ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އީސީގެ އިލްތިމާސެއް

EC- Elections Comission

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ގައިދޮށްވެފައިވާއިރު، ހަގީގަތާއި ހިލާފް އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ.

އީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބު 2023 ގެ ރީ-ރަޖިސްޓްރޭޝަން އެ ކޮމިޝަނުން ބޭނުން ކުރަމުން އަންނަ ޕޯޓަލް އަކީ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށްފަހު ބޭއްވި ހުރިހާ ބައި-އިލެކްޝަންތަކުގައި ތަޖުރިބާކޮށް، ރައްޔިތުންނާއި ހުރިހާ ސިޔާސީ ޕާޓީތަކުގެ އިތުބާރާއެކު ބޭނުން ކުރަމުން އަންނަ ޕޯޓަލެއް ކަމަށެވެ.

އެ ޕޯޓަލް ބަލަހައްޓަމުން އަންނަނީ އައިޓީ ކޮންސަލްޓެންޓެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށް އީސީން ބުންޏެވެ.

އީސީން ބުނެފައިވާ ގޮތުގައި އެ ޕޯޓަލްގެ އެކްސެސް، އެ ކޮމިޝަންގެ ކުރީގެ އެއްވެސް މެންބަރަކަށް ނުވަތަ ކަމާނުބެހޭ އެއްވެސް މީހަކަށް ދީފައެއް ނުވާނެއެވެ.

އީސީން ބުނީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕޯޓަލް މެދުވެރިކޮށް 40 ހާހަށްވުރެ ގިނަ ފޯމު ޕްރޮސެސްކޮށްފައިވާއިރު އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަމަށެވެ. އަދި ދެވަނަ ބުރުގައި ތިން ދުވަސް ތެރޭގައި އޮންލައިންކޮށާއި، އީސީގެ ކައުންޓަރަށާއި އަދި އަތޮޅުތަކުގެ ފޯކަލްތަކަށް 47 ހާހަށްވުރެ ގިނަ ފޯމް ލިބިފައިވާކަމަށާއި، މީގެތެރެއިން 19 ހާހަށް ވުރެ ގިނަ ފޯމު ވަނީ އިއްޔެގެ ނިޔަލަށް ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށާއި، އަދި 27 ހާހަށް ވުރެ ގިނަ ފޯމު ގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އީސީން ބުނެއެވެ.

އެ ކޮމިޝަނުން ބުނީ، ރީ-ރަޖިސްޓަރޭޝަނަށް ހުށަހެޅުނު ފޯމުތައް ވެރިފައިކޮށް ނިމުމުން ޢާންމުކޮށް ދެ ދުވަހަށް ޝަކުވާއަށް ހުޅުވާލާނެއެވެ.

އޮންލައިން ރީ-ރަޖިސްޓްރޭޝަން މަރުހަލާގައި މި ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ލުއިފަސޭހަގޮތް ހޯދައިދެވިފައިވާއިރު، މި ޕޯޓަލާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދޭގޮތައް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުން އަންނާތީ އެފަދަ ހަގީގަތާއި ޚިލާފް ޚަބަރު ނުފަތުރަން އީސީން ވަނީ އެދިފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިހާގައިދޮށްވެފައިވާއިރު، އީސީ އާއި، ރައްޔިތުންނާއި ކެންޑިޑޭޓުންނާ ދެމެދު އޮތް އިތުބާރަށް ބުރޫއަރާގޮތަށް ހަގީގަތާ ޚިލާފް ވާހަކަ ނުފެތުރުމަށް ވެސް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި