ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެވެ.
76 މިލިއަން އެމެރިކާ ޑޮލަރަށް މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 30 މަސްދުވަސް ތެރޭގައި ނިންމާގޮތަށެވެ. އެ ދެ ރަށުގައި ވެސް އެޅުމަށް ނިންމާފައިވަނީ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެކެވެ.
ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެކްޒެކެޓިވް ޢަބްދުލް ހައްނާން ހުސެއިނެވެ. ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެސިޑެންޑް ޖިންހުއިއެވެ.
މިކަމާއި ގުޅިގެން ހެލްތް މިނިސްޓްރީން ވިދާޅުވީ މި ދެ ހޮސްޕިޓަލަކީ ވެސް އައު ސަރަޙައްދެއްގައި ތަރައްގީކުރެވޭ ހޮސްޕިޓަލްތަކެއް ކަމަށާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑަކީ މިހާރުވެސް ރާއްޖޭގައި މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށް ވުމުން މަސައްކަތް އަވަސް ސްޕީޑުގައި ނިންމާލެވޭނެ ކަމަށެެވެ.
އަތޮޅުތަކުގެ ސިއްހީ ފަރުވާގެ ކަންކަން ހަރުދަނާކޮށް ހިދުމަތައް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން ރާޢްޖޭގެ 5 ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!