ރޫޅަންޖެހޭ އެއްޗެހި ރޫޅާ ނިމިއްޖެކަމަށާއި، މިހާރު ފަށާފައި ވަނީ ''އިރަން'' ކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ރޭ ވިދާޅުވެއްޖެއެވެ.
ޝިޔާންޓޭ ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު އަށް ތާއީދުކުރައްވައި، ރޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅިވަޑައިގެންފައެވެ. ޝިޔާންޓޭ ޕީޕީއެމާއި ގުޅިވަޑައިގަތީ ރޭ ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ކުރިއަށް ދިޔަ މުޢިއްޒުގެ ކެމްޕޭން ޖަލްސާގައެވެ.
ފެށުނީއްސުރެ އެމްޑީޕީއާއި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ލޯޔަލް މެންބަރެއްގެ ގޮތުގައި ހުންނެވި ޝިޔާންޓޭ ވަނީ މިއަހަރު ޖުލައިމަހު ތެރޭ ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ''ދަ ޑިމޮކްރެޓިކްސް'' އާއި ގުޅިވަޑައިގެންފައެެވެ. އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޭނާ މަސައްކަތް ކުރައްވާފައި ވަނީ ޑިމޮކްރެޓިކްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކެންޑިޑޭޓް، ޑރ. މުޢިއްޒަށް ތާއީދު ކުރެއްވުމުގެ އިތުރުން އިދިކޮޅު މައި ޕާޓީއަށް ސޮއިކޮށް ރޭގެ ޖަލްސާގައި ޝިޔާންޓޭ ވާހަކަދައްކަވަން ފެއްޓެވީ ވަރަށް ޖޯޝާ އެކުގައެވެ.
''ރޫޅަންޖެހޭ އެއްޗެހި ރޫޅާ ނިމިއްޖެ، ދެން މިފައްޓަނީ އިރަން، އިރާލާނަމޭ މިބުނަނީ، ހިއެއް ނުކުރަން މާދަމާރޭ ލައިގެން ކާނެ އެއްޗެއް ހުންނާނެހެނެއް ވެސް، އެހާ ދަށްކޮށް މިދިޔައީ،'' ޝިޔާންޓޭގެ ވާހަކަ ފައްޓަވަމުން ރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި، ރައީސް ޞާލިޙް ވެރިކަމަށް ގެނައީ ވަރަށް ފޮނި އުންމީދުތަކަކާއެކުގައި، އެފަދަ ދެވަނަ އެއްނެތް ބޭފުޅަކުނެތްކަމަށް ބުނެ މުޅި ރާއްޖެއަށް އަޑުތައް ފަތުރައި، މީހުންނަށް ވިސްނައިދީގެން ކަމަށެވެ. އަދި ވެރިކަން ހޯދައިދިނުމަށްފަހު، ރައްޔިތުންގެ މަޖިލިސްގެ ސްޕާ މެޖޯރިޓީ ވެސް ހޯދައިދެއްވިކަމަށް އޭނާ ވިދާޅުވިއެވެ.
''އެވަރުން ވެސް ނިމުނީއެއްްނޫން، ވެރިކަމުގެ އާރާއި ބާރާއި ދިނީ، ދިނީމާ މީހާވީ ފޮނި، އަޅުގަނޑުމެންނަށް އިނގިއްޖެ ވެރިކަން މި ދެވުނީ ގަމާރަކަށްކަން، ބޮޑު ގަމާރަކަށްކަން އިނގިއްޖެ'' ޝިޔާންޓޭ ވިދާޅުވިއެވެ.
ޝިޔާންޓޭ ވިދާޅުވީ، ރައީސް ޞާލިޙް އައު ދައުރަކަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ފޮތިގަނޑެއްގައި ކައުންސިލްތަކަށް ބާރު ދޭނެކަމަށް ލިޔެފައިވާ ކަމަށެވެ. ''އެކަމަކު ގޯތި ރަޖިސްޓަރީ ވެސް ދަމައިގަތީ'' ކަމަށް އޭނާ ވިދާޅުވިއެވެ.
''މަސްވެރިން ބުނާހެން ބާނަބާނާ ތިއްބާ ލޮނުގަނޑުވެސް ވިއްކާލައިފިއޭ، އެވަރުން ވެސް ބުނަނީ ބޮޑުބައި ލިބިއްޖެއޭ، އެހެންވެ މިބުނަނީ މީ ގަމާރެކޭ، ރައީސް ޞާލިޙްގެ ވެރިކަން ނިމިއްޖެ، ދެން އޮންނާނީ ކޮތަޅުގެ ވެރިކަން ނިންމުން، މިވެރިކަން ވެސް ނިންމާނަން އިރާދަކުރެއްވިއްޔާ'' ޝިޔާންޓޭ ވިދާޅުވިއެވެ.
ޝިޔާންޓޭ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމުނުއިރު މުޅި ރާއްޖޭގެ ޗާޓުގައި ވެސް ރީނދޫކުލަ އިނީ ތިން ތަންކޮޅެއްގައި ކަމަށާއި، އެވެސް މިފަހަރު ފުހެލަށްވާނެ ކަމަށެވެ. އަދި މަސައްކަތް ނިންމާނީ ވެރިކަމަށް ޑރ. މުޢިއްޒު އިންތިޚާބު ކުރުމަށްފަހުގައި ކަމަށް ވެސް ވިދާޅުވިއެވެ.