ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އަޅަން ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

Ad
rt

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ 10:30 ގައި ހަނިމާދޫ ކައުންސިލް އިދާރާގައެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުގެ 10:30 ގައި ހަނިމާދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.

ހަނިމާދޫ ކުޅިވަރު ބިމުގައި މިހާރު ވެސް ފުޓްސަލް ދަނޑަކާއި ޓާފް ބޮޑު ފުޓްބޯޅަ ދަނޑެއްގެ އިތުރުން ވިނަ އިންދައިގެން ތަރައްޤީ ކޮށްފައިވާ ފުޓްބޯޅަ ދަނޑެއް އޮވެއެވެ.

ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި މިހާރު އަޅަން އިޢުލާން ކުރެވިފައިވާ ފުޓްސަލް ދަނޑަކީ ޔޫތު މިނިސްޓްރީން ހަނިމާދޫގައި އަޅަން ނިންމާފައިވާ ދަނޑެކެވެ. އެ ދަނޑު އަޅާނެތަނެއް މިހާތަނަށް ނިންމާފައިނުވާއިރު، އެ ދަނޑު އަޅާނެތަނެއް ކަނޑައެޅުމުގައި ޒުވާނުންނާއި މަޝްވަރާ ކުރުމަށް ނިންމާފައިވާކަމަށް އެ ކައުންސިލުން މަޢުލޫމާތު ދެއެވެ.

ކުޅިވަރު ކުޅުމުގެ ވަސީލަތްތައް ގިނަ ހަނިމާދޫގައި އަޅާފައިވާ ގިނަ ދަނޑުތަކަކީ ޒުވާނުންގެ ހިއްސާ އޮވެގެން ކޮށްފައިވާ މަސައްކަތްތަކެކެވެ. މިގޮތުން ވިނަ އިންދައިގެން ތަރައްޤީ ކޮށްފައިވާ ފުޓްބޯޅަ ދަނޑު ވިނަޖަހައި އެތަނަށް ފެންޖަހައި ބަލަހައްޓައި އަދި ވިނަގަނޑު އިތުރަށް ރަނގަޅު ކުރުމަށް ވެލިއެޅުމުގެ މަސައްކަތަކީ ޒުވާނުން ކޮށްފައިވާ މަސައްކަތްތަކެވެ.

މީގެ އިތުރުން ހަނިމާދޫ ޔޫތު ސެންޓަރުގެ ބިމުގައި އަޅާފައިވާ މަލްޓިޕާޕަސް މެޓް ޓާފްގެ ބެޑް ތައްޔާރު ކުރުމަށް ބޭނުންވާ ސާމާނު އެތަނަށް ޖަމާކުރުމާއި އެތަނުގެ ބެޑު ކޮންކްރީޓުން ތައްޔާރު ކުރުމުގެ އަމަލީ މަސައްކަތްވެސް ކޮށްފައިވަނީ ރަށުގެ ވެރިންނާއި މުއައްސަސާތަކާއި ޒުވާނުން ގުޅިގެންނެވެ.

މީގެ އިތުރުން މިހާރު ބޭނުން ކުރަމުން އަންނަ ފުޓްސަލް ދަނޑުގެ ޓާފް ހަލާކުވެ ބޭނުން ނުކުރެވޭވަރު ވެފައިވަނިކޮށް ހަނިމާދޫ ކައުންސިލުން އެތަނަށް ބޭނުންވާ ސާމާނު ހޯދުމުން އެ މަސައްކަތް ވެސް ކައުންސިލާއި ގުޅިގެން އަމަލީ ގޮތުން ކުރަމުން އަންނަނީ ޒުވާނުންނެވެ.