" އަހަރެން ވަރުބަލިވެއްޖެ ހާރޫން! އަހަރެންގެ ސިކުނޑީގައި އިތުރަށް ވިސްނާނެ ބާރެއް ނެތް.. ވިންދު ޖަހާނެ ހިތްވަރެއް ހިތަކު ނެތް! އެތެރެއަށް ނޭވާ ދަމާލާނެ ވަރެއް ހަށިގަނޑަކުވެސް ނެތް.. ބުނެބަލަ! އަހަރެން ކިހިނެއްތަ ހަދަންވީ؟ ދުނިޔެ މަތިން ހަނދާންނައްތާލަން ވީތަ؟ "
ދެލޯ މަރާލަމުން ޔަޝްމީއަށް ބުނެވުނެވެ.
***
ފްލައިޓްގައި އިން އިރުގައިވެސް ޔަޝްމީއަށް ފިކުރު ކުރެވެނީއެވެ. އޭނާގެ ދިރިއުޅުމާމެދު މާބޮޑަށް ވިސްނެނީއެވެ. ކުރު ގޮތަކަށް ބުނާނަމަ ދުނިޔެމަތިން ފޫހިވަނީއެވެ. ދުނިޔޭގެ އަލިކަން ދެކޭހިތް ނުވަނީއެވެ. ދެލޯ މަރާލިއްޔާ ހުޅުވާ ހިތެއް ނުވެއެވެ. އަލިކަމަށްވުރެ ހިތް އެދެނީ އަނދިރިކަމަށެވެ. ބޭނުންވަނީ އެކަނިވާށެވެ.
" ކޮއްކޯ؟ "
ސީޓުގައި ލެނގިލައިގެން ދެލޯ މަރައިގެން އިން ޔަޝްމީ ސިހުނީ ޖާވިދްގެ އަޑަށެވެ. ޖެހިގެން ހުރި ސީޓުގައި އިން ޖާވިދަށް ބަލައިލަމުން ޔަޝްމީ ހޫމްއޭ ބުނެލީ އާދައިގެ ގޮތަކަށެވެ. ނަމަވެސް އޭރުވެސް ޖާވިދް އިނީ ޔަޝްމީގެ މޫނަށް ކަޅި ޖަހައިނުލާ ބަލަހައްޓައިގެންނެވެ.
" އެންމެ ކުޑައިރުއްސުރެ އުޅެ ބޮޑުވީ ދެމީހުން އެކުގައި! ކޮއްކޮއަށް ކުޑަވެސް ބަދަލެއް އަންނަންޏާ ދޮންބެއަށް ސިއްރު ކުރެވޭނެޔޭ ހީނުކުރައްޗޭ!"
ޖާވިދް އަސަރާއެކު އެހެން ބުނުމުން ޔަޝްމީއަށް ރޮވެން އުޅުނެވެ. ނަމަވެސް އޭނާ ބޭނުންވީ ހިތްވަރުގަދަ ކުރާށެވެ. އޭނާ ކުރަމުންދާ ހިތާމަތައް ފޮރުވާށެވެ. އަދި އޭނާގެ ހިތުގެ ކެކުޅުން ވަންހަނާ ކުރާށެވެ. އެހެންކަމުން އެއްޗެއް ނުބުނެ ޔަޝްމީ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.
" ދޮންބެއަކަށް ހިއެއް ނުވެ ރަށަށް ގޮސްގެން ކޮއްކޮއަށް އުފާވެރިކަމެއް ލިބޭނެހެންނެއް! ވޭތިވެދިޔަ ދުވަސްތައް ފަދައިން ދެންވެސް މުޅި ދުވަސް ހޭދަކުރާނީ ކޮޓަރީގައި.. އެންމެންނާ ވަކިން އެންމެންނާ ދުރުން އުޅޭނީ.. އެގޮތަށް އުޅެން ރަށަށް ގޮސްގެން ނުވާނެ"
ޖާވިދްގެ ހިޔާލުތައް ކުރިއާ ތަފާތު ވުމުން ހައިރާންކަމާއެކު ޔަޝްމީ އަނެއްކާވެސް ޖާވިދަށް ބަލައިލިއެވެ.
" އެކަމަކު... މީހުންގެ ތެރެއަށް ނިކުންނަހިތެއް ނުވެޔޭ ދޮންބޭ! ދެން އަހަންނާހެދި މަންމަވެސް ހުންނަނީ އަބަދު ކުދި ކިޔާލަކިޔާލަ! މަންމަބެސް އަހަންނާމެދު ވަރަށް ވިސްނާކަން އެނގޭ! އެކަމަކު... އަހަރެން ކިހިނެއް މާލޭގައި ހުންނާނީ؟ "
ގޮތްހުސްވެފައިވާ ފަދަ ގޮތަކަށް ޔަޝްމީ އިސްޖަހާލިއެވެ.
" ވަޒީފާއެއް ހޯދަން އުޅޭ! ކޮއްކޮއަށް ލިބޭނެ ސަރުކާރު އޮފީސްތަކުންވެސް.. މީހުންގެ ތެރެއަށް ނިކުމެ އުޅެން ފެށީމަ ފިކުރުތަކާއި ވިސްނުންތަކުން ދުރަށް ދެވޭނެ."
ޖާވިދް ހުރީ ވަރުގަދަ ޢަޒުމެއްގައިކަން ޔަޝްމީއަށް އެނގުނެވެ. އެހިނދު އޭނާގެ ހިތަށް އުފާވެރިކަމުގެ އަސަރުތައް ވެރިވެގަތެވެ.
" އަހަރެން ކޮންތާކު ހުންނާނީ ؟'"
ޔަޝްމީ އަހާާލީ މަޑުމަޑުންނެވެ.
" ކުދިން ބަހައްޓާ ގެޔަކުން ޖާގަ ހޯދާނީ..އޭރުން ކޮއްކޮ ނުޖެހޭނެ އެއްވެސް ކަމަކާ ހާސްވާކަށް.. ކޮއްކޮއަށް ވަޒީފާއެއް ލިބެންދެން ދޮންބެ ފައިސާގެ ހުރިހާ ކަމެއް ހަމަޖައްސާނަން.. އަދި ބުނަންތަ؟ ދޮންބެ ރަށަށް ގޮސް މަންމަމެން އޯކޭ ކުރާނަން.. ފޯނުން ގުޅައިގެން އެވާހަކަ ދެއްކިއްޔާ ދެން ސަލާމަތް ނުވެގެން ދާނީ.. "
އަޑުއަހަން އިން ޔަޝްމީއަށް އުފަލުން ދޮންބެގެ ކޮނޑުގައި ބޯ ޖައްސާލެވުނެވެ. އަދި އޭނާ އެހުރިހާ ކަމަކަށް އެއްބަސްވެސް ވިއެވެ.
***
ޒޫނާ އިންތިޒާރު ކުރަމުން ދިޔައީ ޖާވިދް އަންނާނެ ދުވަހަކަށެވެ. ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަސްވެސް ކައިރި ވާ ވަރަކަށް ޒޫނާގެ ހިތް އަވަސްވަމުންދެއެވެ. މިހާރަކަށް އައިސް އޭނާ އަބަދުވެސް ހުންނަނީ ޖަޒްބާތުގައި ޖެހި ހިނިތުންވެފައެވެ.
" ހޫމް ހޫމް! ދެން ހަނީމޫނަށް ދަނީ ކޮންތާކަށްތަ؟ "
ޒޫނާގެ އެންމެ ގާތް އެކުވެރިޔާ ފަރީ އަހާލިއެވެ. އޭރު އެދެމީހުން ތިބީ ރަށުގެ ފުއްޓަރު ފަރާތު އަތިރިމަތީގައެވެ.
" ނޭނގެ އަދި.. ޖާވިދް ބުނި މެލޭޝިއާއަށް ދާން.. އޭނަ ބޭނުންވާ ގޮތެއް ހަމަ..."
ހެވިފައި އިނދެ ޒޫނާ ބުންޏެވެ. އެއާއިއެކު ފަރީ ޒޫނާގެ ގައިގައި ޖަހާލިއެވެ.
" ޒޫނީއަށް ހީވޭތަ އޭނަ ޝަހާނާމަތިން ހަނދާން ނެތުނުހެން.."
ސީރިއަސްވެފައި ފަރީ ކުރި ސުވާލުން ޒޫނާ އެއްމިޔަކަނުން ހީލިއެވެ. އަދި އަތަށް ފަސްމުށެއް ނަގައި ބާރުކޮށްލިއެވެ.
" ޖާވިދް އޭނަދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވެޔޭ! އެހެން ނޫނަސް އަހަރެން ބޭނުމެއް ނޫން އަބަދު ޝަހާނާއާ ބެހޭގޮތުން ޖާވިދާ ސުވާލު ކުރާކަށް.. އެ ބާބު މިހާރު މުޅިން ނިމިއްޖެ! އެއީ އޭނާގެ މާޒީ.."
ދުރަށް ބަލަހައްޓައިގެން އިނދެ ޒޫނާ ވާހަކަ ދެއްކިއެވެ. މަންޒަރު ބަލަން އިން ފަރީވެސް ބޯޖަހާލީ އެކަން ޤަބޫލު ކުރާ ޙާލުގައެވެ.
" ތެދެއް! މާޒީ ފަހާ ދުވަންވެއްޖެއްޔާ އިތުރު އުފާވެރިކަމެއް ނުލިބޭނެ.. ހަމަ އަސްލުވެސް ޖާވިދަށް ތި ލިބުނީ ހަމަ ރަންގަނޑެއް.. ޒޫނީ ކަހަލަ ކުއްޖެއް ނުލިބޭނެ.. މަށަށްވެސް ތިހާ ރަނގަޅެއް ނުވެވޭނެ.. އެހެންވެ އެއްނު އަދިވެސް އިންނާނެ މީހަކު ނުވެފައި މިހުރީ"
ފަރީ ހެމުން ހެމުން ބުނެލިއެވެ. ޒޫނާވެސް ފަރީއާ ބައިވެރިވެ ހިނިގަނޑެއް ޖަހާލިއެވެ.
" ފަރީއަށް އިންނާނެ މީހުން ނުވަނީއެއްނޫނެއްނު.. ފަރީ ބޭނުންވާ ކަހަލަ ކޮރެއަން ސްޓައިލްގެ ކުދިން މިރަށުގައި ނޫޅެނީ"
ޒޫނާ އެހެން ބުނުމާއެކު ދެމީހުންނަށް އެއްފަހަރާ ހޭން ފެށުނެވެ.
" އޭ އުޅޭ ދާން.. ބަންގިގޮވަން އުޅޭނެ މިހާރު.."
ފޯނުން ގަޑި ބަލައިލުމަށްފަހު ޒޫނާ ތެދުވަމުން ބުނެލިއެވެ. އެއާއިއެކު ވެލިގަނޑުމަތީގައި އިށީނދެލައިގެން އިން ފަރީވެސް ނުހަނު އަވަހަށް ތެދުވެއްޖެއެވެ.
***
މާލެއައިސް ޔަޝްމީ، ހުންނާނެ ގެއެއް ހަމަ ޖެއްސީ ޖާވިދެވެ. އެހެންކަމުން އެރޭ ޔަޝްމީ އެގެއަށް ދިޔައީވެސް ޖާވިދާއެކުގައެވެ.
" މިގޭގައި އުޅެނީ އަހަންނާ އަހަރެންގެ އަންހެން ދަރިފުޅުއެކަނި.. އެހެންވެ ދެން އެހުރި ކޮޓަރީގައި ތިން އަންހެން ކުދިން މި ބައިތިއްބަނީ.. މަހަކު ތިންހާސް ރުފިޔާ ދިނީމަ މިކޮޅުން ޔަޝްމީގެ ހުރިހާ ކަމެއް ބަލަހައްޓައިދޭނަން.."
ސައީދާ ވާހަކަ ދެއްކިއެވެ. އޭނާއަކީ ފަންސާހުގެ އަހަރުތައް ގުނަމުންދާ މީހެކެވެ. ބަލާބެލުމަށް ހިތްހެޔޮވެފައި ހިތް ސާފު މީހެއް ހެން ހީވެއެވެ. މޫނުމަތީގައި ބީރައްޓެހިކަމެއް ނެތެވެ. އެމީހުންނާ ބައްދަލްވީއްސުރެ، އޭނާގެ މޫނުމަތީގައިވަނީ ހިނިތުންވުމެވެ.
" ދައްތަގެ ދަރިފުޅު ރިންޒީވެސް ހެނދުނު އޮފީހަށް ދާގޮތަށް ގެއަށް އަންނާނީ ވަރަށް ލަހުން.. ގޭތެރެ އަމާންވެފައި އުޅެލަން ފަސޭހަވާނެ.. ކައްކާ އެއްޗެހި ދޮންނަންވެސް ބޭރު މީހެއް އަންނާނެ.. ދެން ބޭނުން ކޮންމެ އިރަކު ވަދެ، ނިކުގެ ހެދޭނެ.. "
ސައީދާ އިތުރަށް އޮޅުން ފިލުވައި ދިނެވެ. ސައީދާގެ ވާހަކަތައް އަޑުއަހަން އިން ޔަޝްމީގެ މޫނުމަތިން ހިނިތުންވުން ފެނި، ޖާވިދުގެ ސިކުނޑިއަށް ވަރަށް ބޮޑު ލުޔެއް ލިބުނު ކަހަލައެވެ. އެރޭ ޖާވިދް އެގެއިން ނިކުމެގެން ދިޔައީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިގެންނެވެ.
***
" ކީކޭ؟ ޔަޝްމީ ބަހައްޓާފައޭ؟ އެކަމަކު އޭރުން ޖާވިދްގެ މަންމަ ކިހާ ރުޅި އަންނާނެ"
ލިބުނު ހައިރާންކަމުގައި ޒޫނާއަށް ބުނެވުނީ ވަރަށްވެސް ބާރަށެވެ.
" ނޫނެކޭ! މަންމައަށްވުރެ ބޮޑަށް ޔަޝްމީގެ ގޮތް އެނގޭނީ އަހަންނަކަށްނު.. ރަށަށް ގެނެސްގެން ދެން އޭނައަށް ކޮން މުސްތަޤްބަލެއް ލިބޭނީ؟ ފަހަރެއްގައި މާލެ ތެރެއިން ކޮއްކޮއާ ކައިވެނި ކުރާނެ މީހަކުވެސް ލިބިދާނެ.. ކޮއްކޮ އެގޮތުގައި ބަލައިގަންނާނެ މީހަކު ވެދާނެއެއްނު.. ރަށުގައި ކާކު ހުރީ؟ އަހަރެން އެ ހުރިހާ ކަމަކަށް ވިސްނަމޭ ޒޫނީ.."
ޖާވިދް އަސަރާއެކު ބުނެލިއެވެ. އެއާއިއެކު ޒޫނާއަށް މައިތިރިވެވުނެވެ. އެހެންކަމުން އޭނާ އަނެއްކާވެސް އޮށޯވެ ހަމަޖެހިލިއެވެ.
" ތިކަހަލަ ބޭބެއެއް ޔަޝްމީއަށް ލިބުނުކަން ހަމަ ނަސީބު"
ޒޫނާ މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ޖާވިދްގެ ހީލުމުގެ އަޑު ޒޫނާގެ ކަންފަތާއި ހަމައަށް ފޯރިއެވެ.
" ކީއްވެ ތި ހެނީ؟ "
އަވަސް އަވަހަށް ޒޫނާ އެހިއެވެ.
" ޒޫނީގެ ޙަޔާތަށް އަހަރެން އައުމަކީ ނަސީބެއް ނޫންބާ؟ "
ޖާވިދް ބުނެލީ ލާނެތް ގޮތަކަށެވެ. އެއާއިއެކު ޒޫނާއަށްވެސް ހެވިއްޖެއެވެ.
" މާދަމާ ރަށަށް އަންނަގޮތަށް އަހަރެން ގާތަށް އަންނަން ޖެހޭނެ.. އަޅެ މާދަން މިގެއަށް ކާން އާދެބަލަ! "
ކުޑަކުއްޖަކު ފަދައިން ޒޫނާ އާދޭސްކުރަން ފެށިއެވެ. ނަމަވެސް ޖާވިދް އެކަމަށް އެއްބަހެއް ނުވިއެވެ.
" ނޫނޭ.. މަންމަމެންގާތު މަޑުކުރާނީ މާދަމާ.. އަދި ކޮއްކޮގެ ކަންތަކުގައި މަންމައާ ވަރަށް ރަނގަޅަށް ވާހަކަ ދައްކަން ޖެހޭނެއެއްނު.. ދެން ޒޫނީއަށް އަހަރެން ފެންނާނީ މާދަމާ ރޭ.. ކެތްތެރިވެގެން ހުރެބަލަ! ހަދިޔާއެއް ގެންދާނަމޭ"
ޖާވިދް ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ.
" އަހަރެން ބޭނުންވަނީ ހަދިޔާތަކެއް ނޫނޭ.. ހަމައެކަނި ޖާވިދް ދެކިލަން ބޭނުމީ.."
ޒޫނާ ލޯތްބާއެކު އެހެން ބުނުމުން ޖާވިދްގެ ވިސްނުމަށް އައީ ޝަހާނާގެ ހަނދާނެކެވެ. ތާކަށް ދިޔައްޔާ ހަދިޔާ ގެންނަން އާދޭސްކުރާ ހަނދާނެވެ. އެއާއިއެކު ޖާވިދަށް ލާނެތް ގޮތަކަށް ހެވިއްޖެއެވެ.
" އޯކޭ މެޑަމް.. ދެން ދެކިލަން ގޮސްދާނަން..."
އެންމެ ފަހުން ފޯނު ބާއްވަން ޖެހުނީ ޒޫނާ ބޭނުންވާގޮތަށް ޖާވިދް އެއްބަސް ވެގެންނެވެ.
***
" ޖާވިދް ތިކަން ތިކުރީ ވަރަށް ވިޔާނުދާ ގޮތަކަށް! ގޮތްނޭނގޭ މީހެއް ކައިރީ އެމަންޖެ ބަހައްޓާފައި ތިޔަ އައީ.. އަހަރެމެންނާ އެއްވެސް މަޝްވަރާއެއްވެސް ނުކޮށް"
ދެއަތް ފުރަގަހަށް ލައިގެން ޝާކިރު ހުރީ ޖާވިދްދެކެ އިންތިހާއަށް ރުޅި އައިސްފައެވެ. ޝާކިރާ ދާދި ގާތުގައި ހުރި ފާއިޒާގެ މޫނުމަތިންވެސް ފެންނަނީ ނުރުހުންތެރިކަމެވެ.
" ފިކުރު ކޮށްކޮށް ދުނިޔެއިން މޮޔަވާވަރުވެފައި ހުރި ކުއްޖަކު އެކަނިމާއެކަނި ދޫކޮށްލާފައި އަންނަން ޖާވިދަށް ކެރިއްޖެތަ؟ "
ޝާކިރަށްވުރެ ފާއިޒާގެ އަޑު ބާރެވެ. އެއާއިއެކު އެނދުމަތީގައި އިސްޖަހާލައިގެން އިން ޖާވިދް ބަލައިލިއެވެ.
" މަންމާ! އެއީ ކޮއްކޮވެސް ބޭނުންވާ ގޮތެއް ނޫނޭ.. އޭނަ މިރަށަށް އައިސް ކީއްތަ ކުރާނީ؟ ކޮއްކޮ ބުންޏޭ ވަޒީފާއެއް ހޯދައިދޭށޭ.. ކޮއްކޮއަކީ ކިޔަވައިގެން ހުރި ކުއްޖެއް.. ކޮއްކޮއަށް ލިބޭނެ ރަނގަޅު ވަޒީފާތައް.. މަންމަމެން އޭނަ ގެނެސް ކޮއްޓަކަށްލައިގެން ގޭގައި ބައިންދައިގެން ކޮން ފައިދާއެއްތަވަނީ؟ "
ފުންމައިގެން ތެދުވެ ޖާވިދް ތަންކޮޅެއް ބާރަށް ބުނެލިއެވެ.
" އޭނަގެ މުސްތަޤްބަލާމެދު މަންމަމެން ނުވިސްނަންތަ؟ ނޫނީ ކޮއްކޮއަށް އިތުބާރެއް ނުކުރަންތަ؟ "
ޖާވިދް މަސައްކަތް ކުރަމުންދިޔައީ މަންމަމެންނަށް ވިސްނައިދެވޭތޯއެވެ.
" ޔަޝްމީ ހުރީ ހިންހަމަޖެހިފައިތޯ އަހާލަބަލަ! ޚުދު ޔަޝްމީވެސް ބޭނުމެއް ނުވެޔޭ ރަށަށް އަންނާކަށް.."
ޖާވިދް އަނެއްކާވެސް ބުނެލިއެވެ. އެންމެ ފަހުން ޝާކިރު ބޭނުންވީ ހަތިޔާރު ބަހައްޓާށެވެ. އެހެންކަމުން އޭނާ ފާއިޒާއަށް ބަލައިލުމަށްފަހު ބުނެލިއެވެ.
" ދަރިން އެތިބީ ބޮޑެތިވެފައި.. ރަނގަޅުގޮތް އެކުދިންނަށް އެނގޭނެ.. ދެން އަހަރެމެން އެކަމާ ވިސްނާނެ ކަމެއް ނެތް..."
" އާނދެން ކަންތައްތައް ރަނގަޅުވާނެ ކަމަށް ބަލަމާ! "
ފުން ނަޒަރަކުން ޖާވިދްގެ މޫނަށް ބަލައިލުމަށްފަހު ފާއިޒާ ބުނެލިއެވެ. އެއަށްފަހު އޭނާވެސް ޝާކިރުގެ ފަހަތުން ނިކުންނަން ހިނގައިގަތެވެ.
***
މާލޭގައި ހޭދަކުރެވޭ ކޮންމެ ދުވަހަކީ ޔަޝްމީއަށް ނުހަނު ފޫހި ދުވަހެކެވެ. ބައެއް ދުވަސް ދުވަހު އޭނާ ކަނީވެސް އެންމެ އިރަކުއެވެ. ކޮޓަރީގައި އުޅޭ ދެކުދިންވެސް މަދުމަދުން އޭނާއާ ވާހަކަ ދައްކާ ހަދައެވެ. ނަމަވެސް އަދިވެސް ޔަޝްމީއަށް ލޯބިކުރެވެނީ އެކަނިވެރި ކަމަށެވެ. ބޭނުންވަނީވެސް އެކަނި އުޅޭށެވެ.
" ވަޒީފާއެއްގައިތަ އުޅެނީ؟"
މަތީ އެނދުން ފޭބި ރަޝާގެ އަޑުން ޔަޝްމީ ދިޔައީ ސިހިގެންނެވެ. އެހެންކަމުން އޭނާ ދެވަނަ ފަހަރަށް ސުވާލު ތަކުރާރު ކޮށްލިއެވެ.
" ނޫން.. ޖޮބެއް ހޯދަން ވެގެން.. އަދި ނުލިބިގެން މިއުޅެނީ"
އަވަސް އަވަހަށް ތެދުވެ، އެނދުގައި އިށީނދެލަމުން ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ރަޝާވެސް އައިސް ޔަޝްމީގެ އެނދުގައި އިށީނދެލިއެވެ.
" ޖޮބެއް ހަމަޖައްސައިދެންތަ؟ "
ރަޝާގެ ޖުމްލައިން ޔަޝްމީގެ މޫނުމައްޗަށް ހައިރާންކަން ގެނުވިއެވެ.
" މުސާރަވެސް ރަނގަޅުވާނެ... މުސާރައާ އެއްވަރަށް ކުރަންޖެހޭ މަސައްކަތް ބުރަ ވާނެ"
ރަޝާ ބުނެލިއެވެ. އެއާއިއެކު ޔަޝްމީ ވާހަކަ ދައްކަން ފެށީ ނުހަނު މަޑުމަޑުންނެވެ.
" ކޮންކަހަލަ ވަޒީފާއެއް؟ "
" އަހަރެންގެ ބޭބެއަކީ ރާއްޖެއަށް ފޮތި އެތެރެ ކުރާ މީހެއް! ހުރިހާ ސްކޫލްތަކެއްގެ ފޮއްޗާ އެކި ފާޑުފާޑުގެ ފޮތި.. ހޯލްސޭލްކޮށް ވިއްކަން ގެންނަނީ.. އަހަރެންވެސް އުޅެނީ ބޭބެއާއެކު އެ ބިޒްނަސްގައި ބައިވެރިވެގެން.. ބައެއްފަހަރު ދުބާއީއަށްވެސް އަހަރެމެން ދަން ފޮތި ނަގަން "
ރަޝާގެ ވާހަކައަށް ޔަޝްމީއަށް ޝައުޤުވެރި ވެވުނެވެ. އެހެންކަމުން އޭނާ ހިނިތުންވެލީ ހިތްހަމަޖެހޭ ފަދަ ގޮތަކަށެވެ.
" ހިނގާބަލަ އަހަރެންގެ ބޭބެއާ މީޓްކޮށްލަންދާން... އަހަރެމެންގެ އޮފީސް ހުންނާނީ މާފަންނުގައި.. އަހަރެން ގާތު ކިތަންމެ ދުވަހެއްވެއްޖެ އަހަންނާއެކު މަސައްކަތްކުރަން ކުއްޖަކު ނަގާށޭ ކިޔާތާ.. ފަނަރަހާސްވަރު ދޭނެ! "
ރަޝާ ތެދުވަމުން ބުނެލިއެވެ. އެއާއިއެކު ޔަޝްމީވެސް ތެދުވިއެވެ.
" އަހަރެން ރެޑީ ވެލަންތަ؟ "
ޔަޝްމީ މަޑުމަޑުން އަހާލިއެވެ. އެއާއިއެކު ރަޝާ އޯކޭއޭ ބުނެ، އޭނާގެ ކަބަޑާ ދިމާލަށް ދިޔައެވެ.
***
ރަޝާއާއެކު ޔަޝްމީއިނީ އޮފީހުގައެވެ. އިރުއިރުކޮޅުން ޔަޝްމީއަށް ވަށައިގެން ބެލެއެވެ. އޭނާ އިނީ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސް ވެފައެވެ. ނަމަވެސް އިރުއިރުކޮޅުން ރަޝާ، އޭނާއާ ވާހަކަ ދައްކަމުން ދާތީ އިޙްސާސްކުރެވެމުން ދިޔަ ބީރައްޓެހިކަންވެސް ފިލައިގެން ދިޔަ ކަހަލައެވެ.
" އޯހް.. ސޮރީ ސޮރީ! ވަރަށް ލަސްވެއްޖެދޯ!"
ކުއްލިއަކަށް ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް ގޮތަށް ރަހީލް ބުނެލިއެވެ. އެއާއިއެކު ރަހީލްގެ ނަޒަރު ގޮސް ހުއްޓުނީ ޔަޝްމީގެ މޫނަށެވެ. ޔަޝްމީއަށް އަވަސް އަވަހަށް އިސްޖަހާލެވުނެވެ.
" މިއީތަ ކޮއްކޮގެ ފްރެންޑް؟ "
ކޮމްޕިޔުޓަރ މޭޒު ކައިރީގައި އިށީންނަމުން ރަހީލް އެހިއެވެ. އެއާއިއެކު ރަޝާ އަވަސް އަވަހަށް އާނއެކޭ ބުނެ ރަހީލާ ދިމާލަށް ހިނގައިގަތެވެ.
" ވަޒީފާ އޮތީ ހަމަޖެހިފައިތަ؟ "
ހެވިފައި ހުރެ ރަޝާ އެހިއެވެ. އެއާއިއެކު ރަހީލް ހީލަމުން ބޯ ޖަހާލިއެވެ.
" ރަޝާގެ ޗޮއިސް.. ގޯހެއް ނުވާނެއެއްނު... އެހެންވީމަ މާދަމާއިން ފެށިގެން ނިކުންނަންވީ... ވަރަށް ވަރަށް ބައިވަރު މައުލޫމާތުތަކެއް ރައްކާތެރިކަމާއެކު ބަލަހައްޓަން މިޖެހެނީ.. މީގައި ހަމަ ޓައިޕް ކުރަންވީ..އަހަރެމެން ގެންނަ ހުރިހާ މުދަލެއް.. މައިގަނޑު އެއްޗަކަށް ފޮތި.. ދެން ބިލްތައްވެސް ބަލަހައްޓަންޖެހޭނެ"
ރަހީލް ވާހަކަ ދެއްކި ގޮތުންވެސް އޭނާއަކީ ޒިންމާދާރު މީހެއްކަން ޔަޝްމީއަށް ޤަބޫލު ކުރެވުނެވެ. އޭނާގެ ރާގު ހުންނަނީ ހާރޫންމަތިން ހަނދާން އާވާ ފަދަ ގޮތަކަށެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް ޔަޝްމީއަށް އުނދަގޫ ވާން ފެށިއެވެ.
" ހިނގާ އަހަރެމެން މިރޭ ކާންދާން.. ޔަޝްމީއާ ދެމީހުންނަށް ކާންދީބަލަ ބޭބެ.."
އާދޭސް ކުރާ ކަހަލަ ގޮތަކަށް ރަޝާ ބުނެލިއެވެ. އެއާއިއެކު ރަހީލް ނުހަނު ބާރަށް ތެދުވަމުން އަތުގައި އޮތް ފޯނަށް ބަލައިލިއެވެ.
" ނަތާ ގުޅާނެ އިރުކޮޅަކުން ބަލައި ދާން.. ބޭބެ ޕޭ ކުރާނަން. ދެކުދިން ދޭ ކާލަން"
ދޮރާއި ދިމާލަށް ހިނގައިގަންނަމުން ރަހީލް ބުނެލިއެވެ. އެއާއިއެކު ރަޝާގެ މޫނުމައްޗަށް ފޫހިކަން ވެރިވެގެން ދިޔައެވެ.
" އެއީ ވަރެއްގެ ފަހަރި ގަނޑެއް! ބޭބެއާ ނުލައި ނުކުރެވޭނެ އެއްވެސް ކަމެއް.. ގޭ ދޮރުމަތީގައި ހުންނަ ފިހާރައަކަށް ދާންވެސް ގުޅާނީ ބޭބެއަށް.. އަނެއްކާ ބޭބެވެސް އޭނަދެކެ އެވާ ލޯތްބެއް..ހަމަ ރަނގަޅަށްވެސް ދަށުވެފައި ހުންނާނީ! އެހެންވެ އަހަރެން ވަރަށް ފޫހިވޭ އެގެއަށް ދާންވެސް.."
ރަޝާގެ ވާހަކަތައް އަޑުއަހަން ޔަޝްމީއަށް އިނދެވުނީ ހެވިދިލިފައެވެ. ރަޝާގެ ފަރާތުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނީތީ އޭނާ ހުރީ އުފަލުންނެވެ.
" އަހަރެން ބޭނުންވަނީ އެ ނަތާއާ ބޭބެ ދުރުކުރުވަން.. އެހެން އުޅެނިކޮށް ބޭބީއެއް ލިބުނިއްޔާ އަނެއްކާ ދުރެއްވެސް ނުވާނެއެއްނު"
ރަޝާއަކީ ސަކަ މިޒާޖެއްގެ އަނގަ ގަދަ ކުއްޖެއްކަން ޔަޝްމީއަށް ވިސްނުނެވެ. އޭނާ ބުނެލާ އެއްޗެއްސަކީ މާބޮޑު އެއްޗެއް ހިތުގައިލައިގެން ބުނާ އެއްޗެހި ނޫންކަން ދޭހަވަނީ ކޮންމެ ޖުމްލައަކަށްފަހު އެނާ ހޭންފަށާތީއެވެ.
" އަޅާލާނެ ކަމެއްނެތް"
ޔަޝްމީ ބުނެލީ މަޑުމަޑުންނެވެ. އެއާއިއެކު ރަޝާ ޔަޝްމީއާ ދިމާލަށް އެނބުރިލިއެވެ.
" ޔަޝްމީގެ ލައިފް ކިހިނެއްތަ؟ އަހަރެން މިހުރީ އަހާލަން ނުކެރިފައި.. އެކަމަކުވެސް އަނގަގަދަ ކަމުން އެހުނީ"
ރަޝާގެ ޖުމްލައިން ޔަޝްމީއަށް އަސަރާއެކު ހިނިތުންވެލެވުނެވެ. އޭނާގެ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރުމަކީ ވަރަށްވެސް އުނދަގޫ ކަމެކެވެ. ކިޔައިދޭނެ ހިތްވަރު ނެތް ނަމަވެސް، އޭނާ ބޭނުންވީ އެހުރިހާ ވާހަކަތަކެއް ރަޝާއަށް ކިޔައިދޭށެވެ.
" އެއީ ވަރަށް މާތް އިންސާނެއް! "
ޔަޝްމީ ހާރޫން ސިފަކޮށްދޭން ބުނެލި ފުރަތަަމަ ޖުމްލައިންވެސް ރަޝާއަށް މައިތިރިވެވުނެވެ. ޔަޝްމީ ދޫކުރަމުން ދިޔަ ކޮންމެ ޖުމްލައެއް ކަނުލާ އަޑުއަހަން ރަޝާ އިނެވެ. ދެލޮލުން ކަރުނަ ފުހެމުން ޔަޝްމީގެ ފަހު ޖުމްލަ ދޫކޮށްލުމާއެކު ރަޝާގެ ދެލޯވެސް ކަރުނައިން ފުރުނެވެ.
" އަހަރެންގެ ދުޢާއަކީ ކޮންމެވެސް ދުވަހަކުން އަހަންނާ ހާރޫން އެއްތަން ވުން.. އަހަންނަށް އޭނަ ދިމާވުން.. "
ދެއަތުން މޫނު ސާފުކޮށްލުމަށްފަހު ޔަޝްމީ ހީލިއެވެ. އެއާއިއެކު ޔަޝްމީގެ ގައިގައި އަތް ޖައްސާލަމުން ރަޝާ ބުނެލިއެވެ.
" ތި ދުޢާ އިޖާބަ ކުރައްވާތޯ އަހަރެން ދުޢާ ކުރާނަން! "
ރަޝާއަށް ބަލައިލަމުން ޔަޝްމީއަށް އަނެއްކާވެސް ހިނިތުން ވެލެވުނެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
Vara reethi vahaka
Alhey haadhareechey mibai maves dhuaa kuraanan yashmee ah haaroonu libeytho