބޮޑަށް ކަންބޮޑުވާ ވާހަކައެއް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި އަޅުގަނޑުމެން މި ދެއްކި ވާހަކަ އަލުން އަނބުރާ ދައްކަން ނުޖެހޭ ފެންވަރަށް، އެ ޝަކުވާތައް އަލުން އެނބުރި ނާންނަ މިންވަރަށް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެންނަށް ކަށަވަރުކަން ދެއްވުން. މި ސަރުކާރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށްދޭނެކަމުގެ ޔަގީންކަން، އެ ކަށަވަރުކަން ދެއްވުން. މިރޭ (ރޭ) އެމަނިކުފާނު އެ ކަށަވަރުކަން އެ ދެއްވީ. އެއީ އަޅުގަނޑު މިތަނަށް އައި އެއް ސަބަބަކީ،" އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ބޭރުގެ ނުފޫޒުތަކުގެ ބާރުން ދިވެހިން ސަލާމަތްވުމާއި ހާރިޖީ ގުޅުންތަކުގެ ތެރޭގައި ހަމަހަމަކަމާއި އިންސާފާއި ގާއިމު ކުރައްވާނެ ކަމުގެ ޔަގީން ކަން ވެސް ރައީސް ދެއްވާފައިވާ ކަމަށެވެ. ޖުމްހޫރީ ޕާޓީން ދެއްކި ވާހަކަތަކުގައި މައްސަލައެއް އޮތް ނަމަ، މި ސަރުކާރުން ރަނގަޅު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވެފައިވާ އިރު، ޖޭޕީ މެމްބަރުންގެ މެދުގައި އުފެދުނު ޝައްކުތަކާއި ވަހްމުތައް ފިލުވައި ދެއްވާނެ ކަމުގެ ޔަގީން ކަން ވެސް ރައީސް ދެއްވާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި މައްސަލަތަކުގެ ވާހަކަތައް ނުދައްކާ ނަމަ، ދިވެހިންނަށް ކުރިއަށް ނުދެވޭނެއެވެ. އަދި ރައީސަށް ތާއީދުކޮށްގެން ހުންނެވީ އޭރު ދެއްކެވި މައްސަލަތައް ހައްލު ކުރެއްވޭނެ ކަމުގެ އުންމީދުގައި ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
އޭނާގެ ވާހަކައިގައި ވަނީ ކުރިއަށް އޮތް ތަނުގައި އިސްލާހީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!