ޖީބުގައި އޮތް ފޯނު ނެގިއިރު ބާރުބާރަށް ހިނގާފައި، ޔަޝްމީ މާދުރަށް ގޮއްސިއެވެ. އޭރުވެސް ރަހީލަށް ހުރެވުނީ ހިނގައިގަންނަންވެސް ނޭނގިފައެވެ.
***
" ބޭބޭ! އަހަރެން މިކިޔައިދިނީ ޔަޝްމީ އަހަންނާ ހިއްސާކުރި ވާހަކަތައް... ދެން ބުނެބަލަ! ބޭބެ ހަމަ އަދިވެސް ޔަޝްމީއާ މެރީ ކުރަން ބޭނުންތަ؟ "
ކަނާތު ކަންފަތަށް ފޯނު ބަދަލު ކޮށްލަމުން ރަޝާ ސުވާލު ކުރިއެވެ. އޭރު ރަހީލަށް ހުރެވުނީ ވާހަކަ ދައްކަންވެސް އުނދަގޫ ވެފައެވެ. ޔަޝްމީއާމެދު މާބޮޑަށް އުއްމީދު ކުރެވުމުގެ ސަބަބުން ހިތުގައި ޖެހިފައެވެ. އަދި އިވުނު ވާހަކަތައް ޤަބޫލު ކުރަން ދަތިވެފައެވެ.
" ކީކޭ ބުނާނީ! ޔަޝްމީއަށް ވިސްނައިދީފާނަންތަ؟ ދަރިޔަކު ނެތުމަކީ ދިރިއުޅުން ހަލާކުވެގެން ދާންޖެހޭނެ ސަބަބެއް ނޫނެއްނު! ޔަޝްމީގެ ކުރީގެ ފިރިމީހާ މިހާރު ހުންނާނީ ޔަޝްމީ މަތިން ހަނދާންނެތިފައި! އެހެން ނޫނަސް އޭނަގެ އެއްވެސް ހަބަރެއް ނުވަންޏާ ދެން ދުނިޔޭގައި ހުރި ކަމެއްވެސް ނޭނގެއެއްނު.. ރަޝާ! ބޭބެއަށް ކަމެއް ކޮށްދެންޏާ މިކަހަލަ ގޮތަކަށް އޭނައާ ވާހަކަ ދައްކަބަލަ"
ގާތް ރަޙްމަތްތެރިއެއް ފަދައިން ރަހީލް ރަޝާގާތު އެދުނެވެ. އެއާއިއެކު ރަޝާ ޖަހާލީ އާދައިގެ ހިނިގަނޑެކެވެ.
" އަހަރެން އަބަދާއަބަދު ތިވާހަކަތައް މި ދައްކަނީވެސް.. އެކަމަކު ޔަޝްމީ ޤަބޫލެއް ނުކުރެ.. ދެން ޔަޝްމީއާ މެރީ ކުރަން ބޭނުން ވަންޏާ ބޭބެ ސީރިއަސްކޮށް އެވާހަކަ ދައްކަން ވީނު"
ރަޝާގެ ހިޔާލު ޤަބޫލުކުރުމަށްފަހު ރަހީލް ފޯނު ބޭއްވީ ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހިގެންނެވެ. އަނެއްކާވެސް އޭނާއަށް ޔަޝްމީއާމެދު އުއްމީދު ކުރެވެން ފެށުނެވެ. އޭނާއަށް ވިސްނައިދީގެން ޔަޝްމީގެ ފަރާތުން އުފާވެރި ޖަވާބެއް ލިބޭނެކަމަށެވެ. ޔަޝްމީގެ ހިތް ލަންބުވައިލެވޭނެ ކަމަށެވެ. އަދި ދެމީހުން އެކުގައި ކައިވެނި ކުރެވި ދިރިއުޅުމެއް އާރާސްތު ކުރެވޭނެ ކަމަށެވެ.
***
" ޝަހާނާ މީހަކާ އިނދެފިޔޯ "
ބޭރުން އައިސް ޖާވިދް ގެއަށް ވަނުމާއެކު ޒޫނާ ބުނެލިއެވެ. އެއާއިއެކު ޖާވިދް ހައިރާންކަމާއެކު ހީލިއެވެ.
" ދެން؟ "
ޒޫނާ ގާތު އޮށޯވެލަމުން ޖާވިދް ބުންޏެވެ. އެއާއިއެކު ޒޫނާ ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ.
" ކަމެއްނުވެ! މިއަދު އެގޭދޮށަށް ގޮސް އައިސް މަންމަ ބުނި ޝަހާނާ މަންމަ ބުންޏޭ މާލޭ މީހަކާ ކައިވެނި ކުރި ވާހަކަ! "
ޒޫނާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ޖާވިދް އޮތެވެ. އެހެންކަމުން ކުޑަކޮށް ބޯ ހިއްލާލުމަށްފަހު ޒޫނާ ޖާވިދްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ޖާވިދަށް ލިބިފައިވާ ހަމަހިމޭންކަމުގެ ސަބަބުން ޒޫނާގެ ހިތް ނުތަނަވަސްވެގަތެވެ. އެހެންކަމުން އޭނާ ޖާވިދްގެ ގައިގައި ބައްދާލީ ދެއްކުނު ވާހަކައިން މޮޔަ ހީވެގެންނެވެ.
" ޝަހާނާއަކީ އަހަރެންގެ އަލަތު ލޯބި! ކައިވެނިކޮށްގެންވެސް އުފާވެރި ދުވަސްތަކެއް އުޅުނިން.. އެކަމަކު ހުރިހާ ކަމެއް ބަދަލުވެ ދިޔައީ. އެހެންވީމަ އެއީ އަހަރެންގެ މާޒީ.. ހިތި މާޒީއެއް. އަލުން ހަނދާންކުރާކަށް ބޭނުމެއް ނޫން! އެއްވެސް މީހަކަށް ދެރަގޮތެއް ވާކަށް ނޭދެން.. "
ޖާވިދްގެ ވާހަކަތައް އަޑުއަހަން އޮތް ޒޫނާ، ޖާވިދްގެ ގައިގައި ފިރުމާލީ އޭނާއަށް ހަމަޖެހުން ހޯދައިދޭށެވެ. ނަމަވެސް އޭރުވެސް ޖާވިދްގެ މޫޑު ރަނގަޅެއް ނުވިއެވެ.
" ޝަހާނާގެ ވާހަކަ ޒޫނީގެ ދުލުން ބުނާ އަޑު އަހާކަށް އަމުދުން ބޭނުމެއް ނޫން. އޭނަގެ ދިރިއުޅުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމުގެ އެއްވެސް ޝައުޤުވެރިކަމެއް އަހަރެންގެ ނެތްކަން ޒޫނީއަށް އެނގޭނެ.. އެހެންވީމަ ދެން އަހަރެން އުއްމީދުކުރަން ތިކަން ތަކުރާރު ނުކުރާނެ ކަމަށް! "
ޖާވިދް އަސަރާއެކު ބުނެލިއެވެ. އެއާއިއެކު ޒޫނާ އަވަސް އަވަހަށް ޖާވިދްގެ މޫނުގައި މޫނު ޖައްސާލުމަށްފަހު މަޢާފަށް އެދުނެވެ.
" ސޮރީ! ދެން ދުވަހަކުވެސް ޖާވިދްގެ މާޒީ ހަނދާން ވިޔަކަ ނުދޭނަން. އިނގޭ"
ލޯތްބާއިއެކު ޒޫނާ އެހެން ބުނެލުމުން ޖާވިދް ހީލިއެވެ.
****
ފުން ވިސްނުމެއްގައި އޮތް ޔަޝްމީގެ ނަޒަރު ހުއްޓުނީ ކޮޓަރީގެ ދޮރާއި ދިމާލަށެވެ. އޭރު ރަޝާ ވަދެގެން އާދެއެވެ. އޭނާގެ މޫނުމަތީގައިވާ ލުއި ހިނިތުންވުމުގެ ސަބަބުން ކޮންމެވެސް ކަމެއް ވީކަން ޔަޝްމީއަށް އެނގުނެވެ. ރަޝާ އައިގޮތަށް އައިސް ޔަޝްމީގެ އެނދުގައި އިށީނދެލުމުން ޔަޝްމީ ވާހަކަ ދައްކަން ފެށިއެވެ.
" ހާދަ ހެވިފައި! "
" މިއައީ ބޭބެ ކުއްޔަށް ނެގި އެޕާރޓްމަންޓަށް ގޮސް! މިރޭ އަހަރެންވެސް އެތަނަށް ބަދަލުވަން.. ޔަޝްމީ ދާނަންތަ؟"
ރަޝާގެ ސުވާލަށް ދޭނެ ޖަވާބެއް ޔަޝްމީއަކަށް ނޭނގުނެވެ. ވަޒީފާއެއް ނެތި މާލޭގައި ނުހުރެވޭނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް ރަހީލް ލޯބި ހުށަހަޅާފައިވާތީ އޭނާއާ އެއްގެއެއްގައި އުޅުމަކީ ފަސޭހަ ކަމެއްވެސް ނޫނެވެ.
" ކިހިނެއްވީ؟ ހާދަ ވަރަކަށް ތި ވިސްނަނީ؟ އަހަރެންގެ ބޭބެ ޔަޝްމީ ކައެއް ނުލާނެޔޭ.. ހާދަ ބިރެއް ގަންނަނީ"
ރަޝާ އެހެން ބުނުމުން ޔަޝްމީ ހިނިތުންވެލިއެވެ. އޭރުވެސް ރަޝާ އިނީ ޔަޝްމީގެ ޖަވާބެއްގެ އިންތިޒާރުގައެވެ.
" ދާން ބޭނުން... އެކަމަކު ދާހިތެއް ނުވެ! ރަހީލް އަހަންނާމެދު އެގޮތަށް ދެކޭތީ އަހަންނަށް ވަރަށް އުނދަގުވޭ.. ރަޝާއަށް އެނގެއެއްނު އަހަރެން މާލޭގައި ގަނަތެޅެނީވެސް ކީއްވެގެންކަން.. އިރާދަކުރެއްވިއްޔާ މަށަށް މަގޭ ހާރޫން ފެންނާނެ.. އަދި ބައްދަލް ވާނެ"
ޔަޝްމީ އަސަރާއެކު އެހެން ބުނުމުން ރަޝާ ފުންމައިގެން ތެދުވިއެވެ. އަދި ދެއަތް އުރާލަމުން ވާހަަކަ ދައްކަން ފެށީ އެހާމެ ރުންކުރު ގޮތަކަށެވެ.
" އިރާދަކުރެއްވިއްޔާ ޔަޝްމީއަށް ތިކަން ކާމިޔާބުވާނެ.. އެކަމަކު ބުނަންތަ؟ މިހާރު ތިއީ ހާރޫންގެ އަނތްބެއް ނޫނޭ! ދެމީހުން ވަކިވީފަހުން ހާރޫން މުޅި އުމުރަށް ޔަޝްމީއާ ދުރަށް ދިޔައީ.. އުޅޭ ނޫޅޭ ތަނެއްވެސް ނޭނގެ.. އަލުން ޔަޝްމީ އޭނަ ހޯދަން އަންނާނެކަމަކަށް އޭނަ ހިއެއް ނުކުރާނެ! ހާރޫންވެސް އޭނަގެ ދިރިއުޅުމާމެދު ވިސްނާނެދޯ! ޔަޝްމީގެ މުޅި ޢުމުރު ބޭކާރުކޮށްލަނީ ހަމައެކަނި ހާރޫނަށްޓަކައި.. ބުނަންތަ؟ ދެން ހާރޫން ދިމާވާއިރު އޭނައަކީ މީހެއްގެ ފިރިއަކަށްވެސް ވެދާނެ.. އަދި ދަރިންތަކެއްގެ ބައްޕައަކަށްވެސް ވެދާނެ.. އޭރުން އޮންނާނީ ޔަޝްމީއަށް ވަގުތު ފާއިތުވެފައި.."
ރަޝާ ދޫކުރަމުންދާ ހަމަލާތައް ވަރުގަދަ ކަމުން ޔަޝްމީގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ. އެއްޗެއް ބުނަން ނޭނގި އޭނާއަށް ހަމަ އޮވެވުނީ އަޑުއަހާށެވެ.
" އަދިވެސް ބުނަންތަ؟ އަހަރެން، އަހަރެންގެ ބޭބެ ދިފާޢު ކުރަނީއެއްނޫން! ޔަޝްމީގެ ޙާލަތު އެންމެ ރަނގަޅަށް އެނގި ހުރެވެސް އޭނަ ބޭނުންވަނީ ޔަޝްމީ.. ޔަޝްމީގެ ދިރިއުޅުން އާބާދުކުރަން.. ލޯތްބަކީ ކަނު އެއްޗެކޭ މީހުން ބުނެއެއްނު.. އެއީ ހަމަ ތެދެއް.. ލޯބި ވެވުނީމަ އިތުރު އެއްވެސް ކަމެއް މުޙިއްމެއް ނުވާނެ.. ހަމައެކަނި ބޭނުންވާނީ އެލޯބި ކާމިޔާބުކުރަން.. އަހަރެން އެތައް ފަހަރަކު ބުނިން ޔަޝްމީއަކީ ބަލި މީހެކޭ..ދެރަގޮތެއް ހެދިދާނެޔޭ! އެކަމަކުވެސް ބޭބެ ބުނީ އެއީ ދުނިޔޭގެ އެދުމަށް އުޅޭނެ މީހެއް ނޫނޭ! ޔަޝްމީ ޕްލީޒް.. އަހަރެންވެސް ބޭނުންވަނީ ޔަޝްމީއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން.. ބޭބެ ވަރަށް ރަނގަޅުވާނެ.. އަހަންނަށް އިތުބާރުކޮށްފައި އެކަމާ އަދިވެސް އެއްފަހަރު ވިސްނާލާ!"
ރަޝާގެ އެހެން ބުނުމަށްފަހު އަނެއްކާވެސް ނިކުންނަން ހިނގައިގަތެވެ. ރަޝާ ދޫކޮށް ދިޔަ ކޮންމެ ޖުމްލައެއް އޭރުވެސް ޔަޝްމީގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެއާއިއެކު އޭނާގެ ނަފްސު އަމިއްލަ ބާރުގެ ދަށަށް ލެނބިގެން ދިޔަކަހަލަ އިޙްސާސެއް ކުރެވުނެވެ.
****
ޖެހިގެން އައި ދުވަހެވެ. ރަޝާގެ އެދުމުގެ މަތިން ޔަޝްމީ، އެގެއަށް ދިޔައެވެ. އެތެރެއަށްވަދެ މުޅި ގެއަށް އޭނާ ނަޒަރު ހިންގާލީ ރަހީލް ފެނޭތޯއެވެ.
" ނޫޅެޔޭ! "
ޔަޝްމީގެ އަމަލުތައް ހުރިގޮތުން އޭނާ އެވިސްނަނީ ކޮންކަމަކާމެދުގައިކަން ރަޝާއަށް އެނގުނެވެ. އެހެންކަމުން ބޭބެ ގޭގައި ނޫޅޭކަން ރަޝާ ޔަޤީންކޮށްދިނެވެ.
ހެވިފައި ހުރި ޔަޝްމީގެ ނަޒަރު އެވަގުތު ހުއްޓުނީ ސިޓިންގރޫމްގެ އެއްކޮޅުގައި ހުރި އޮފީސް ސާމާނުތަކަށެވެ. އެހެންކަމުން ހައިރާންވެފައި ޔަޝްމީ ރަޝާއާ ސުވާލު ކޮށްލިއެވެ.
" މިހާރު އޮފީހަކީވެސް މިގެތަ؟ "
" އާނ! ދެން ވަކިން އެހެން ތަނެއް ކުއްޔަށް ނުނަގަން ވެގެން ބޭބެ ބުނީ ދެން ގޭގައޭ މަސައްކަތް ކުރާނީ! މިހާރު ބޭބެ އުޅެނީ ވިޔަފާރި ފުޅާކޮށްގެން! ރާއްޖެ ތެރޭ ރަށަށްރަށުގައިވެސް ފިހާރަ ހުޅުވާ ވާހަކަ އެބަ ދައްކާ! ބޭބެގެ އަމިއްލަ ބްރޭންޑެއް އުފައްދާ ވާހަކަވެސް ދެއްކި.. ދުނިޔޭގެ ސަމާލުކަން ލިބި ދުނިޔޭގެ އެވޯޑެއްވެސް ލިބިދާނެއެއްނު.."
ހެވިފައި ހުރެ ރަޝާ އެހެން ބުނުމާއެކު ޔަޝްމީގެ ހަނދާނަށް އައީ ހާރޫންއެވެ. އެއީ ހާރޫންގެވެސް ހުވަފެނެކެވެ. ވިޔަފާރީގެ ރޮނގުން ދެވެން އޮތް އެންމެ މައްޗަކަށް ދެވޭތޯ ހާރޫން ކުރި މަސައްކަތް ހަނދާންވުމުން ޔަޝްމީގެ އެސްފިޔަތައް ތެމޭގޮތްވިއެވެ.
" ޙަޔާތުގެ ބައިވެރިޔާއަކީ ކުރިއެރުމަށް އޮތް ހުރަހަކަށްވެސް ވެދާނެ.. ތިޔަކަހަލަ ބޮޑެތި ހުވަފެންތައް ދެކެންވާނީ ފުރިހަމަ މިނިވަންކަމާއެކު"
ބޭއިޙްތިޔާރުގައި ޔަޝްމީއަށް ބުނެވުނެވެ.
" އެއްކަލަ ކުއްޖާ ފެށީ! ދެން ދެރަނުވެބަލަ! އަހަރެން މި އަންނަނީ ފާޚާނާއަށް ވަދެލާފައި.. ސިޓިންގރޫމްގައި މަޑުކޮށްލާ އިނގޭ! "
އެހެން ބުނުމަށްފަހު އަތުގައި އޮތް ފޯނަށް ބަލައިލަމުން އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ. ސިޓިންގރޫމުގައި ހުރި ސޯފާގައި އީށީނދެލުމަށްފަހު ޔަޝްމީ ފޯނާ ކުޅެން ފެށިއެވެ. އޭރުވެސް ރަހީލް އަތުވެދާނެތީ އޭނާ އިނީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ.
" ޔަޝްމީގެ މާޒީއަކީ އަހަންނަށް ލިބޭނެ ފިލާވަޅެއް ނޫން! "
ބޭރުން ވަދެގެން އައި ރަހީލް ފެނުމާއެކު ޔަޝްމީއަށް ކޮޅަށް ތެދުވެވުނެވެ.
" އެ ފޮތް ހުޅުވާކަށް އަހަރެން ބޭނުމެއް ނޫން.. އިއްތިފާޤުން އަހަންނަކީވެސް ވިޔަފާރި ވެރިއެއް.. އެކަމަކު ޔަޝްމީއަކީ އަހަރެންގެ ކުރިމަގަށް އޮތް ހުރަހެއް ކަމުގައި އަހަންނެއް ނުދެކެން! ގޮތް ނިންމާނީ ޔަޝްމީ! އެންމެ ފުރަތަމަ ކާމިޔާބަކީ ހެޔޮލަފާ އަނތްބެއް! އެހެންވީމަ އަހަރެންގެ ފުރަތަމަ ހުވަފެނަކީ ތިއީ! ވިލް ޔޫ މެރީ މީ ޔަޝް!؟"
ފުރަގަހަށް ލައިފައިވާ ރަތްކުލައިގެ ފިނިފެންމާ ދިއްކޮށްލަމުން ރަހީލް ބުނެލިއެވެ. އެއާއިއެކު ޔަޝްމީއަށް ފުން ނަޒަރަކުން ރަހީލްގެ މޫނަށް ބަލައިލެވުނެވެ. އޭރު އެމޫނުމަތީގައިވާ ނުތަނަވަސްކަމުގެ ތެރެއިން އުއްމީދުގެ އަލިކަމެއް ޔަޝްމީއަށް ފެނުނެވެ. އޭނާގެ ދެލޮލުން ސާފު ތެދުވެރި ލޯބި ފެންނަހެން ހީވާން ފެށުމުން ޔަޝްމީއަށް އިސްޖަހާލެވުނީ ހިތަށް އުނދަގޫ ވެގެންނެވެ.
" އުނދަގޫވާނެ! ކުރިމަތިލައި.. ތިމާ ލޯބިވާ މީހާއަށްވުރެ ބޮޑަށް ތިމާދެކެ ލޯބިވާ މީހަކު ލިބުމަކީ ނަސީބެއް! ޔަޝް! އަހަންނާ މެރީ ކުރަންވީނު!"
މިފަހަރު ރަހީލް ޔަޝްމީއާ ތަންކޮޅެއް ގާތަށް ޖެހިލުމަށްފަހު އަނެއްކާވެސް ފިނިފެންމާ ދިއްކޮށްލިއެވެ. އެއްފަހަރު މަލަށް، އަނެއް ފަހަރު ރަހީލްގެ މޫނަށް ޔަޝްމީއަށް ބަލައިލެވުނެވެ.
" ޕްލީޒް"
ޔަޝްމީގެ މޫނާ ދިމާލަށް މާ ދިއްކޮށްލުމާއެކު ޔަޝްމީއަށް ދެލޯ މަރާލެވުނެވެ.
***
ފަސް އަހަރު ފަސް
ދުބާއީގެ ކާރޫބާރޫ ބޮޑު ސަރަޙައްދެކެވެ. ފިހާރަތައް ފުރިފައެވެ. މީހުންވެސް އެހާމެ ގިނައެވެ. އެއްޗެހި ވިއްކާ މީހުންނާ ކުޅިވަރު ކުޅޭ މީހުންނެވެ. ނަށާ މީހުންނާ ކާއެއްޗެހި ހަދާ މީހުންނެވެ. އެއްބަޔަކު ކަމުން ދާއިރު އަނެއް ބަޔަކު ލަވަކިޔާ ނަށަނީއެވެ. ހީވާގޮތުން އެ ސަރަހައްދުގައި އޮތީ ކުޑަކުދިންގެ ކޮންމެވެސް ފެސްޓިވަލެކެވެ.
މީހުންތަކުގެ ތެރެއިން ޔަޝްމީ ހިނގަމުން ދިޔައެވެ. އެތަނުގައި ކަންތައްތައް ހިނގަމުންދާ ގޮތް ބެލުމުގެ ޝައުޤުވެރިކަމުގައި އޭނާ އުޅުނީ މީހަކަށް ބެލުމެއްނެތިއެވެ. ތަންތަން ފޮޓޯ ނަގަމުން ދިޔައީ އުފަލާއެކުއެވެ.
" މަންމީ!؟ "
އެހާ އަޑުގަދައިރުގައިވެސް ޔަޝްމީގެ ކަންފަތުގައި ޖެހުނީ ކުޑަކުއްޖެއްގެ އަޑެވެ. ނުހަނު ގާތުން އަޑު އައި ދިމާލަށް އޭނާ ބަލައިލިއެވެ. ލައިގެން ހުރި އަބާޔާގެ ފަސްބައިގައި ހިފައިގެން އެހުރީ ކުޑަ ފިރެހެން ކުއްޖެކެވެ. އިސް އުފުލައިގެން ހުރި އެ ފިރެހެން ކުއްޖާގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ޔަޝްމީގެ މޫނަށެވެ.
" މަންމީ؟ ތިއީ ކޮއްކޮ މަންމައެއްނު!"
އަނެއްކާވެސް އެކުއްޖާ ބުނެލިއެވެ. އެކުއްޖާ ދިވެހިން ވާހަކަ ދެއްކުމުން ހައިރާންވެފައި ހުރެ ޔަޝްމީ ވަށައިގެން ހޯދާލުމަށްފަހު އެކުއްޖާގާތު ކުޑަކަކޫ ޖަހައި އިށީނދެލިއެވެ. އަދި ލޯތްބާއިއެކު އެކުއްޖާގެ ބޮލުގައި އަތް ޖައްސާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ނޫން! މިއީ ކޮއްކޮ މަންމައެއްނޫން.. ކޮބާ ކޮއްކޮގެ މީހުން؟"
ޔަޝްމީ އަހާލިއެވެ.
" އެހެރި ފިހާރައިގައިވީ! އާދޭ! މަންމި އާދޭ.. މަންމި އާދޭ! "
އެކުއްޖާ ޔަޝްމީގެ އަތުގައި ހިފައި ދަމަން ފެށިއެވެ. އެއާއިއެކު ޔަޝްމީ ވަރަށް ބޮޑަށް ހާސްވެއްޖެއެވެ. އޭރު އެ ތުއްތު ކުއްޖާގެ ދެލޮލުން ކަރުނަ ހިލެމުންދާތަން ޔަޝްމީއަށް ފެނުނެވެ.
" މަންމި ނާންނާނަންތަ؟ މަޑުކުރައްޗޭ މިތާ! ނުދައްޗޭ... ކޮއްކޮ މި އަންނަނީ ހަމަ މިހާރު މި އަންނަނީ! "
އެކުއްޖާ ޔަޝްމީގެ އަތުން ދޫކޮށްލުމަށްފަހު ވަރަށް ބާރަށް ދުއްވައިގަތެވެ. ލޯމަތިން އެކުއްޖާ ގެއްލެން ދެން ޔަޝްމީއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.
" ހާދަ ހޯދައިފީމޭ! ގުޅަންވެސް ގުޅައިފިން.."
ކުއްލިއަކަށް ޔަޝްމީ ސިހުނީ ރަހީލްގެ އަޑަށެވެ. އެއާއިއެކު ޔަޝްމީގެ މޫނުމަތީގައިވާ ހާސްކަން ފެނި ރަހީލް ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އެހެންކަމުން އޭނާ މަޑުމަޑުން ޔަޝްމީގެ އަތުގައި ހިފާލިއެވެ.
" ކިހިނެއްވީ؟ ހާދަ ހާސްވެފައި؟"
އޭރުވެސް ޔަޝްމީ ބަލަމުންދިޔައީ ކުޑަކުއްޖާ ދިޔަ ދިމާލަށެވެ. ޔަޝްމީގެ ނަޒަރު އެދިމާލަށް ހުއްޓިފައި ހުރުމުން ރަހީލްއަށްވެސް ބަލައިލެވުނީ އެދިމާލަށެވެ.
" ކިހިނެއްވީތަ؟ "
އަނެއްކާވެސް ރަހީލް އެހިއެވެ.
" ކުޑަކުއްޖަކު މަންމާއޭ ކިޔާ ގޮވީ! ދުލެއްވެސް ނުކުރި.."
ޔަޝްމީ އެހެން ބުނުމާއެކު ރަހީލް ހޭންފެށިއެވެ. އެހެންކަމުން ޔަޝްމީ އިތުރަށް އޭނާއަށް އޮޅުން ފިލުވައިދޭން ފެށިއެވެ.
" ދިވެހި ކުއްޖެކޭ! ފަސްވަރަކަށް އަހަރު ކުއްޖެއް.. ހަމަ ތެދެކޭ މިބުނީ"
" އެކުއްޖާ މަންމައާ ވައްތަރުވީ ކަމަށްވެސް ވެދާނެ.. މިހާ މީހުން ގިނަ ތަނެއްގައި އެކަނިތަ އެކުއްޖާ ހުރީ؟"
ޔަޝްމީގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ރަހީލް އެހިއެވެ. އެއާއިއެކު ޔަޝްމީ ބުނެލިއެވެ.
" ވެދާނެ އަހަރެން ފެނިގެން ފިލައިގެން އައީ ކަމަށްވެސް.. އެކޮޅުގައި ހުރި ފިހާރައެއް ދައްކާފައި ބުނި އެބަ އަންނަމޭ.. އެތާނގަ ފެމިލީ މީހުން ތިބީ ކަންނޭނގެ! ގޮއްސަ ނުވެސް އާދެއެއްނު..ވެދާނެ ނުފޮނުވީ ކަމަށްވެސް.. ނޭނގެދެން.. އެކުއްޖާ ފިހާރަ ތެރެއިން ނިކުމެގެން އައީ ކަންނޭނގެދޯ!"
ފަހަތް ބަލަމުން ޔަޝްމީ ވާހަކަ ދެއްކީ އަދިވެސް އެކުއްޖާ ފެނޭތޯއެވެ.
" ދެން އަޅާނުލާ! ހިނގާބަލަ މިތަނުން ނިކުންނަން.. މިހާރު އަޑުގަދަ ކަމުން ބޮލުގައި އެބަ ރިއްސާ! "
ރަހީލް ހިނގުން ބާރުކޮށްލުމުން ޔަޝްމީއަށް އަނެއްކާވެސް ފަހަތް ބަލައިލެވުނެވެ. އޭރުވެސް އޭނާގެ ލޯމަތިން އެ މައުސޫމް މޫނު ފެންނަހެން ހީވެއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ދެން ވަރަށް ފޫހި…ހުރިހާ ޖޯޑު ތަކެއް ބަދަލުކޮށްފި ހާރޫން އެންމެފަހުން ސަހާނާ އާއި އިނީ
މިހާރު ގެނެސް ދެނީވަރައްކުރުކޮންދޯ ޔަސްމީދެން ރާހިލްއާއިނީބަ
އާދެންއިންނާނީދޯ މަނަމަ އަދިވެސް ކެއްކުރާނަން
Heevanee haaroonge dharieh hen yasmeege FOTO dhakkaagen Mammee ey kiyuvy dho