ސިފްކޯ ހިޔާ އާއިގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް އެމްއެންޑީއެެފް އިން އިލްތިމާސް ކުރައްވައިފިއެވެ.

އެ އިދާރާ އިން މިގޮތަށް އިލްތިމާސް ކުރައްވާފައި މިވަނީ ސިފްކޯ ހިޔާ އާއިގުޅޭ ގޮތުން ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތައް ފަތުރަމުންދާތީއެވެ.

Ad
rt

އެމްއެންޑީއެފް އިން ވިދާޅުވީ ކުރިންވެސް ހާމަކުރައްވާފައިވާ ފަދައިން ސިފްކޯ ހިޔާގެ ރެސިޑެންޝަލް މަސައްކަތްތައް ނިމުމާއެކު ސިފްކޯ ލިބިލައްވާ ފަރާތްތަކަށް، ތަން ހަވާލުކުރުމަށް އެޕާޓްމެންޓްތަކުގެ އެލޮކޭޝަން ހެދުމަށްޓަކައި ގުރުއަތުލުން ބާއްވައި އެލޮކޭޝަންގެ ކަންކަންވަނީ ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އެގްރިމެންޓްތައް ހެދުމުގެ ކުރިން، އެޕާރޓްމެންޓްތައް އެކެއް އަނެކެއްގެ އެޕާރޓްމެންޓާއި ބަދަލުކުރުމުގެ ފުރުސަތު ދީ އެލޮކޭޝަންގެ ކަންކަން އެއްކޮށް ނިމުމާއެކު އެގްރިމެންޓްކޮށް ތަން ހަވާލުކުރަން ފެށިފައިވާ ކަމަށް ވެސް ވަނީ ވިދާޅޔވެފައެވެ.

މިގޮތުން މިހައިނަށް 68 ފަރާތަކާއި އެގްރިމެންޓްކުރެވި، 10 ފަރާތަކަ ށްތަޅުދަނޑި ހަވާލުކުރެވިފައިވާ ކަމަށާއި އިތުރު 22 ފަރާތަކަށް މިއަދުގެ ވަގުތެއްގައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ.

ސިފްކޯ ހިޔާގެ ފްލެޓްތައް ލިބިލައްވާ ފަރާތްތަކާއި ތަން ހަވާލުކުރުމަށް މިވަގުތު ހިދުމަތުގައި ތިއްބެވި ސިފައިންނާއިއެކު އެގްރިމެންޓްކޮށް ނިމުމާއެކު ހިދުމަތުން ވަކިވެވަޑައިގެންފައިވާ ބޭފުޅުންނާއި އެގްރިމެންޓްކޮށް ތަން ހަވާލުކުރަން ފެށޭނެ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި އެގްރިމެންޓްތަކުގައި ސޮއިކޮށް ތަން ހަވާލުކުރުމުގައި ސިފްކޯގެ މުވައްޒަފުން އެއްވެސް ވަރުބަލިކަމެއްނެތި މިހާރުވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމަށްވާތީ، ސިފްކޯ ހިޔާގެ މައުލޫމާތުތައް ފްލެޓްތައް ލިބިލައްވާ ފަރާތްތަކަށާއި މީޑިއާއަށް ފޯރުކޮށްދެމުން ދަނިކޮށް، ކަމުގެ ހަގީގަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ފަތުރަމުންދާ ހަގީގަތާއި ހިލާފު ވާހަކަތައް ހުއްޓާލުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކުރަައްވާފައެވެ.