ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާއިރު، ތިމާވެއްޓަށް ގެއްލުން ނުދިނުމަށް އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސް ކުރައްވައިފިއެވެ.
މިއީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެކި ފަރާތްތަކުން ފޯރިއާއެކު ކެމްޕެއިން ކުރަމުން އަންނަ ދުވަސްވަރުކަން ފާހަގަކުރައްވާ އީޕީއޭ އިން ވިދާޅުވީ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ރާއްޖޭގެ ތިމާވެއްޓާއި ދިރޭތަކެއްޗަށް ގެއްލުންވާގޮތަށް ބައެއް ފަރާތްތަކުން ކެމްޕެއިން ހަރަކާތްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ބައެއް ރަށްރަށުގައި ހެދިފައިވާ ހިމާޔަތްކޮށްފައިވާ ގަސްގަހާގެއްސަށާއި ދުވަސްވީ ބޮޑެތި ގަސްގަހާގެއްސަށް ގެއްލުންވާގޮތަށް ބައެއް ކަންކަން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އީޕީއޭ އިން ވިދާޅުވީ އެފަދަ ގަސްގަހާގެއްސަށް މޮހޮރު ޖަހައި، ކެމްޕެއިން ބެނާ އަދި ފޮތިފަދަ ތަކެތި ހަރުކުރުމާއި ޖަނަވާރާއި ރުއްގަހަށް ސްޕްރޭކޮށް ދަވާދުލާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކެމްޕެއިން ހަރަކާތަށް ބޭނުންކުރާ ބައެއް ލީފްލެޓު، ޕޯސްޓަރު އަދި ކަރުދާސްތައް މަގުމައްޗަށް ކުނީގެ ގޮތުގައި އުކާލާފައި ހުންނަކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެކި އިވެންޓުތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި ބޭނުންކުރުމަށްފަހު، އުކާލައި، އެތަކެތި ރަނގަޅަށް މެނޭޖު ނުކުރާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އެ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު ރާއްޖެ އުފެދިފައިވާ ގޮތުންނާއި ރަށްތަކުގެ ރައްކާތެރިކަމަށް މުހިންމު ދައުރެއް އަދާކުރާ ރަށްރަށުގެ ވަށައިގެން ގުދުރަތީގޮތުން އުފެދިފައިވާ ފަރުގެ ސަރަހައްދުތަކުގައިވާ މުރަކަތަކަށް ގެއްލުންވާގޮތަށް ފަރުތައް ތޮރުފާ، ހަލާކުކޮށްގެން ދިދަ ޖެހުމުގެ ބޭނުމުގައި ދަގަނޑު ހޮޅި ޖެހުންފަދަ ކަނަކްނަ ވެސް ކުރަމުން އަންނަކަމަށް އީޕީއޭ އަށް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ސިޔާސީ ޕާޓީތަކުންނާއި ކެމްޕެއިން ހަރަކާތްތައް ހިންގާ އެންމެހައި ފަރާތްތަކުން އެފަދަ ކަންކަމަށް ސަމާލުކަން ދެއްވާ، އެފަދަ ކަންކަން ތަޖުރާރުނުވާނޭ ގޮތުގެމަތީން ކެޕްޕެއިން ހަރަކާތްތައް ހިންގުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!