މާގިނަ އިރުތަކެއްނުވެ ކައިރިކޮށްލި ކާރުގެ ތެރެއަށް އޭނާ އަވަސް އަވަހަށް ދެމިގަތެވެ. އަދި ގޭގެ ނަން ބުނެލުމަށްފަހު ސީޓުގައި ލެނގިލެވުނީ ވެފައިވާ ވަރުބަލިކަމުންނެވެ. ނަމަވެސް ކުރީ ސީޓާ ދިމާލު މަތީގައި ހަރުކޮށްފައިހުރި ލޯގަނޑުކޮޅުން ޑްރައިވަރުގެ މޫނު ފެނުމާއެކު ޔަޝްމީއަށް ތެޅިގަނެވުނެވެ.
" ޔަޝްމީ މޭމް! "
އިސާހިތަކު ޑްރައިވަރ އޭނާއަށް ގޮވާލިއެވެ.
" ޑްރައިވަރ ނައީމް! "
ޔަޝްމީއަށް ގޮވައިލެވުނީ ނުހަނު ކަންބޮޑުވެފައިވާ ރާގަކަށެވެ.
" ބޮސް ކޮބާ؟ ވީތަނެއް އެނގޭތަ؟ "
އެންމެ ސިކުންތު ކޮޅެއްވެސް ބޭކާރު ކުރުމެއްނެތި ޔަޝްމީ ނުހަނު އަވަހަށް ޑްރައިވަރާ ސުވާލުކުރިއެވެ. އޭރުވެސް ނައީމް ޔަޝްމީއަށް ބަލަމުން ދިޔައީ ލޯގަނޑުންނެވެ.
" މޭމް ފުރައިގެން ގޮސް ކުޑަ ދުވަސްކޮޅެއް ވީތަނާ އަޅުގަނޑަށްވެސް ނޫހުން ފެނުނީ ރިސޯޓްތައް ވިއްކާލި ވާހަކަ! ހަމައެކަނި ރިސޯޓްތަކެއް ނޫން.. ބޮސްގެ ގެއާއި ބައްޕަމެންގެ ގެވެސް މީހަކަށް އެއްކޮށް ވިއްކާލީ! ދެން އަޅުގަނޑަށް ކާރެއް ގަނެދީފައި ބުނީ ވަޒީފާ ގެއްލުނަސް ކާރު ދުއްވައިގެން އާމްދަނީ ހޯދާށޭ.. ޝުކުރު އަދާކޮށްލާނެ ފުރުޞަތެއްވެސް އަޅުގަނޑަކަށް ނުލިބުނު! އެއްޗެއް އަހާލާކަށްވެސް ނުކެރުނު.. އެދުވަހު ބޮސްގެ މޫނުމަތިން ފެނުނު ހިތާމައަކީ އަޅުގަނޑު ބޮސްއާއެކު މި ހޭދަކުރި ދިހަވަރަކަށް އަހަރުތެރޭގައިވެސް ދުވަހަކުވެސް ނުދެކޭފަދަ ހިތާމަވެރިކަމެއް! މިކާރު އަޅުގަނޑަށް ޙަވާލު ކުރި ދުވަހަކީ އެންމެ ފަހުން ބޮސް ފެނުނު ދުވަސް... އޭގެ ފަހުން އަދިވެސް ނުދެކެން. ފޯނަކަށް ނުވެސް ގުޅޭ.. އުޅޭ ތަނެއްވެސް ނޭނގެ"
ޑްރައިވަރ ވާހަކަ ދެއްކީ އަސަރާއެކު އެހާ މަޑުމަޑުންނެވެ. އަޑުއަހަން އިން ޔަޝްމީގެ ދެލޮލުން ކަރުނަ ފައިބަމުންދާ މަންޒަރު ފެނި އޭނާ އިތުރަށް ވާހަކަ ނުދައްކާ މަޑުކޮށްލިއެވެ. އިސްޖަހައިގެން އިނދެ ޔަޝްމީ ހިތްފުރެންދެން ރޮމުން ދިޔައެވެ. އޭރު ޔަޝްމީގެ ގެއާ އަރާ ހަމަވުމުން ކާރުގެ ދުވެލިވެސް މަޑުކޮށްފިއެވެ.
" ޑްރައިވަރ ނައީމް ފެނުމުން ވަރަށް އުފާވެއްޖެ! "
ނޭފަތް ދަމާލަމުން ޔަޝްމީ އޭނާއަށް ފައިސާ ދިއްކޮށްލިއެވެ. ނަމަވެސް ފަހަތަށް އެނބުރި އިން ޑްރައިވަރ ވަގުތުން ދެފަރާތަށް ބޯ ހޫރާލުމަށްފަހު ފައިސާ ބޭނުން ނުވާ ކަމުގައި ބުނެލިއެވެ.
" އަޅުގަނޑު ކިހިނެއްތޯ މޭމްގެ އަތުން ފައިސާ އަތުލާނީ! "
އޭނާ އެހެން ބުނެލުމުން ހިނިތުންވެލަމުން ޔަޝްމީ ބުނެލިއެވެ.
" އެކަމަކުވެސް.. މީގައި ހިފީމަ އަހަރެން ވަރަށް އުފާވާނެ..."
ސީޓު މަތީގައި ފައިސާ ބޭއްވުމަށްފަހު ޔަޝްމީ އަވަސް އަވަހަށް ކާރުތެރެއިން ފޭބިއެވެ.
****
ޒޫނާގެ މޫނަށް ބަލަހައްޓައިގެން ޖާވިދް އިނީ ހެވިފައެވެ. ރިހާކުރާ ތެލުލިފަތާއެކު ބަތް މޮޑެން އިން ޒޫނާއަށްވެސް އިރުއިރުކޮޅުން ޖާވިދަށް ބަލައިލެވެއެވެ. ތުއި ހިނިތުންވުމެއްގައެވެ.
" ކީއްވެތަ މާ ވަރަކަށް ތި ބަލަނީ؟ "
ލަދުން އިނދެ ޒޫނާ އަހާލިއެވެ. އެއާއިއެކު ރަނގަޅަށް ގޮނޑީގައި ހަމަޖެހިލަމުން ޖާވިދް ފުންނޭވާއެއް ދޫކޮށްލިއެވެ.
" ކީއްވެތަ ތި ހުއްޓުވަނީ؟ އަހަރެން ބެލިޔަ ދީބަލަ! "
މޫނުގައި އަތް ވިއްދާލަމުން ޖާވިދް ބުންޏެވެ. ޖާވިދްގެ ރާގު ހުރިގޮތުން ޒޫނާ އިތުރަށް ލަދުގަތެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ތެދުވެ، އަތް ދޮންނަ ސިންކާ ދިމާލަށް މިސްރާބު ޖެހިއެވެ.
" ދެން އެކަމަކު.. ޖާވިދް އުޅެނީ އަހަރެން ލަދުގަންނަވަން..."
ޖާވިދަށް ފުރަގަސްދީގެން ހުރެ ޒޫނާ ބުނެލިއެވެ. ރަނގަޅަށް ދެއަތް ދޮވެލައިގެން އަތް ހިއްކަން ހުރެ އަނެއްކާވެސް ޒޫނާ ވާހަކަ ދައްކަން ފެށިއެވެ.
" ދެން އަވަހަށް ކާން ފަށާބަލަ! އަހަރެން މޮޑުނީމަ މީރޭ ބުނީމެއްނު"
" އާނ. ވަރަށް މީރު! "
ބަތްސަމްސަލެއް ކާލަމުން ޖާވިދް އަވަސް އަވަހަށް ބުނެލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ޒޫނާއަށެވެ.
"އަހަރެން ހިތަށް އަރާ އަހަންނަށް ޒޫނީ ކުރިން ދިމާނުވީ ކީއްވެބާއޭ؟ "
ޒޫނާ އައިސް އިށީނުމާއެކު އަނެއްކާވެސް ޖާވިދް ބުންޏެވެ.. އެއާއިއެކު ޒޫނާ ދެކޮނޑު ހިއްލާލީ ފުޅާ ހިނިތުންވުމަކައިގެންނެވެ.
" އަހަރެމެން ދެމީހުން މި ދިމާވީ ހަމަ އެންމެ ރަނގަޅު ވަގުތުގައި! ދެން މާޒީގެ ވާހަކަ ބާއްވާ! އަހަރެން ވަރަށް މޫޑު އޮފްވޭ"
ޒޫނާ އެހެން ބުނުމުން ޖާވިދް ހީލަމުން ބޯ ޖަހާލީ ޒޫނާ ނުރުހޭ އެއްވެސް ކަމެއް ނުކުރާނަމޭ ބުނާ ދަފަ ގޮތަކަށެވެ.
" ބައްޕަ ބުނީ ޗުއްޓީ ހުސްނުވަނީސް ހަނީމޫނަށް ދާށޯ! "
ޒޫނާ އެހެން ބުނުމުން ޖާވިދްގެ މޫނުމަތިން އުފާވެރިކަން ވިދައިގަތެވެ. ޒޫނާއާއެކު އެފަދަ ދަތުރެއް ދާހިތުން އޭނާ ހުރީ ކެތްމަދުވެފައެވެ.
" ޖާވިދް! އަހަރެން މިހާރު ބޭނުންވަނީ ރާއްޖެތެރޭގެ ރަށަކަށް ދާން.."
ޖާވިދް ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ޒޫނާ އިތުރަށް އެއްޗެއް ނުބުނެ މަޑުކޮށްލިއެވެ. އެއާއިއެކު ފެންފޮދެއް ބޯލުމަށްފަހު ޖާވިދް ޒޫނާއަށް ބަލައިލިއެވެ.
" ޒޫނީއަށް ކަމުދާ ކޮންމެ ތަނެއް އަހަންނަށް އޯކޭ! އެހެންވިއްޔާ ހިނގާ ލާމު އަތޮޅަށް ދާން.. މީހުން ކިޔާ ވަރަށް ރީތި ވާނެޔޭ"
ޖާވިދް ދިން ޚިޔާލް ޒޫނާއަށް އަދި މާ ކަމުދިޔައެވެ. އެހެންކަމުން އޭނާ ވަގުތުން އެކަމަށް އެއްބަސްވެސް ވިއެވެ.
***
ހާރޫންގެ ޚަބަރެއް ލިބޭތޯ ރެޔާ ދުވާލު ޔަޝްމީ އިންޓަރނެޓް ޗެކް ކޮށް ހަދައެވެ. ސޯޝަލް މީޑިއާއިންވެސް ހާރޫން ފެނޭތޯ އެކި ގޮތްގޮތަށް އޭނާގެ ނަންޖަހައި ބަލައި ހަދައެވެ. މިރޭވެސް އޭނާ އޮތީ އިންސްޓަރގްރާމް ބަލާށެވެ. ހާރޫންގެ ފޮޓޯއެއް ނަމަވެސް ފެނޭތޯއެވެ. ފޮޓޯތައް ބަލަަަބަލާ އޮއްވާ ކުއްލިއަކަށް އޭނާ ސިހުނީ ރަޝާގެ އަޑަށެވެ.
" އޭ! ދޮންބެ ނަތާ ވަރިކޮށްފި! "
ރަޝާ އައިސް ޔަޝްމީގެ އެނދުގައި އިށީނުމާއެކު ޔަޝްމީ ތެދުވެ ފާރުގައި ލެނގިލީ ހައިރާން ކަމާއެކުއެވެ.
" ކިހިނެއްވީ ކުއްލިއަކަށް؟ "
"މިހާރި ދެތިން ދުވަސް ވެއްޖެޔޯ އެކަން ނިންމާލިފަހުން! ބޭބެ ބުނީ އަބަދާއަބަދު ޔަޝްމީއާ އަޅުވާ ކިޔަނިއްޔޯ! އެންމެ ފަހުން ކެތްނުވެގެން ވަރިކުރިއްޔޯ!"
ރަޝާގެ ޖުމްލައިން ޔަޝްމީއަށް އިސްޖަހާލެވުނެވެ. އެ ޚަބަރުން އޭނާގެ ހިތަށް ވަރަށް ބޮޑަށް އުނދަގޫވާން ފެށިއެވެ.
" އެކަމަކު.. އަހަންނާހެދި މީހަކަށް އެވަރުގެ ބޮޑު ދެރައެއް ލިބޭކަށް ބޭނުމެއްނޫން... ނަތާއަށް ޙަޤީޤަތް ނޭނގުނަސް އޭނަ މިއަދު ހާދަ ހިތާމައެއް ކުރާނެޔޭ! އޭނަ ހަމަ ހީކުރާނީ ރަހީލް އަހަންނާ އެފެއަރ އެއް އޮންނަނީކަމަށް.."
ޔަޝްމީ އަސަރާއެކު ވާހަކަ ދައްކަން ފެށުމުން ރަޝާ ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި އެނދުމަތިން ބާލީހެއް ނަގައި އުނގުމަތީގައި ބާއްވާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ޔަޝްމީއަށް އަދި އޭނަގެ ގޮތް ނޭނގިގެން ތިއުޅެނީ! ބޭބެ ހުންނަނީ ނޭވާވެސް ނުލެވޭ ވަރަށް ފިއްތާފަ! ބޭބެ ކެތްތެރިކަމުން އެ އުޅުނީވެސް..އަހަންނަށް މާ ރަނގަޅު! ބޭބެވެސް ނޫޅޭ ދެރަވެގެންނެއް.."
ރަޝާގެ ވާހަކަތައް އަޑުއަހަން އިނދެ ޔަޝްމީ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
" އަދި އެބައޮތް އެއްވާހަކަ! "
ރަޝާ އެހެން ބުނެލީ ސީދާ ޔަޝްމީގެ ދެލޮލަށް ބަލަހައްޓައިގެން އިނދެއެވެ. އެއާއިއެކު ސުވާލުގެ ނަޒަރަކުން ޔަޝްމީ ރަޝާއަށް ބަލަން ފެށިއެވެ.
" ރުޅި ނާންނައްޗޭ! ޕްލީޒް.. ޕްލީޒް! "
ޔަޝްމީގެ އަތުގެ މުލައްދަނޑީގައި ކޮއްޓާލަމުން ރަޝާ އެދުނެވެ. އެއާއިއެކު ބިރުގަނެފައި އިންފަދަ ގޮތަކަށް ޔަޝްމީ ބޯޖަހާލީ ރަޝާ ދައްކަން އުޅޭ ވާހަކަ، ކޮންމެވެސް ވަރަކަށް ދެނެގަނެވުމުންނެވެ.
" ބޭބެ ބުނީ ޔަޝްމީއާ ބައްދަލްކޮށްލަން ބޭނުމޯ! "
" އެ ކީއްކުރަން؟ "
ރަޝާގެ ޖުމްލަ ރަނގަޅަށް ނުނިމެނީސް ހިތްހަމަ ނުޖެހޭ ރާގެއްގައި ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ގައިން ވާގި ދޫކޮށްލުމަށްފަހު ރަޝާ ދެކޮނޑު އެލުވާލިއެވެ.
" އަޅެ އަހަރެން ބުނީމެއްނު ރުޅި ނާންނައްޗޭ! ޕްލީޒް.."
" ރަހީލް އަހަންނާ ބައްދަލް ކުރަންޖެހޭނެ ސަބަބެއް ނޯންނާނެއެއްނު!"
ޔަޝްމީ ބުނެލީ ރުންކުރު ގޮތަކަށެވެ.
" އެ ނަތާއާ ހެދި ބޭބެ އަހަރެން މިގޭގައި ބެހެއްޓީވެސް! އޭނަ ބޭނުންވީ ބޭބެޔާ އެކު އެކަނި އުޅެން.. މިހާރު ނަތާއާއެކު އުޅުނު އެޕަރޓްމަންޓް ދޫކޮށްލާފައި ދެ ރޫމް ތަނެއް ނަގާ ވާހަކަ ބުނެފި! އަހަރެން ބޭނުން އަހަންނާއެކު ޔަޝްމީވެސް ދާން. އޭރުން ޔަޝްމީއަކަށް ނުޖެހޭނެ ލާރި ދައްކާކަށް.."
ރަޝާ އުފަލުން އިނދެ ވާހަކަ ދެއްކި ނަމަވެސް ޔަޝްމީގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ރަޝާ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އިން އިރުގައިވެސް ޔަޝްމީއަށް އުނދަގޫވަމުންދިޔަކަން އޭނާއަށް އިޙްސާސްކުރެވުނެވެ.
" ބޭބެގާތު އެހީމަވެސް ބުނީ އޯކޭއޭ! ދެން ޕްލީޒް ބޭބެއާ މީޓްކޮށްލަބަލަ! ދައްކާ ވާހަކައެއްވެސް އެނގިދާނެއެއްނު.."
ރަޝާ އެހެން ބުނުމާއެކު ޔަޝްމީ ފަރުވާތެރިކަމާއެކު ރަޝާގެ މޫނަށް ބަލައިލިއެވެ.
" ރަޝާ އަހަރެންގެ ލައިފްގެ ވާހަކަތައް ރަހީލްއަށް ކިޔައިދިނިންތަ؟ "
ޔަޝްމީގެ ޖުމްލައިން ރަޝާ ވަގުތުން ނޫނެކޭ ބުނެލިއެވެ. އަދި އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ.
" ޔަޝްމީއާ ބެހޭ އެއްވެސް ވާހަކައެއް އަހަރެން ނުކިޔައިދެން! އަހަންނަށް ހީވަނީ ޖޮބްގެ ވާހަކަ ދައްކަން ވެގެންހެން! އަދި އެއްވާހަކަ ބުނަންތަ؟ އަހަރެންގެ ބޭބެއަކީ އެހާ ކޫސަނި މީހެއް ނޫން! ޔަޝްމީއަށްވެސް ބޭބެގެ ގޮތް އެނގޭނީ ދުވަސްކޮޅަކު އެކުގައި އުޅެލީމަ"
އެހެން ބުނުމަށްފަހު ރަޝާ އަވަސް އަވަހަށް ތެދުވެގެން ގޮސް މަތީ އެނދަށް އެރިއެވެ. އެމަންޒަރު ބަލަން އިން ޔަޝްމީގެ ހިތް ކުރިއަށްވުރެ ބޮޑަށް ނުތަނަވަސް ވެގެން ދިޔައެވެ. ކުރިމަތިވާން އުޅެނީ ކޮންކަހަލަ ކަންތައްގަނޑެއްބާވައޭ ހިތަށް އެރުމާއެކު އޭނާއަށް އޮށޯވެލެވުނެވެ. އިރުކޮޅަކު ވިސްނަން އޮތުމަށްފަހު އޭނާ ރަޝާއަށް މެސެޖެއް ލިޔަން ފެށީ މަޢާފަށް އެދިފައެވެ. އަދި ބޭބެއާ ބައްދަލް ކުރަން އެއްބަސްވެސް ވިއެވެ.
***
" ޔަޝްމީ! ޔަޝްމީ! "
ޔަޝްމީއަށް އިވުނީ ހާރޫންގެ ރީތި ބަރު އަޑެވެ. ނަމަވެސް ވަރުބަލިކަމާއެކު މެރިފައިވާ އޭނާގެ ދިގު އެސްފިޔަތައް ބަރު ކަމުން ދެލޮލެއް ނުހުޅެވުނެވެ. ހާރޫން ދެކިލާ ހިތުން ހިތްވެސް ތެޅި ފޮޅެނީއެވެ. ނަމަވެސް ޔަޝްމީއަށް އޭނާގެ ހަށިގަނޑު ގުޑުވައެއް ނުލެވުނެވެ. އަތާއި ފަޔާއެކު މުޅި ހަށިގަނޑުވެސް ހީވަނީ ކަސްތޮޅު އެޅިފައި އޮތް ހެންނެވެ.
" ޔަޝްމީ! އަހަރެންދެކެ ތިވަރަށް ލޯބި ނުވޭ! އަހަރެން މަތިން ހަނދާން ނުކުރޭ ޔަޝްމީ! އަހަރެން މިހާރު މިވަނީ ޔަޝްމީއާ މާ ދުރުގައި.. ދެން އަހަރެމެން ދެމީހުން ދުވަހަކުވެސް ބައްދަލެއް ނުވާނެ! އަހަންނަށްޓަކައި ޢުމުރު ހުސްކޮށްނުލާ.. ޔަޝްމީގެ ޙާލަތު ޤަބޫލުކޮށް ޔަޝްމީދެކެ ލޯބިވާ މީހަކާއެކު ޙަޔާތުގެ ދަތުރުގައި ކުރިއަށްދޭ! އަހަރެން ހޯދަން މަސައްކަތް ނުކުރޭ! އަަހަރެންވެސް ޔަޝްމީ މަތިން ހަނދާން ނައްތާލައިފިން.."
ބާރުބާރަށް ޔަޝްމީއަށް އިވެމުންދިޔަ ހާރޫންގެ އަޑު، ކެނޑުމާއިއެކު އޭނާއަށް ތެޅިގަނެވުނެވެ. ދެލޯ ހުޅުވުމާއެކު ލޮލު ތެރޭގައި ހިފެހެއްޓިފައި ހުރި ކަރުނަތައްވެސް ފުރިގެން ބަންޑުންވިއެވެ. އެއާއިއެކު އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އޭރު މުޅި މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ހާސްވެ، ބިރުގަނެފައެވެ.
" ނޫން.. ހާރޫން އަހަރެން މަތިން ހަނދާން ނައްތައެއް ނުލާނެ.. ނުލާނެ! އަހަންނަށް ހަމަ ޔަޤީން.. "
ޔަޝްމީއަށް ހިތާހިތާ ކިޔެމުން ދިޔައެވެ. ފެނުނު ހުވަފެނުގެ ބިރުވެރިކަމުން ޔަޝްމީއަށް އިތުރަށް ނިދޭގޮތެއްވެސް ނުވިއެވެ. އެހެންކަމުން ފަތިސް ނަމާދު ވަގުތުގެ އިންތިޒާރުގައި އޭނާ އޮތީއެވެ.
***
ސޯލްޓް ކެފޭއަށް ދޮރުމަތީގައި ޔަޝްމީ މަޑުކޮށްގެން ހުރީ ރަހީލްގެ އިންތިޒާރުގައެވެ. އޭރުވެސް އޭނާއަކަށް ހަމަޖެހުމެއް ނުލިބެއެވެ. ރަހީލްއާ ބައްދަލް ވެލުމަށް އެއްބަސް ވެވިފައި އޮތުމުން އަންނަން މަޖުބޫރުވީއެވެ. މަޑުނޫ ކުލައިގެ އަބާޔާ ހެދުމާ ގުޅޭގޮތަށް ހަމަ އެކުލައިން ޝޯލް އަޅާފައި ހުރުމުން މިރޭ ޔަޝްމީ ފެންނަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ. ވަޔާ ވިހުރެމުންދާ އަބާޔާގެ ފަސްބައި ހިފަހައްޓާލައިގެން ހުރި ޔަޝްމީ އޭރުވެސް ބަލަމުން ދިޔައީ ރަހީލް އާދޭތޯއެވެ. ފުރަތަމަ ފަހަރަށް ހިލޭ ފިރެހެނަކާ ބައްދަލް ކުރަން އާދެވުނީތީ ބައެއް ފަހަރު އޭނާގެ ނަފްސުވެސް އޭނާއަށް މަލާމާތް ކުރާ ކަހަލައެވެ.
" ސޮރީ! ލަސްވީ ޕެޓްރޯލް ކިއު ދިގުކަމުން.. ހިނގާ އެތެރެއަށް"
ކުއްލިއަކަށް އައިސް ހުއްޓުނު ރަހީލް ބުނެލިއެވެ. އޭރު އޭނާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. އެއްޗެއް ނުބުނެ ޔަޝްމީ މަޑުމަޑުން ގޮސް އެތެރެއަށްވަނީ ރަހީލްގެ ފަހަތުންނެވެ.
" ކޯއްޗެއް ކާނީ ؟ "
މެނޫ ނަގަމުން ރަހީލް އަހާލިއެވެ. ނަމަވެސް އެއްވެސް ޝައުޤުވެރިކަމެއް ނެތި ޔަޝްމީއަށް އޭރުވެސް އިނދެވުނީ ދުރަށް ބަލަހައްޓައިގެންނެވެ.
" ކައިގެން މިއައީ.. ފެންފޮދެއް ރަނގަޅުވާނެ"
އިސްޖަހާލަމުން ޔަޝްމީ ބުނެލިއެވެ. ޔަޝްމީ އިނީ ރަހީލްގެ މޫނަށްވެސް ބަލައިލަން ބޭނުން ނުވާ ކަހަލަ ގޮތަކަށެވެ.
" އޯހް.. އެހެންތަ؟ ޔަޝް ނުކަންޏާ އަހަންނެއްވެސް ނުކާނަން.. އެކަމަކު މިތަނަށް ވަދެވުނީމަ ދެން ޖެހޭނީ ކޮންމެވެސް އެއްޗެއް ގެންނަންތާ! އެހެންވީމަ ކޮފީއެއް ނަގާނީ"
ރަހީލް އެހެން ބުނެލުމަށްފަހު ކޮފީއަކަށް އޯޑަރ ދިނެވެ. އަދި ހަމަޖެހޭގޮތް ދައްކާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" މިތަނަށް އައިސް ދިނީތީ ތޭންކްސް"
" އަހަރެން މިއައީ އަހަރެންގެ ރަޙްމަތްތެރިޔާ ދެރަ ނުކުރަން ވެގެން.. މިތާ އެހާ ލަސްވާކަށް ބޭނުމެއްނޫން.. ރަހީލް ދައްކަން ބޭނުންވާ ވާހަކައެއް އޮތިއްޔާ ތަންކޮޅެއް އަވަހަށް ބުނަންވީނު"
ޔަޝްމީ އިސްއުފުލައިލަމުން ރަހީލްއަށް ބަލައިލިއެވެ. އެއާއިއެކު ނުތަނަވަސްކަމާއި ކަންބޮޑުވުން ރަހީލްގެ މޫނުމަތިން ޔަޝްމީއަށް ފާހަގަ ކުރެވުނެވެ.ނަމަވެސް ޔަޝްމީ ބަލައިލުމާއެކު އޭނާ ގަދަކަމުން ހިނިތުންވާން މަސައްކަތްކުރިއެވެ.
" އަލުން ޖޮބަށް އަންނަންވީނު.. މިހާރު އެއްޗެއް ބުނާނެ މީހަކު ނުހުންނާނެ! "
ރަހީލް އެދުނީ އާދޭހުގެ ރާގަކަށެވެ،
" ތިވާހަަކަ ބުނަންތަ މިތަނަށް އަހަރެން ތި ގެނައީ؟ ރަޝާ ލައްވާވެސް ނޫނީ ފޯނުންވެސް ތިވާހަކަ ބުނެވުނީސް.."
ޔަޝްމީ ބޭނުންވީ ރަހީލްގެ ހިތުގައި އޭނާއާއިމެދު އިޙްސާސްތަކެއް ހިނގުމުގެ ކުރިން އޭނާމަތިން ފޫހިކޮށްލާށެވެ. އަދި ޔަޝްމީއާމެދު ދެކޭގޮތް ބަދަލު ކުރުވާށެވެ.
" އަދި އިތުރު ބޭނުމެއްވެސް އެބައޮތް"
މިފަހަރު ރަހީލްގެ ރާގު ހުރީ ވަރަށްވެސް މައިތިރިކޮށެވެ. ފަރުވާކުޑަ ގޮތަކަށް ބަލަހައްޓައިގެން އިން ޔަޝްމީގެ ހިތަށް އޭރުވެސް ނުބައި ވަސްވާސްތައް ވަންނަމުން ދެއެވެ.
" ޙަޤީޤަތުގައި ޔަޝްމީއަކީ ރަޝާގެ ރައްޓެއްސެއްކަން އެކަނި އަހަންނަށް އެނގެނީ! ޔަޝްމީގެ އިތުރު އެއްވެސް އެއްޗެއް އަހަންނަކަށް ނޭނގެ.. އެކަމަކުވެސް.. އަހަންނަކަށް ނޭނގެ ކީއްވެގެން ކަމެއް އަހަރެންގެ ހިތް ވަރަށް ބޮޑަށް ބަދަލު ވެއްޖެ.. އަހަންނަކީ އެއްވެސް އެއްޗެއް ސިއްރުކޮށް އޮޅުވާލާނެ މީހެއްނޫން.. އެތައް އަހަރެއް ވަންދެން އިނދެގެން އުޅުނު އަނބިމީހާ ވަރިކޮށް ފޮނުވާލަން ޖެހުނީތީ އެކަމާވެސް އެއްވެސް ހިތާމައެއް ނުކުރަން.. މިހާރުވެސް އަހަންނަށް ހީވަނީ އާލޯތްބަކަށް އަހަރެންގެ ހިތުގައި ވިންދު ޖަހާހެން"
ރަހީލްގެ އެންމެ ފަހު ޖުމްލައިން ޔަޝްމީއަކަށް މަޑަކުން ނީނދެވުނެވެ.
" ރަހީލް ޕްލީޒް! ދެން ނޫން.. ތިގޮތަށް އަހަންނާ ވާހަކަ ނުދައްކާ!.."
ޔަޝްމީ ވާހަކަ ދެއްކީ ތަންކޮޅެއް ހަރުކަށި ގޮަތަކަށް ނަމަވެސް މަޑުމަޑުންނެވެ. އޭރު އޭނާގެ ދެލޯ ފެންކަޅި ވަމުންދާތަން ރަހީލްއަށް ފެނެއެވެ.
" ޔަޝްމީއަކީ ކޮންމެ މީހަކަސް އަހަރެން ބޭނުން ޔަޝްމީ! އަހަންނަށް ވަރަށް ކަމުގޮސްފި!"
ރަހީލް އެހެން ބުނުމާއެކު ޔަޝްމީގެ ދެލޮލުން ފެންތައް ފައިބައިގަތެވެ.
" އަހަންނަށް ޔަޝްމީ ގެންގުޅެވޭނެ.. "
ރަހީލް ހުއްޓާކަށް ނޫޅުނެވެ. އެންމެފަހުން ބާރުބާރަށް ތެދުވެގެން ޔަޝްމީ ނިކުތީ ބޭރަށެވެ. ފަހަތުން ރަހީލްވެސް ނިކުމެގެން ދިޔައެވެ. އޭރު ކޮފީތަށި ހިފައިގެން އައިސްއައިސް ހުރި ވެއިޓަރު ހުރީ ވާނުވާ ނޭނގި އެމީހުންނަށް ބަލަހައްޓައިގެންނެވެ.
" ރަހީލް އަހަންނާމެދު ތިހެން ވިސްނާކަން އެނގުނު ނަމަ އަހަރެން ނުވެސް އައީމުސް"
ބޭރުގައި ހުއްޓި ހުރި ޔަޝްމީއަށް ރަހީލް ފެނުމާއެކު ބުނެލިއެވެ. އެއާއިއެކު ރަހީލް ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން ބޭނުން ޔަޝްމީއާ ވާހަކަ ދައްކަން"
ދެލޮލުން ކަރުނަ ފުހެލުމަށްފަހު ޔަޝްމީ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރު އާދަޔާ ޚިލާފަށް އޭނާގެ ލޭ ކެކެމުން ދާހެން ހީވެއެވެ.
" އަހަންނާ ވާހަކަ ދައްކަން ނަހަދާ! ގެއަށް ގޮސް ރަޝާއަށް ގުޅާފައި ބުނޭ އަހަރެން ބުންޏޭ އަހަރެންގެ ހުރިހާ ޙަޤީޤަތެއް ކިޔައިދޭށޭ! ގުޅާ! ރަޝާ ގާތު ބުނޭ ކިޔައިދޭށޭ! ކަންކަމުގައި ތިހާ އަވަސް އަރުވާލައިގެން އުޅެފައި، ކަމުގެ ޙަޤީޤަތް އެނގުނީމަ ފަހަތަށް ޖެހި މީހާ ފިލާ މަންޒަރުވެސް ދެކެން ބޭނުން"
ޔަޝްމީ ބުނެލި މާނަ ފުން ޖުމްލައިން ރަހީލްއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ނަމަވެސް ރަހީލްއަކީ ކުރިމަތިލާ ކޮންމެ ކަމެއް ކުރަން ފަސްނުޖެހޭ މީހެކެވެ. ޢަޒުމް ވަރުގަދަ މީހެކެވެ. އަދި އެއީ އޭނާ ބޭނުންވާ ކަމެއް ކޮށްފައި ނޫނީ ދޫދޭ މީހެއްވެސް ނޫނެވެ. ޖީބުގައި އޮތް ފޯނު ނެގިއިރު ބާރުބާރަށް ހިނގާފައި، ޔަޝްމީ މާދުރަށް ގޮއްސިއެވެ. އޭރުވެސް ރަހީލަށް ހުރެވުނީ ހިނގައިގަންނަންވެސް ނޭނގިފައެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ދެން ހާރޫންގެ ބާބު ނިމުނީ ދޯ
Eee kon raheel ehtha sala haaroona evesglhumeh onna meehehthaey mihenmibuny kurin haaroonu buni Aailaage ehves meehaku ulhey thaneh nengeye Akamves yasmeeah dhera gotheh vaakah neydhen. Varah reethi mibaives
V v salhi…but yashmee aa haaroon dhurunukurahchey…haroon vahakain gelluvaanulahchey …plx
ހާރޫނު އެވަރަށް
އާދޭސްކޮއްބުނީމަވެސް ގަބޫލެއްނުކުރި ގޮއިދޫނުކުރާމީހުނަށް ވާނީ އެހެން ދެންކީކުރަޒްތަ އެވައްތަރަންއުޅެނި ހާރޫނުދެން.މަރުވީތަ ހާރޫނަށްވިގޮތެއްނޭގޭތީވެސް ދެރަވެއްޖެ
haaroon dhurunukurahchey…haroon vahakain gelluvaanulahchey …plx