އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމްކުރެވި ސަފީރަކު އައްޔަނުކުރެއްވުމަކީ ރާއްޖެއާ އެމެރިކާގެ ގުޅުން ކުރިޔަށް އޮތްތަނުގައި ބަދަހިވާނޭކަމެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އިން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ އެމެރިކާގެ ވޮޝިންޓަން ޑީސީގައި ރާއްޖޭގެ އެމްބަސީ އަލުން ހުޅުވިގެން ދިޔުމަކީ ވެސް ރާއްޖޭގެ ޙާރިޖީ ސިޔާސަތަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ވިޔަފާރިއާ އިގުތިސާދީ ދާއިރާގެ އިތުރުން އެހެނިހެން ދާއިރާތަކުން ވެސް ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި، އިގުތިސާދާއި ސަގާފީ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި އެމްބަސީތަކުން މުހިއްމު ދައުރެއް އަދާކުރާކަން ވެސް ސާލިހު ވަނީ ފާހަގަ ކުރައްވާފައެވެ.

އެމެރިކާ ސަފީރުކަމުގެ ދައުރު ފެއްޓެވުމާއި ގުޅިގެން އެމަނިކުފާނަށް، ރައީސް ސާލިހު ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ސަފީރު ޔޮން ވަނީ އެމެރިކާގެ އެމްބަސީ ރާއްޖޭގައި ހުޅުވުމުގައި ސާލިހާއި ދިވެހި ސަރުކާރުން ދެއްވި އެއްބާރުލެއްވުމަށް، ޝުކުރު އަދާކުރައްވާފައެވެ. އަދި ތަފާތު ދާއިރާތަކުން ރާއްޖެއާ އެމެރިކާގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާިއރު، އެމެރިކާ ސަފީރުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މޫސުމީ ބަދަލުތަކާއި ގުޅިގެން ކުރިމަތިލާންޖެހޭ ކަންކަމުން އަރައިގަތުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ވަނީ ތައުރީފް ކުރައްވާފައެވެ.

ރާއްޖެއިން އެމެރިކާއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ، 1965 ވަނަ އަހަރުގައެވެ.