" ތި ދުޢާ އިޖާބަ ކުރައްވާތޯ އަހަރެން ދުޢާ ކުރާނަން! "
ރަޝާއަށް ބަލައިލަމުން ޔަޝްމީއަށް އަނެއްކާވެސް ހިނިތުން ވެލެވުނެވެ.
" އަޅެ އަހަންނަށް ޔަޝްމީގެ މޫޑު ގޯސްކުރެވުނީދޯ! ސޮރީ އިނގޭ.. "
އިސްޖަހާލައިގެން އިން ޔަޝްމީ އިސްއުފުލާލީ ރަޝާގެ އަޑަށެވެ.
" ނޫނޭ.. އޯކޭ ހަމަ! ހިތުގައި ހުންނަ އުދާސްތައް މިގޮތަށް ބޭރު ނުކުރެވިގެން ކަންނޭނގެ މިކަމުން އަރައި ނުގަނެވިގެން މިއުޅެނީވެސް.. މިކަންތައްތައް ޝެއަރ ކުރާނެ ފްރެންޑެއް ލިބުނީމަވެސް އަހަރެން މިއަދު ވަރަށް އުފާވެއްޖެ"
ޔަޝްމީ ބޭނުންވީ ރަޝާގެ ހިތުގައިވާ ނުތަނަވަސްކަން ފިލުވާލަދޭށެވެ. އެހެންކަމުން އޭނާ ވާހަކަ ދެއްކީ ނުހަނު އުފާވެރި ރާގެއްގައެވެ.
" ދެން ހިނގާ ކާން ދާން! އަހަރެން ވަރަށް ބޮޑަށް ބަނޑުހައިވެއްޖެ.. ކައިގެން ދޮންބެ ލައްވާ ޕޭ ކުރާނީ! "
ބާރުބާރަށް ހިނިގަނޑެއް ޖަހާލަމުން ރަޝާ ބުނެލިއެވެ.
***
ކައިވެނީގެ މަޖްލިސް ނިމުމާއެކު ޒޫނާއާއި ޖާވިދް ކޯޓުން ނިކުތީ އެކުއެކީގައެވެ. އޭރު ކޯޓު ދޮރުމަތީގައި އޮފީސް ކުދިން އެމީހުންގެ އިންތިޒާރުގައި ތިއްބެވެ.
" އަޅެ ދެން ނޫން.. އަހަރެން ވަރަށް ލަދުގަނޭ"
މަލުން ޒީނަތްތެރިކޮށްފައި ހުރި ގާޑިޔާ ފެނި، ޒޫނާ ޖާވިދްގެ ފުރަގަހަށް ވަދެ ނިވާވެލަމުން ބުނެލިއެވެ. އޭރު މަންޒަރު ބަލަން އެކި ދިމަދިމާލުގައި މީހުން ތިއްބެވެ.
" ނައިހެއް ނުވާނެ! އަވަހަށް ހިނގާ! "
ޒޫނާގެ އަތުގައި ހިފަމުން ފަރީ ބުނެލީ ލާނެތް ރާގަކަށެވެ. އެންމެ ފަހުން ޒޫނާއަށް ޖެހުނީ އެމީހުން ކުރާ ކޮންމެ ކަމަކަށް ރުހިގެން ހުންނާށެވެ. ކުލަޖަހައި ދެމީހުން ތެންމާލުމަށްފަހު ގާޑިޔަލަށް ލައިގެން ރަށުގެ މަގުތަކުގައި ދުއްވަން ފެށިއެވެ. ވަށައިގެން ސައިކަލްތަކުގައި މީހުންތައް ދުއްވަމުން ދިޔައީވެސް ހެމުން ސަކަރާތް ޖަހަމުންނެވެ. ދުވަހުގެ އުފާވެރިކަން ފެށުނީ އެހިސާބުންނެވެ.
" އަހަރެމެންނަށް ސައި ނުދީފިއްޔާ އަދި މިއަށްވުރެ ބޮޑުވަރު ކުރާނަން! މިރޭ ޒޫނާ ދައްކައިވެސް ނުލާނަން.."
ގާޑިޔަލުގައި ހިފައިގެން ހުރި ރިޔާޒް އެނބުރިލާފައި ޖާވިދާ ދިމާލަށް ބުނެލިއެވެ. އެއާއިއެކު ޒޫނާއަށް ބާރުބާރަށް ހެވިއްޖެއެވެ.
" އެކަމާ ކަންބޮޑުނުވޭ ރިޔާ! މިއަދު ހަވީރު ކެފޭއަށް ދާން ތައްޔާރަށް ތިބޭތި! މަ ބޭނުމެއް ނުވާނެއެއްނު މަށަށް ޒޫނީ ގެއްލޭކަށް"
ޖާވިދްވެސް ވާހަކަ ދެއްކީ ސަކަރާތުގެ ތެރެއިން ހެމުންނެވެ.
***
" ގޭތެރެއަށް ވަންނަ ހިތްވެސް ނުވެ! ވަރަށް ފަޅު! ހީވަނީ ދެންމެ ދެންމެ ޖާވިދް އޮފީހުން އައިސް މަންމާއޭ ކިޔާ ގޮވާހެން"
ދެރަވެލާފައި ފާއިޒާ ބުނެލީ ޝާކިރު ގާތުގައެވެ. އޭރު ޝާކިރު ހެދިކާއާއެކު ސައިބޯށެވެ.
" އާނ ދެން ކީއްކުރާނީ؟ ޗުއްޓީ ނަގައިގެން އުޅެންޏާ ދެން އަންނާނެތާ މިގެއަށްވެސް ތަންކޮޅެއް ގިނައިން.. ފަހަރެއްގައި ބޭރަށް ދާ ކަހަލަ ވާހަކައެއްވެސް ޖާވިދް ބުނި.. "
ޝާކިރު ދެއްކި ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ފާއިޒާ އިނީ ދަރިންނާމެދު ފިކުރު ކުރާށެވެ. އެހެންކަމުން އޭނާގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހިތާމައިގެ ކުލަވަރެވެ.
" ޔަޝްމީވެސް ދެން ހިއެއްނުވެ އަންނާނެހެންނެއް.. އިރާދަކުރެއްވިއްޔާ އެމަންޖެއަށްވެސް ރަނގަޅު ގޮތެއް މިންވަރު ކުރައްވާނެ..އަހަރެން އެންމެ ވިސްނަނީ އެދަރިޔާ މެދު"
" އާނ ދެން އަބަދާއަބަދު ތިޔަކަހަލަ ވާހަކަތައް ދައްކާނެ ކަމެއްނެތޭ! އަހަރެމެންނަށްވެސް އެބަ އުޅެވެއެއްނު"
ސައިތަށި ދަމާލުމަށްފަހު ޝާކިރު ތެދުވެގެން ހިނގައިގަތެވެ. އޭރުވެސް ފާއިޒާއަށް އިނދެވުނީ ތެދުވަން ބޭނުން ނުވެފައެވެ.
***
" ޕްލީޒް! ހާދަ ވަރަކަށޭ ރުޅި ތި އަންނަނީ! ރެޔާދުވާލު މަސައްކަތްކޮށްފައި ގެއަށް ވަންނައިރަށް ތިގޮތަށް ޒުވާބު ކުރަންޏާ ދެން އަނެއްކާވެސް ނިކުންނާނީ ބޭރަކަށްނު.. ހިތްހަމަޖެހުން ނުލިބޭ ތާކު އަހަރެން ކީއްކުރަން ހުންނަންވީ؟"
ކޮމްޕިޔުޓަރ ކައިރީގައި އިން ޔަޝްމީ ސިހުނީ އެތެރެއަށް ވަދެގެން އައި ރަހީލްގެ އަޑަށެވެ. އޭރުވެސް އޭނާ ހުރީ ފޯނަކުން ވާހަކަ ދައްކާށެވެ. ރަހީލް އެހާ ރުޅި އައިސް ހުއްޓާ ފެނުމުން ޔަޝްމީގެ ހިތް ނުތަނަވަސްވާން ފެށިއެވެ.
" ހެޔޮ! ދެން ނުދާނަން ގެއަކަށް.. ރުޅިއަރުވާލީމަ ދެން ނަތާ ބުނާހާ ގޮތެއް ނެހެދޭނެ.."
ފޯނު ކަނޑާލުމަށްފަހު މޭޒުމަތީގައި ބާއްވަމުން ރަހީލް ގޮނޑީގައި އިށީނދެލިއެވެ.އަދި ހަށިގަނޑު ދަމާލަމުން ފުންނޭވާއެއް ދޫކޮށްލީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.
" ސޮރީ! މާބޮޑަށް ބޯ ހާސްވީމަ ކޮންޓްރޯލުން ނެއްޓީ"
އޮފީސްރޫމްގެ ކަނެއްގައި ހުރި މޭޒުކައިރީގައި އިން ޔަޝްމީއަށް ބަލައިލަމުން ރަހީލް ތެދުވިއެވެ. އެއާއިއެކު ޔަޝްމީ ހިނިތުންވެލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާ މަސައްކަތަށް މަސްޣޫލްވިއެވެ.
" ހިތަށް އަރާފާނެ އަހަންނަކީ ވަރަށް ރުޅިގަދަ މީހެކޭ.. "
ރަހީލް އައިސް ޔަޝްމީގެ މޭޒުގައި ލެނގިލިއެވެ. އެއާއިއެކު ޔަޝްމިއަށް އަނެއްކާވެސް ބަލައިލެވުނީ ރަހީލަށެވެ.
" ނޫނޭ! އަހަންނަކީ އެއްވެސް މީހެއްގެ ޕަރސަނަލް ލައިފާ ބެހޭ މީހެއްނޫން! "
ޔަޝްމީ އަވަސް އަވަހަށް ބުނެލިއެވެ. އެއާއިއެކު ރަހީލްގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ.
" އަހަރެން މިބުނީ ދެންމެ އަހަންނަށް އެގޮތަށް ވާހަކަ ދެއްކުނު އަޑު އިވުނީމަ މަށާ މެދު އެއްޗެއް ހިތަށް އަރާފާނެތީވެ.. އަސްލު އަހަންނަކީ ރުޅިގަދަ މީހެއްނޫން.. އެކަމަކު އަހަރެންގެ އަންހެނުންނަކީ ވަރަށް ރުޅި ގަދަ މީހެއް.. ގިނަ ފަހަރު އޭނަ ބޭނުންވާ ހުރިހާ ކަމެއް އަހަރެން ބަހެއް ބުނުމެއްނެތި ކޮށްދެނީވެސް ބޮލަށް ފަސޭހައަކަށް.. ބުނިހާކަމެއް ބުނިހާ ގޮތަކަށް ކޮށްދީދީ މިހާރު މިހުންނަނީ އެގޮތަށް ހޭނިފައި.."
ޖަޒްބާތީވެގެން ރަހީލަށް އޭނާގެ ހިތުގެ އުދާސްތައް ޔަޝްމީގެ ކުރިމައްޗަށް ބަންޑުން ކޮށްލެވުނެވެ. ރަހީލް ވާހަކަ ދައްކަމުންދާތީ ޔަޝްމީއަށްވެސް އަޅައިނުލާ ހުންނާކަށް ނުކެރުނެވެ. އެއްޗެއް ނުބުނިކަމުގައި ވިޔަސް މަސައްކަތް މެދުކަނޑާލުމަށްފަހު ޔަޝްމީއަށް އިނދެވުނީ ރަހީލަށް ބަލަހައްޓައިގެންނެވެ.
" އަހަރެން ހިތަށް އަރާ ނަތާއަކީވެސް ޔަޝްމީކަހަލަ މަޑުމައިތިރި ކުއްޖެއްނަމައޭ "
ރަހީލް އެހެން ބުނުމުން ޔަޝްމީގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. އެއާއިއެކު އޭނާ އަވަސް އަވަހަށް ކޮމްޕިޔުޓަރ ސްކްރީނަށް ބަލައިލަމުން ބުނެލިއެވެ.
" އަހަރެން އަދި މިތަނަށް އައިފަހުން ދެހަފްތާވަރު މިވީ! މިހާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަހީލަށް އަހަރެންގެ މިޒާޖެއް ނޭނގޭނެ! "
ޔަޝްމީ އަވަސް އަވަހަށް ބިލްތައް ކޮމްޕިޔުޓަރަށް އެންޓަރ ކުރަން ފެށިއެވެ.
" ނޫނޭ! މީހާގެ މިޒާޖް ދެނެގަނަން އަހަރު ދުވަސް ބޭނުމެއް ނުވާނެ! ޔަޝްމީއަކީ މަޑުމައިތިރި، ލަދުރަކި ކުއްޖެއް.. އެއްވެސް ޙާލެއްގައި ޔަޝްމީއަށް ފްލާރޓް ކުރަނީއޭ ހީނުކުރައްޗޭ! އަހަރެން ބޭނުމެއްނޫން އަހަރެންގެ އަގުވެއްޓޭފަދަ އެއްވެސް ކަމެއް ކުރާކަށް"
ރަހީލް ވާހަކަ ދެއްކީ މަޑުމަޑުންނެވެ.
" އޯހް! މީދޯ މި ވާގޮތް.. ގެއަށް ނާދެވިގެން ތިއުޅެނީ މިތަނުގައިވެސް ލޯބީގެ އިތުރު ފިލްމެއްގެ ޝޫޓިންގ ހިނގާތީދޯ! "
ރަހީލާއި ޔަޝްމީއަށް ދޮރާއި ދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ. އޭރު ނަތާ ހުރީ އެތެރެއަށްވަދެ ދެއަތް އުރާލައިގެންނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ޔަޝްމީއަށެވެ.
" އަހަންނަށްވުރެ މާރީތި މީހަކު ފެންނާތީދޯ މިހާރު އަބަދު އޮފީހަށް އަންނަނީ! "
ނަތާ އެހެން ބުނި އިރު ރަހީލްގޮސް އޭނާގެ އަތުގައި ހިފައިފިއެވެ.
" ދޭ ގެއަށް! ދެން ކޮންކަމެއްތީ! "
ރަހީލް އެހެން ބުނުމާއެކު ނަތާ ރަހީލްގެ އަތް ފޮޅުވާލުމަށްފަހު ޔަޝްމީއާ ދިމާލަށް ހިނގައިގަތެވެ. އެއާއިއެކު ހިތުގައި ބިރުވެރިކަން އުފެދުނު ވަރުން ޔަޝްމީއަށް ފުންމައިގެން ތެދުވެވުނެވެ.
" އަހަރެންގެ ފިރިމީހާއާ ވައިވެސް ނޭޅެއްޗޭ! "
ނަތާ އެހެން ބުނުމާއެކު ޔަޝްމީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކިތަންމެ ބިރުން ހުރި ނަމަވެސް ޔަޝްމީ، އޭނާގެ ނަފްސުގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ.
" ތިޔަކަހަލަ ކުށްހީ ނުކުރޭ! އަހަންނަކީ އެހާ ދަށުދަރަޖައިގެ މީހެއް ނޫން.."
" ދަރަޖައިގެ ވާހަކަ ނުދައްކާ! ދަރަޖަ ދަރަޖަ ކިޔާފައި މާދަމާ ކަންނޭނގެ ދެމީހުން އެއްކޮޓަރިއަކުން ނެރެންޖެހޭނީ"
ޔަޝްމީގެ ޖުމްލައާ ވިއްދައި ނަތާ ބުނެލި ޖުމްލައިން ރަހީލަކަށް މަޑަކުން ނުހުރެވުނެވެ. ދިޔަ ބާރު މިނުގައިގޮސް ނަތާގެ އަތުގެ މުލައްދަނޑީގައި ހިފައި އޭނާ އަނބުރާލުމަށްފަހު މޫނުމަތީގައި އެތިފަހަރެއް ޖެހިއެވެ. އެއާއިއެކު ޔަޝްމީއަށްވެސް ފަހަތަށް ޖެހިލެވުނެވެ.
" ތިމާގެ ފިރިމީހާއާ ހިލޭ އަންހެނަކާ އަޅުވާ ނުކިޔަބަލަ! ތިހުރީ ނަތާގެ ފެންވަރަކީ.. ދެން އެންމެ މިނެޓަކު މިތާ މަޑުކުރިޔަސް ވަރިކުރާނަން.."
ރުޅި އައިސްހުރި ވަރުން ރަހީލަށް ބުނެވުނެވެ. އެއާއިއެކު ބާރުބާރަށް ނަތާ ނިކުމެގެން ދިޔައިރުގައިވެސް އޭނާ ހުރީ އެއްއަތުން މޫނުގައި އަތް ޖައްސާލައިގެން ރޮވިފައެވެ.
" އަހަރެންގެ ޔަޝްމީގެ ކިބައިން މަޢާފަށް އެދެން..."
ނަތާ ދިޔުމުން، ހިންދިރުވާލަމުން ރަހީލަށް ޔަޝްމީގެ މޫނަށް ބަލައިލެވުނެވެ. އޭރުވެސް ޔަޝްމީ ހުރީ ވަރަށް ބޮޑަށް ބިރުގަނެފައެވެ.
" އަހަންނަކަށް ހިއެއްނުވެ އަހަރެން ދެން އިތުރަށް މިތަނުގައި މަސައްކަތްކުރުން އެހާ ރަނގަޅުވާނެހެންނެއް! ރަހީލްގެ ދިރިއުޅުން އަހަންނާހެދި ހަލާކުވާކަށް އަހަރެން ބޭނުމެއް ނޫން.. ސޮރީ! އަހަރެން ދެން މިއޮފީހަކަށް ނާންނާނަން،.."
މޭޒުމަތީގައި ހުރި އަތް ދަބަސް ނެގުމަށްފަހު ޔަޝްމީ އަވަސް އަވަހަށް ނިކުންނަން ހިނގައިގަތެވެ. ދެފަހަރަކު ރަހީލް ގޮވާލުމުންވެސް އޭނާ މަޑު ކުރުމެއްނެތި ނިކުމެގެން ދިޔައީއެވެ.
****
" ދެން.. އެއީ އެކަހަލަ މީހެކޭ! އަބަދުވެސް ކޮންމެވެސް އަންހެނަކާ އަޅުވާ ކިޔާލަ ކިޔާލަ ހުންނާނީ! ބޭބެގެ ސައިކް ފަހަތަށް މަގޭ އަރުވަންވެސް އޭނަގެ ހުއްދައެއް ނޯންނާނެ! އެއީ އެވަރުގެ އަންހެނެއް! ޔަޝްމީ ނުޖެހޭނެ އެތަނަށް ނުގޮސް ހުންނާކަށް!"
އެނދުގައި އޮށޯވެގެން އޮތް ޔަޝްމީގެ މަގަތުގައި އިނދެ ރަޝާ ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ޔަޝްމީ ހުރީ ގޮތްދޫ ކުރާ ގޮތަކަށް ނޫނެވެ. އޭނާގެ ވިސްނުން މުޅިން ބަދަލުވެއްޖެއެވެ.
" ދެން އެހެން ވަޒީފާއެއް ހޯދާނީ! އަހަރެން ދެން އެތާކަށް ނުދާނަން.. އެ ނަތާގެ ރުޅިގަނޑު ފެނި އަދިވެސް މަގޭ މޭނުބައިކުރޭ.. ރަހީލް ހާދަ ކެތްގަދައޭ! "
ޔަޝްމީ ތެދުވަމުން ބުނެލިއެވެ. އެއާއިއެކު ރަޝާ ފުން ނަޒަރަކުން ޔަޝްމީގެ މޫނަށް ބަލައިލިއެވެ.
" ބޭބެ އަހަރެންގާތު ޔަޝްމީއަށް ވަރަށް ތަޢުރީފްވެސް ކުރި. މަސައްކަތްތައް ރަނގަޅުވާހަކަވެސް ބުނި.. ކިޔަމަންތެރިވާހަކަވެސް ބުނި.. ބައެއް ފަހަރު ހީވޭ މަގޭ ބޭބެ ވަރަށް ލައިކް ވާހެން"
ރަޝާ ބުނެލީ ކޮންމެވެސް ވަރަކަށް މަޖާވެލާފައެވެ. ނަމަވެސް ރައްދެއް ދިނުމުގެ ބަދަލުގައި ޔަޝްމީ ހަމަ އިސްޖަހާލައިގެން އިނީއެވެ.
" ހަމަ އަސްލުވެސް.. ބޭބެ މިހާރު އޮފީހުގައިވެސް ވަރަށް ވާހަކަ ގިނައެއްނު.. އަނެއްކާ ވަރަށް ގިނައިން އޮފީހަށްވެސް އާދޭ! މީގެ ކުރިން ދައްތަ ދެކެ ބިރުންވެސް ނާންނާނެ.."
ރަޝާ އިތުރު ކޮށްލިއެވެ.
" ވެދާނެ ތިހެން ކަމަށްވެސް.. އެކަމަކު..އަހަރެންގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނެ އެކަކުތީ! ރަޝާ! ތިވާހަކަތައް ދެއްކީމަ އަދި އަމުދުން އަހަރެން ދެން އެ އޮފީހަކަށް ނުދާނަން.. ރަޝާގެ ބޭބެއަށް އަހަރެން ކަމުގޮސްގެން އޭގައި ކުލަ ނުޖެއްސޭނެ އެތައް ހުވަފެންތަކެއް ދެކިފާނެ! އެހެން ވާކަށް އަހަރެން ބޭނުމެއް ނޫން.."
ޔަޝްމީ އަސަރާއެކު ބުންޏެވެ. މިފަހަރު ރަޝާއިނީ ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ.
" އަހަރެން ދިރިހުރުމުގެ އަސްލަކީ ހާރޫން! އަހަރެންގެ މަޤްސަދަކީ ހާރޫން ހޯދުން... އަހަރެން ފަތާފަތާ ވަރުބަލި ވެއްޖެ ރަޝާ! ބައެއް ފަހަރު ހީވޭ ވަރުބަލި ވެގެން ގެނބެން އުޅެނީހެން.. ގެނބިގެން މަރުވިޔަސް ސަލާމަތްކުރާނެ އަތެއް ބޭނުމެއްނޫން.. އަހަރެން ބޭނުންވަނީ ހަމައެކަނި ހާރޫން.."
އެހިސާބަށް ވާހަކަ ދިޔުމާއެކު ޔަޝްމީއަށް ރޮވިއްޖެއެވެ. ފާރުގައި ލެނގިލައިގެން އިނދެ ޔަޝްމީ މޫނުމަތީގައި ބާލީސް ޖައްސާލީ ބާރަށް ރޮވިދާނެތީއެވެ.
" ދެން ހުއްޓާލާ! އަހަރެން އަންޑަސްޓޭންޑް ވެޔޭ! އަހަންނަކީ އަބަދުވެސް ޔަޝްމީއަށް ހެޔޮއެދޭ ރައްޓެއްސެއްކަމުގައި ބަލާ! ދެން ނުރޮއި.. ހިނގާ ބަތްކާންދާން.."
ރަޝާ މަސައްކަތްކުރީ ޔަޝްމީ ހަމައަކަށް އެޅުވޭތޯއެވެ. ރަޝާގެ އާދޭހަށް ޔަޝްމީ މަޑުމަޑުން ތެދުވެ އޭނާއާއެކު ނިކުންނަން ހިނގައިގަތީ ނުހަނު ހިތްވަރު ކޮށްގެންނެވެ.
***
ހަވީރުގެ ވަގުތެވެ. ފިހާރައަކުން ނިކުމެ ޔަޝްމީ މަޑުކޮށްލީ ކާރެއް ލިބޭތޯއެވެ. މާގިނަ އިރުތަކެއްނުވެ ކައިރިކޮށްލި ކާރުގެ ތެރެއަށް އޭނާ އަވަސް އަވަހަށް ދެމިގަތެވެ. އަދި ގޭގެ ނަން ބުނެލުމަށްފަހު އޭނާ ސީޓުގައި ލެނގިލެވުމާއިއެކު އޭނާއަށް ތެޅިގަނެވުނީ ކުރީ ސީޓާ ދިމާލު މަތީގައި ހަރުކޮށްފައިހުރި ލޯގަނޑުކޮޅުން ޑްރައިވަރުގެ މޫނު ފެނުމުންނެވެ.
" ޔަޝްމީ މޭމް! "
އިސާހިތަކު ޑްރައިވަރ އޭނާއަށް ގޮވާލިއެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
Vv kehkodfin
Dhen avahah haaroonuaa yashmee
Baddalu kobbila
Mivaahaka fahun vaane gotheh bunaakah neyge gymuves adhi mihaathanun anme reethi asaru kuruv haaroonuaa yashmee aai
Gulhuneema
Yashmee haaroonuge carahbaa E ery varah reethi maasha Allah