އަދުލްއިންސާފަށް ފިލައިގެން އުޅޭ، މ. ހަނީސަކްލް ޙުސައިން ޝިފާޢު ހޯދުމަށް، އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.
އޭނާ އަކީ މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގާއި އެނގިހުރެ ސައްހަނޫން ލިޔުން ދިނުމާއި މިބާވަތުގެ ތަފާތު 23 ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލިފައިވާ މީހެކެވެ.
އުމުރުން 37 އަހަރުގެ ޝިފާއު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނީ އިތުރު މީހަކާއި ބައިވެރިވެގެން އިކޮނޮމިކް މިނިސްތްރީަގައި ރަޖިސްޓްރީކޮށްފައިވާ "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް، އެ މުދަލަށް ބޭރު ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައެވެ.
ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ސައްހަނޫން ލިޔުން އުފައްދައި ހުށަހަޅައިގެން، މި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ.
އެހެންނަމަވެސް ޖޫން މަހުގެ ތެރޭގައި އޭނާ ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ބައެއް މީޑީއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ވަނީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާއާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ 7 ދައުވާއެއް ވަނީ އުފުލާފައެވެ.
މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 އެމެރިކާ ޑޮލަރު ނުވަތަ 1،909،682 ދިވެހި ރުފިޔާއެވެ. މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
ހުސައިން ޝިފާއުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!