ފައިގައި ޖެހުނު ގާބުރިއެއްވެސް، ބޯޅައެއްގައި ޖަހާ އުސޫލުން ބާރުބާރަށް ފައިން ޖަހާ ދުރަށް ހޫރާލީ ރުޅިވެރިކަމާއެކުއެވެ. ހިތަށް ޖަމާވަމުންދާ ޝަކުވާތައް ބޭރުކުރަން ބޭނުންވި ނަމަވެސް ދިރިއުޅުމުގެ ކަންތައްތައް މީހުންނާ ހިއްސާކުރުމަކީ އޭނާ މާ ކުރާހިތްވާ ކަމެއް ނޫނެވެ. އެހެންކަމުން ޝަކުވާތައް ހިތުގައި ބޮނޑިކޮށްގެން ހުރެ އޭނާ ވެލިގަނޑުމަތީގައި އިށީނދެލީ ގެއަށް ދާން ބޭނުން ނުވެގެންނެވެ.
***
އެނދުގައި ލެނގިލައިގެން މުށިތައްމަތީގައި ނިދިފައި އިން ޔަޝްމީއަށް ސިހިފައި ހޭލެވުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އެއާއިއެކު އޭނާއަށް މަޑުމަޑުން ތެދުވެވުނެވެ.
" ކޮންތާކުން ؟ "
އެތެރެއަށް ވަދެގެން އައި ހާރޫންއާ ދިމާލަށް ހިނގައިގަންނަމުން ޔަޝްމީ ސުވާލު ކުރިއެވެ. އެއާއިއެކު ހާރޫން އަސަރާއެކު ހާރޫންއަށް ބަލައިލިއެވެ.
" އަހަރެން ކޮންމެ ތާކުން އަޔަސް ޔަޝްމީ އަހަންނާމެދު ވިސްނާ ފިކުރު ކުރުމުގެ އެއްވެސް މާނައެއް އެބައޮތްތަ؟ "
ހާރޫންގެ ޖުމްލައިން ޔަޝްމީ އިސްޖަހާލީ ނުތަނަވަސްކަމާއެކުއެވެ. ހަމަ އެވަގުތެވެ. ހާރޫންގެ ޖީބުގައި އޮތް ފޯނު ރިންގްވާން ފެށިއެވެ. ގުޅަނީ ކާކުތޯވެސް ބަލައިނުލާ ހާރޫން ފޯންނެގީ ޔަޝްމީއަށް ބަލަހައްޓައިގެން ހުރެއެވެ.
" އާނ! މިދަނީ.. ވަރަށް އަވަހަށް ދާނަން"
ހާސްކަމާއެކު ހާރޫން އެހެން ބުނުމަށްފަހު ތެޅިގަތެވެ. އަވަސް އަވަހަށް ގޮސް، އޭނާގެ ދަބަސް ނަގައި، ޑްރެސިންގ ޓޭބަލްއާ ދިމާލަށް ހިނގައިގަތެވެ.
" ކާކު ގުޅީ؟ ކިހިނެއްވީ؟"
ޔަޝްމީ ސުވާލު ކުރުމުންވެސް ހާރޫންގެ އަވަސް ހަރަކާތްތައް ހުއްޓޭ ގޮތެއް ނުވިއެވެ.
" ބައްޕަ ވަރަށް ބޮޑަށް ޙާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮއްސި! "
ފުރަގަސްދީގެން ހުރެ ހާރޫން އެހެން ބުނުމާއެކު ޔަޝްމީވެސް އަވަސްވެގަތީ ދަބަހަށް އެއްޗެހި އަޅާށެވެ.
***
ގެއަށްވެސް ނުގޮސް ކޮނޑުގައި ދަބަސް އަޅުވައިގެން ހުރެ ހާރޫން ދިޔައީ އޭޑީކޭއަށެވެ. އެކުގައި ޔަޝްމީވެސް ހުއްޓެވެ. ބައްޕަ އޮތް ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތަކީ ބައްޕަގެ އެންމެ ފަހު ނޭވާ ދޫކޮށްލި ވަގުތެވެ. ދޮރުމަތީގައި ހުރި ހާރޫންއަށް އެމަންޒަރު ރީތިކޮށް ފެނުނެވެ. އޭރު ބައްޕަގެ ދާދި ގާތުގައި ޑޮކްޓަރާއި ދެ ނަރުހުންގެ އިތުރުން ބައްޕަގެ ގޭގައި ގެންގުޅޭ ދެމަފިރިންވެސް ތިއްބެވެ.
" ބައްޕާ! "
ހާރޫންއަށް ގޮވާލެވުނެވެ. އޭރު ކޮނޑުގައި އޮތް ދަބަސް އޭނާއަށް ފައިބުޑަށް ވައްޓައިލެވުނެވެ. ހާރޫންގެ ބުރަކަށީގައި އަތްޖައްސާލަމުން ޔަޝްމީ ވާހަކަ ދައްކަން ފެށިއެވެ.
" ހާރޫން.. ނުރޮއްޗޭ! ހިތްވަރު ކުރަންވާނެ"
ޔަޝްމީގެ އަޑު އިވުމާއެކު ހާރޫންގެ ދެލޮލުން ކަރުނަތައް އޮހޮރިގަތެވެ. ނަމަވެސް ބާރަށް ނުރޮއި ހުރެވޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އެނދުގެ މަގަތުގައި ހާރޫން ހުއްޓުނެވެ. އެއާއިއެކު ޑޮކްޓަރ ހާރޫންގެ ގައިގައި އަތް ޖައްސާލުމަށްފަހު ނިކުމެގެން ދިޔައެވެ. ބައްޕަގެ މޫނަށް ބަލަހައްޓައިގެން ހުރެ، މަޑުމަޑުން ހާރޫން ގުދުވެލިއެވެ. އަދި އެ މޫނަށް ބޮސްދިނުމަށްފަހު ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
" އަހަރެން ދިރިހުރުމުގެ އެއްވެސް ބޭނުމެއް ނެތް ބައްޕާ! އަހަރެންގެ އެކަކުވެސް މިހާރަކު ނެތް..."
ހިތާމައިގެ ކޮޅެއްނެތް ފަދަ ރާގަކަށް ހާރޫން އެހެން ބުނެލުމުން ޔަޝްމީއަށް ރޮވޭގޮތްވިއެވެ. އެތައް އިރެއް ވަންދެން ހާރޫން، ބައްޕަގެ މޫނަށް ބަލަން ހުއްޓެވެ. އެއާއިއެކު ކައިރީގައި ހުރި ބޭބެ ހާރޫންގެ އަތުގައި ހިފައިގެން ދުރަށް ގެންދިޔައީ ނަރުސް ގެ އެދުމަށެވެ. ކެތްތެރިކަމާއެކު އޭރުވެސް ހާރޫން ހުރީ ބައްޕައަށް ބަލާށެވެ.
***
ހެދުން އަލަމާރި އެއްކޮޅުން އަނެއްކޮޅު ބަލަމުން ގޮސް ޒޫނާ ނެގީ އަތުގައި އޮތް އެންމެ ރީތި ހެދުމެވެ. އެއީ ހުދުކުލައިގެ ގަމީސް މަތިކޮޅަކާއި ކަޅު ކުލައިގެ ފުޅާ ޖީންސެކެވެ. ނުރަސްމީ ގަޑިތަކުގައި އޭނާ މުޅިންވެސް ހެދުން އަޅަނީ އެފަދައިންނެވެ. މޫނުމަތި ރީތިކޮށްލުމަށްފަހު ކްރީމް ކުލައިގެ ކުރު ޝޯލްއެއް ބޮލުގައި އޮޅާލީވެސް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެއެވެ. އެއަށްފަހު އަވަސް އަވަހަށް އެތަން މިތަނަށް ސެންޓް ބުރުވާލުމަށްފަހު ފަރިގޮތަކަށް ހީލީ، މޫނުމަތީގައިވާ ފުރިހަމަކަން އޭނާއަށް ކަމުދޭތޯ ބަލައިލާށެވެ. އޭރު އެނދުމަތީގައި އޮތް އޭނާގެ ފޯނު ރިންގްވާން ފަށައިފިއެވެ.
" ދާންވީތަ؟ "
ޖާވިދްގެ އަޑު ޖެހުމާއެކު ޒޫނާ އާނއެކޭ ބުނެލިއެވެ.
" މިހުރީ ތިގޭ ދޮރުމަތީގައޭ! ޒޫނާގެ މަންމައާއި ބައްޕަ ގޭތެރޭގައި ތިބިތަން ފެނިގެން ދުރުގައި މަޑުކޮށްލީ!"
ޖާވިދް މަޑުމަޑުން ބުންޏެވެ. އެއާއިއެކު ޒޫނާ ފޯނު ކަނޑާލުމަށްފަހު އަނެއްކާވެސް ގޮސް ލޯގަނޑު ކުރިމައްޗަށް އެރިއެވެ. އަދި މޫނު ބަލައިލުމަށްފަހު އަވަސް އަވަހަށް ދޮރާއިދިމާލަށް ހިނގައިގަތެވެ. ޖާވިދް ބުނީ ތެދެއްކަން އޭނާއަށް އެނގުނެވެ. މަންމައާއި ބައްޕަ ޚަބަރު ބަލަން ތިބީ ސިޓިންގރޫމްގައެވެ.
" ދަރިފުޅު މިރޭވެސް އެސޮރަށް ނާދެވޭތަ؟ "
ޒޫނާ ފެނުމާއެކު އޭނާގެ ބައްޕަ ހާމިދު އެހިއެވެ. އޭރު މަންމަ ޒުނޭރާވެސް އިނީ ހެވިފައެވެ.
" އުނހު! އަތުވެއްޖެ.. މަންމަމެން ތިބީމަ ވަންނަން ނުކެރިގެންނޯ! ރޭގައި ނާދެވުނީ އޭނައަށް އޮފީހަށް ދާން ޖެހުނީމަ"
ލަދުރަކި ގޮތަކަށް އެހެން ބުނުމަށްފަހު ޒޫނާ ބޭރަށް ނިކުތެވެ. އޭރު ވަށާފާރުގައި ލެނގިލައިގެން ޖާވިދް ހުރީ ފޯނާ ކުޅޭށެވެ.
" އެމީހުން ތިބީ ގޭތެރޭގައޭ! އާދޭ ކާގެއަށްދާން.. އަހަރެން ހުންނާނެ ވަރަށް މީރު އެއްޗެއް ހަދާފަ"
ޖާވިދްގެ ކުރިމަތީގައި ހުއްޓުމަށްފަހު ޒޫނާ ބުންޏެވެ. އެއާއިއެކު ޖާވިދް އަވަސް އަވަހަށް ފޯނު ޖީބަށް ލުމަށްފަހު ހިނިތުންވެލިއެވެ.
" އެހެންތަ؟ އަހަރެން މިހުރީ ހަވީރު ސައިވެސް ނުބޮއި! ހީވަނީ ވަރަށް ގަދަޔަށް ކެވިދާނެހެން"
ކަތި ނަޒަރަކުން ޒޫނާއަށް ބަލައިލަމުން ޖާވިދް ބުނެލިއެވެ.
" ހިނގާބަލަ އެތެރެއަށް.. މަގުމަތީގައި ތިއްބަ މީހަކަށް ފެނުނިއްޔާ ފާޑުފާޑުގެ ވާހަކަ ދައްކާނެ"
ޒޫނާ ހިނގައިގަންނަމުން ބުންޏެވެ. މަގުގެ ދެކޮޅު ބަލައިލަމުން ޖާވިދްވެސް ޒޫނާގެ ފަހަތުން ހިނގައިގަތެވެ. ދެމީހުން އެކުއެކީގައި ގޮސް ކާގެއަށް ވަދެ ހަމަޖެހިލިއެވެ. ޖާވިދް ވަށައިގެން ނަޒަރު ހިންގާލީ، ކާގޭގެ ފުރިހަމަ ކަމުންނެވެ. ޒަމާނީ ފެންވަރަކަށް ހަދާފައިވާ އެތަން ވަރަށް ވެސް ރީއްޗެވެ. ކާގޭގެ ކަނެއްގައި ހުރި ބޮޑު އައިސް އަލަމާރިން ފަނިފުޅިއެއް ހިފައިގެން އައިސް ޒޫނާ މަޑުމަޑުން ތަށިތަކުގެ މަތި ނަގަން ފެށިއެވެ.
" ޑެވިލްޑް ކުކުޅާ ފަރާޓާ! އަނެއްކާ ކަމުދާނެބާ"
ޒޫނާ އެއްލޯ މަރާލަމުން ބުނެލިއެވެ. އެއާއިއެކު ޖާވިދް އަވަސް އަވަހަށް ބޯ ޖަހާލަމުން ވާހަކަ ފެށިއެވެ.
" ކާކު ކެއްކި؟"
ޖާވިދް ހިނިތުންވަމުން އެހިއެވެ. އޭރު ޒޫނާ ހުރީ ޖާވިދަށް ފަންޏާއި ފެން އަޅައިދޭށެވެ. ޖާވިދްގެ ސުވާލަށް ޖަވާބެއް ނުދީ ހުރެ ޒޫނާ ރަކި ގޮތަކަށް ހެމުން ދިޔައެވެ.
" ޒޫނާ ކެއްކިއްޔާ ހީވަނީ މީރުވާނެހެން.. އަޅެ ރަހަ ބަލައިލާނަން"
ޖާވިދް ކުކުޅު ތައްޓަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ހަމަ އެވަގުތެވެ. ހާމިދު އައިސް އެތެރެއަށް ވަދެއްޖެއެވެ. ހާމިދު ފެނުމާއެކު ޖާވިދް ލަދުން ހުރެ ޒޫނާއަށް ބަލައިލިއެވެ.
" ކޮބާ ޖާވިދް ކިހިނެއްތަ؟ "
ހާމިދު އައިސް އިށީނީ ޖާވިދާ ޖެހިގެން ހުރި ގޮނޑީގައެވެ. އެއާއިއެކު ހިނިތުންވެފައި ހުރެ ޒޫނާވެސް ގޮނޑިއެއް ދަމާލުމަށްފަހު އިށީނެވެ.
" ރަނގަޅު! "
ލަދުން ހުރެ ޖާވިދް ޒޫނާއަށް އަނެއްކާވެސް ވަގުވަގަށް ބަލަން ފެށިއެވެ.
" ރަނގަޅަށް ކާންވާނެ! އޮފީހުން އައިއްސުރެ ޒޫނާ ހަމަ ބަދިގޭގައި އުޅުނީ.. މަންމަވެސް ނުވެއްދި! އަދި މިކާގެވެސް މިއޮތީ މީނަ އޮފު ކޮށްފައި. ހަޑިވެދާނެތީ މިރޭ އަހަރެމެންނަށް ކާން ދާން ޖެހުނީވެސް ގޭތެރެއަށް.. "
މަޖާ ރާގަކަށް ހާމިދު ވާހަކަ ދައްކަމުން ދިޔައެވެ. އޭރު ޒޫނާއިނީ ލަދުންގޮސް ހަލާކުވާވަރު ވެފައެވެ.
" ދެން ބައްޕާ! އަޅުގަނޑު ފަޟީޙަތް ކުރަނީއެއްނު ހަމަ"
ޒޫނާ ލޯތްބާއިއެކު އެހެން ބުނުމުން ހާމިދު އަވަސް އަވަހަށް ތެދުވިއެވެ. އަދި ޖާވިދްގެ ބުރަކަށީގައި ޖަހާލުމަށްފަހު ތެދުވެގެން ދިޔައެވެ.
" އެއީ އެންމެ ކޫލް ބައްޕަ! ވަރަށް ބެސްޓްވާނެ"
ޒޫނާ ހީލާފައި ބުންޏެވެ. އޭރު ޖާވިދްގެ ނަޒަރުގައި އާދަޔާ ޚިލާފް ގޮތެއް ހުރިކަން ޒޫނާއަށް ފާހަގަ ކުރެވުމާއެކު އޭނާގެ ތުންފަތްމަތީގައިވާ ހިނިތުންވުން ގެއްލި ޖާވިދަށް ބަލަހައްޓައިގެން އިނދެވުނެވެ.
" އަހަރެން ހަމަ އެހާ ޚާއްސަތަ؟"
ޖާވިދްގެ ކުއްލި ސުވާލަށް ދޭނެ ޖަވާބުތައް ބައިވަރެވެ. ނަމަވެސް އެހާ ސާފުކޮށް ތެދު ހާމަ ކުރާކަށް ޒޫނާއަކަށް ނުކެރުނެވެ.
" ދެން ގެއަށް މެހެމާނެއް ކާން އަންނަންޏާ އެއީ އަހަރެން އަބަދުވެސް އުޅޭ ގޮތޭ"
ޒޫނާ ވަރަށް ނޫންކަމަށް ހެދިގެން ބުނެލިއެވެ.
" ދެން ކާންފަށަން ވީއެއްނޫންތަ؟"
ފެންތަށި ޖާވިދާ ކައިރިކޮށްލަމުން ޒޫނާ ބުނެލީ ނުހަނު ލަދުރަކި ގޮތަކަށެވެ. އޭރު ޖާވިދް އިނީ ޒޫނާ ކައްކާފައި ހުރި އެއްޗެހި ފޮޓޯ ނަގަން ސެޓް ކޮށްގެންނެވެ.
****
" ޒުނޭރާ ގޯތި ޒޫނާއާ ޖާވިދު ހިތާވެގެންތަ އުޅެނީ؟ "
ބަތްތަށި އަޅައިގެން ކާމޭޒު ކައިރީގައި އިށީން ޝަހާނާގެ ކަންފަތުގައި ޖެހުނީ ބޭރުން އައިސް ވަތް މަންމަގެ އަޑެވެ.
" އޭނ؟ ނޭނގެ! ކާކު ބުނި އެއްޗެއް"
އަތަށް ނެގި ބަތް ސުވާ، ތިރިކޮށްލަމުން ޝަހާނާ ސުވާލު ކުރީ ހައިރާން ކަމާއެކުއެވެ. އެއާއިއެކު ގަރުދިޔަފޮދު ހޫނުކޮށްލަން ގޭސް އުނދުން ޖައްސާލަމުން ވަދީފާ ވާހަކަ ދައްކަން ފެށިއެވެ.
" ދެންމެ އަހަރެން ފިހާރައަށް ގޮސް އަންނަނިކޮށް އާބިދާ ބުނި އެއްޗަކުން.."
ވަދީފާގެ ވާހަކައިން ޝަހާނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އޭނާ އިނީ އެވާހަކަ އަޑުއަހާ ހިތުން ކެތްމަދު ވެފައެވެ.
" ކީކޯތަ ބުނީ؟ "
" އާބިދާ ދެންމެ އެ ޒުނޭރާމެންގެއަށް ދިޔައިރު ޒޫނާއާއި ޖާވިދް އެގޭ ކާގޭގައި ކާން ތިއްބޯ! އަދި އެހިއޭ ޝަހާނާއާ ދެން ނީންނާނެހޯ"
ވަދީފާ ހުރީ އެ ސުވާލުގެ ޖަވާބު އިންތިހާއަށް ބޭނުންވެސް ވެފައެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު، ޒުވާން އުމުރުގައި ދިރިއުޅުން ބޭކާރުވަމުން ދާތީ އެކަމާ އޭނާ ވަރަށް ފިކުރު ކުރެއެވެ. ދެރަވެ ހިތާމަވެސް ކުރެއެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ މިހާރު ޝަހާނާއަަކީ އެރަށު އެންމެންގެ މަލާމާތް ލިބިފައިވާ މީހެކެވެ.
" އާނ! ޖާވިދެއް ދެން އަހަންނަކާ ނީންނާނެ! އޭނަ އެއަށްވުރެ އަހަރެންދެކެ ރުޅި އާދެޔޭ މަންމާ"
ދެރަވެލާފައި ޝަހާނާ އެހެން ބުނުމުން ވަދީފާ އެއްވެސް އެއްޗެއް ނުބުނެއެވެ. ގޭސް އުނދުން ނިއްވާލުމަށްފަހު އޭނާ ނިކުމެގެން ދިޔައެވެ. އޭރުވެސް ޝަހާނާ އިނީ ބަތްތަށި ހާވާލަ ހާވާލައެވެ. މަންމަ އައިސް ދިން ޚަބަރަކުން ޝަހާނާގެ މޫޑު އެއްކޮށް ގޯސްވިއެވެ. ކާހިތް ކެނޑި ގޮސް ބަތްތަށި ބަހައްޓާފައި އޭނާ މިސްރާބު ޖެހީ ބޭރަށެވެ. މަގުމަތީގައި ޖަހާފައި ހުރި ބައްތި ދަނޑިން މުޅި ސަރަޙައްދަށްވަނީ އަލިކަން ފެތުރިފައެވެ. އެހެންކަމުން މަގު އޮތްދިގަށް ޝަހާނާ މިސްރާބު ޖެހިއެވެ.
***
" ހޫމް! އަސްލުވެސް ވަރަށް މީރު.. ޒޫނާ ކައްކަން އެހާ މޮޅުކަމެއް ނޭނގެ ކުރިންނެއް"
ކާގެއިން ނިކުންނަމުން ޖާވިދް ބުނެލިއެވެ. އޭރުވެސް ޒޫނާ ހުރީ ހީލަ ހީލައެވެ.
" އެނގޭނީ ވާހަކަ ދައްކައިގެންނު.. އަހަރެން އިސްވެ ވާހަކަ ދެއްކީމަ ވިއްޔަ ޖާވިދް އަހަންނާ ވާހަކަ ދައްކަންފެށީ"
ޒޫނާ ލާނެތް ގޮަތަކަށް އެހެން ބުނެލުމަށްފަހު ޖާވިދަށް ސްޕާރީ ފުޅިއެއް ދިއްކޮށްލިއެވެ. އޭގައި ހިފަމުން ޖާވިދްވެސް ޖަހާލީ ހިނިގަނޑެކެވެ.
" ޒޫނާވެސް މާ ދުރުދުރުން އުޅެން ފެށީމަ ކިހިނެއް ވާހަކަ ދައްކާނީ! އެހެން ނޫނަސް އަހަރެން އޭރު ހުރީ ހުސްކޮށެއްވެސް ނޫންތާ"
ޖާވިދްގެ ހުނުމުގެ އަޑު ކެނޑިގެން ދިޔައީ ޒޫނާ އޭނާއަށް ކަތި ނަޒަރަކުން ބަލަމުންދާކަން ފާހަގަ ކުރެވުމުންނެވެ.
" އަހަންނާ އެންމެ ގާތް މީހުން ކިޔާނީ ޒޫނީ..! އަހަރެންދެކެ ލޯބިވާ މީހުން..."
ޒޫނާ އެހެން ބުނުމަށްފަހު އިސްޖަހާލިއެވެ. އޭރުވެސް އެދެމީހުންތިބީ ކާގެ ދޮރުމަތީގައެވެ.
" ޒޫނީ؟؟؟ ހާދަ ލޯބި ނަމެއް.. "
ޖާވިދް ބުނެލީ ދެޖީބަށް އަތް ޖަހާލަމުންނެވެ.
" ޒޫނީ ކިޔަނީ ލޯބިވާ މީހުންދޯ"
އަނެއްކާވެސް ވާހަކަ ދެއްކީ ޖާވިދެވެ. އިސްޖަހާލައިގެން ހުރި ޒޫނާ ހިނިތުންވާކަން ޖާވިދަށް އެނގެއެވެ. އެހެންކަމުން އޭނާ ޒޫނާއާ ތަންކޮޅެއް ގާތަށް ޖެހިލުމަށްފަހު ބުނެލިއެވެ.
" އެހެންވީމަ ޒޫނީއޭ ކިޔާ ގޮވާލާނެ ދުވަހަކަށް އިންތިޒާރު ކޮށްލާ!"
ޖާވިދްގެ ޖުމްލައިން ޒޫނާއަށް ހިނިތުންވެލެވުނެވެ. އަދި ލަދުން ހުރެ ޖާވިދަށް ބަލަައިލިއެވެ. އޭރު ޖާވިދްވެސް ހުރީ ހެވިފައެވެ.
" ވަރަށް ބޮޑަށް ތޭންކްސް.."
ފަހަތަށް ފަހަތަށް ހިނގައިގަންނަމުން ޖާވިދް ބުނެލިއެވެ. ދެތުންފަތް ފިއްތައިގެން ހުރެ ޒޫނާ އަތުގެ އިޝާރާތުން ޓާޓާ ކިޔާލި މަންޒަރު ޖާވިދަށް ވަރަށް ކަމު ދިޔައެވެ.
ދޮރާށި ހުޅުވާލުމަށްފަހު ޖާވިދް ބޭރަށް ނިކުތް އިރުގައިވެސް އޭނާގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ.
" ޖާވިދް"
ގެއާ ދިމާލަށް ހިނގައިގަތުމާއެކު ފަހަތުން އިވުނު ޝަހާނާގެ އަޑަށް ޖާވިދަށް ސިހުން ލިބި އަވަސް އަވަހަށް ފަހަތް ބަލައިލެވުނެވެ. އޭރު ޝަހާނާ އޭނާއާ ދިމާލަށް އާދެއެވެ.
" ޖާވިދް! "
ޖާވިދްގެ ކުރިމަތީގައި ހުއްޓި، މާނޭވާ ލަމުން ޝަހާނާ އަނެއްކާވެސް ގޮވާލިއެވެ. ވާނުވާ ނޭނގޭ ފަދަ ގޮތަކަށް ހައިރާންވެފައި ހުރެ ޖާވިދް ޝަހާނާއަށް ބަލަން ފެށިއެވެ.
" އަހަރެމެން ދެމީހުންގެ ދަރިފުޅު މަރުވެފައި އަދި ދެމަސް ދުވަސް ނުވޭ! ޖާވިދް މިހާރު އުފާ ފާޅުކުރަން ފެށީތަ؟ "
ޝަހާނާގެ ޝަކުވާއިން ޖާވިދްގެ ހިތް މަރާލިއެވެ. އަދި އޭނާއަށް ރުޅިވެސް އާދެވުނެވެ.
" އަހަރެން ތާއަބަދު ރުއި ދުވަސްތަކެއްވެސް ދިޔަ! އެކަމަކު އަހަރެންގެ އެ ދަރިފުޅު އަލުން އަނބުރާ މިދުނިޔެއިން އަހަންނަށް ލިބޭނެތަ؟ ކީއްވެތަ އަބަދު އެ ތުއްތު ފުރާނަޔާ އަޅައިގަނެގެން ތިއުޅެނީ؟ ކީކޭތަ ކިޔަން ތިއުޅެނީ؟"
ޖާވިދް ތަންކޮޅެއް ބާރަށް ބުނެލިއެވެ. އޭރު ޝަހާނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށިއެވެ.
" އެއީ ތެދެއްތަ؟ ޒޫނާއާ އިންނަންތަ އުޅެނީ؟"
ޝަހާނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއިއެކު ޖާވިދް ވިސްނާލިއެވެ. ޝަހާނާގެ މޫނާއި ދެލޮލުން އޭނާއަށް އަސަރު ކޮށްފައިވާވަރުވެސް ޖާވިދަށް ވަޒަން ކުރެވުނެވެ.
" ކީއްވެ ހިމޭންވީ؟ އެއީ ތެދެއްތަ؟ ޖާވިދް އޭނަޔާ މެރީ ކުރަނީތަ؟ "
ޖާވިދްގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ޝަހާނާ ބުންޏެވެ. އެއާއިއެކު އަވަސް އަވަހަށް ޖާވިދް ދުރަށް ޖެހިލުމަށްފަހު ބުންޏެވެ.
" އަހަރެން އުޅޭ ނޫޅޭ ގޮތް ނުބަލާ! އަހަރެންގެ ފަހަތުން ނާދޭ! ތިއީ މިހާރު އަހަންނާ ބެހޭ މީހެއް ނޫނޭ"
ޖާވިދް ލަސްލަހުން ވާހަކަ ދެއްކި ނަމަވެސް އޭނާގެ ހިތް ތެޅެމުންދަނީ ނުހަނު ބާރަށެވެ.
" އަހަންނަށް މަޢާފްކުރޭ ޖާވިދް.. އަހަންނަށް ކުރެވުނު ކުށަށް އަހަރެން އިޢުތިރާފްވަން. އަހަރެން ތަޢުބާވަން. ޕްލީޒް.. މިއަދު އަހަންނަށް ޖާވިދްގެ އެހީތެރިކަން ބޭނުން. ޖާވިދްގެ ލޯބި ބޭނުން! އަހަރެން ދުނިޔެއަށް ގިނަކޮށްނުލާ! ހެޔޮނުވާނެ"
ޝަހާނާ ޖާވިދްގެ އަތުގައި ހިފައި އޭނާގެ މޫނުގައި ޖައްސައިގެން ހުރެ މަޑުމަޑުން ގިސްލަމުން ދިޔައެވެ.
" އަހަރެން ޖާވިދް ބޭނުން.. ޖާވީދް"
ޝަހާނާ އަނެއްކާވެސް ބުނެލިއެވެ. އަތް ދަމައިގަންނަން ނުކެރި، ޖާވިދަށް ހުރެވުނީއެވެ. ވަގުތަކީ ދޮރާށި ހުޅުވާ، ޒޫނާވެސް ބޭރަށް ނިކުތް ވަގުތެވެ. ޒޫނާ ފެނުމާއެކު ޖާވިދަށް ތެޅިގަނެފައި ޝަހާނާގެ އަތުގެ ތެރެއިން އަތް ދަމައިގަނެވުނެވެ. އެއާއިއެކު ޝަހާނާއަށްވެސް ބަލައިލެވުނީ ޒޫނާގެ މޫނަށެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދެނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
Jaavidhu konmes konmes thiya shahaanaage malheegaa nujeheythi keekay hithah arigen Eeyna eulhenee magey bunaane vaahakaeh nei Avahah gaiga varuhutaa zoonaayaa indhelaa jaavidhuu
Gunavaneh dhevana stage cancer ah positive vima e gunavan negiiyas radiation nooni chemotherapy nudhee ehaa avahah dhookollaatha