ރައްޔިތުންނަށްޓަކައި ޤައުމުގެ ސިޔާސަތު ކަނޑައަޅައި ޤައުމު ހިންގަން ތިއްބަވަންވީ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ފަދަ ބޭފުޅުންކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ޝަރަފްވެރިކޮށްދެއްވި އައްޑޫގައި އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ނިޒާރު ދެއްކެވި ވާހަކާގައި ވިދާޅުވީ، ނައިބު ރައީސް ތަރުޖިބާ ކުރެވެނީ އިތުބާރާއި، ތެދުވެރިކަމާއެކު ހަރުދަނާ ސިޔާސަތުތަކެއްގެ މަތީގައި މުރާލި މަސައްކަތްޕުޅުތަކެއް ކުރައްވަމުން ދައުރެއް ނިންމަވާ ބޭފުޅެއް ގޮތުގައި ކަމަށެވެ.

Ad
rt

''އަޅުގަނޑުމެންނަށް ފުރަތަމަ ދައުރުގައި ނައިބު ރައީސަކާއެކު ރައީސަކު ކުރައްވަންޖެހުނު ހިތި ތަޖުރިބާ އިހްސާސް ކުރެވުނު، އެ މަންޒަރުފެނުނު، އެއާއެކު ދެވަނަ ދައުރުގައި ތިން ނައިބު ރައީސުން ބަދަލުކުރަންޖެހުނު، މިއީ އަޅުގަނޑުމެން ދައްކަންޖެހޭ ވާހަކަ'' ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، އެއީ ވެރިންނާއި އަޅުގަނޑުމެންގެ މައްޗަށް ވެރިކަންކުރާ ބޭފުޅުން ވެސް ދައްކަންޖެހޭ ވާހަކައެއް ކަމަށެވެ.

''މި އިންނެވި އަޅުގަނޑުމެންގެ ނައިބު ރައީސާމެދު ރައީސް ވިދާޅުވަނީ ހުރިހާގޮތަކުން އިތުބާރުކުރެވޭ ފުރިހަމައަށް ދައުރު ނިންމަވާ ބޭފުޅެއްގޮތުގައި،'' ނިޒާރު ވިދާޅުވިއެވެ.

ފައިސަލާއެކު ރައްޔިތުންގެ މަޖިލީހުގައި އެއްކޮށް މަސައްކަތްކުރެއްވިކަން ފާހަގަ ކުރައްވަމުން ނިޒާރު ވިދާޅުވީ، އެދުވަހު ދެ ޕްލެޓްފޯމެއްގައި މަސައްކަތްކުރަން ޖެހުނަސް ''އަޅުގަނޑުމެންގެ ނައިބު ރައީސަކީ ތަފާތު ވިސްނުމެއްގައި ހުންނެވި ބޭފުޅެއްގެ ގޮތުގައި އިހްސާސެއް ނުކެރެވޭ،'' ކަމަށެވެ. އަދި ފިކުރު ތަފާތުވިޔަސް އެެއްބަޔެއް ގޮތުގައި މަސައްކަތްކުރަންޖެހުނު ކަމަށާއި، އެހާލަތުގައި ވެސް ފައިސަލްގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި، އެއީ އެއްގޮތެއްގައި ހުންނެވި މާތް ސިޔާސަތެއް ގެންގުޅުއްވި ބޭފުޅެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.

''އަޅުގަނޑު އެދެނީ މިފަދަ ބޭފުޅުން ވެރިކަމުގައި ރައްޔިތުންނަށް ސިޔާސަތު ކަނޑައަޅަން ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދެއްވަން ތިއްބަވަން، އަޅުގަނޑުގެ ފުރިހަމަ ތާއީދު އަބަދުވެސް އަޅުގަނޑުގެ ހިތުގެ ޝުކުރާއެކު ތާއީދު ކުރައްވާ ބޭފުޅެއް ނައިބު ރައީސް ފައިސަލްއަކީ'' ނިޒާރު ވިދާޅުވިއެވެ.