އިންޑިޔާގެ މައިނޯރިޓީންގެ ޙައްޤުގައި ނަޝީދު ބަސްފުޅެއް ވިދާޅުނުވާތީ އެމަނިކުފާނު ލަދުވެތިވެވަޑައިގަންނަވަންޖެހޭ ކަމަށް ވިދާޅުވެ، ހިއުމަން ރައިޓްސް ވޮޗުގެ އެސޯޝިއޭޓެޑް އޭޝިޔާ ޑައިރެކްޓަރ ޕެޓްރިޝިޔާ ގޮސްމަން ރައީސް ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

އޭނާ މިއަދުކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ބަޠަލެއްކަމުގައި ނަޝީދު ވެވަޑައިގަންނަވާއިރު އެމަނިކުފާނު އިންޑިޔާގެ މައިނޯރިޓީތަކުގެ ޙައްޤުގައި ބަސްފުޅެއް ވިދާޅުނުވުމަކީ އެމަނިކުފާނު ލަދުވެތިވަޑައިގަންނަވަންޖެހޭ ކަމެއް ކަމުގައެވެ.

Ad
rt

މިހެން އޭނާ ވިދާޅުވެފައިވަނީ އިންޑިޔާއަށް ހިޖުރަކޮށްގެން ދިރިއުޅޭ އަވައްޓެރި އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ރައްޔިތުކަން ލިބޭ ގޮތަށް އިންޑިޔާގެ ބަރުލަމާނުން ގެންނަ ބަދަލުގައި މުސްލިމުން އިސްތިސްނާކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އިންޑިޔާގައި ދިރިއުޅޭ ހިންދޫ ދީން ފިޔަވައި އެހެން ދީންތަކުގެ މީހުންނާމެދު އަނިޔާވެރި ޢަމަލުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދުވަސްވަރެއްގައެވެ.

ރައީސް ނަޝީދު ރައްޔިތުން މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދަކާއެކު އިންޑިޔާއަށް ކުރައްވާ ދަތުރުފުޅުގައި ގެންދަވަނީ އިންޑިޔާގެ ޑިމޮކްރަސީއަށް ވަރަށް ބޮޑަށް ތާރީފުކުރައްވަމުންނެވެ.

ނަމަވެސް އިންޑިޔާގެ މުސްލިމުންނަށް ލިބެމުންދާ އަނިޔާތަކާ ގުޅޭ ގޮތުން ނަޝީދު އެއްވެސް ވާހަކައެއް ވިދާޅުވެފައިނުވެއެވެ.

މުސްލިމް ނޫން މީހުންނަށް ރަށް ވެހިކަން ދޭން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ގާނޫނެއް ފާސް ކުރުމުން މިހާރުވެސް އެޤައުމުގެ މުސްލިމުންދަނީ އެޤައުމުގެ އެކި ހިސާބުތަކުގައި އެބައިމީހުންގެ ހައްގުތަކަށްއެދި އަޑުއުފުލަމުންނެވެ.