ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލް އުސްތާޒު މައުމޫން އަބްދުލްގައްޔޫމް އުފައްދަވާފައިވާ "މައުމޫން ފައުންޑޭޝަން" އުވާލަން ޔޫތް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.

އެ މިނިސްޓްރީން މި އިއުލާން ކުރީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކުގެ ތެރެއިން މި އަހަރުގެ ނިޔަލަށް ޖެހިހެހިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނެތުމާއި ހިންގާ ކޮމިޓީ ރަޖިސްޓަރީ ކޮށްފައި ނުވުމުންނެވެ.

Ad
rt

މިހާރު އާންމުކޮށްފައިވާ ލިސްޓްގައިވާ ޖަމިއްޔާތަަކަށް ސެޕްޓެމްބަރު 24، 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާއިރު، އެ ފުރުސަތު ދޭން ނިންމީ ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކުން ނިސްބަތްވާ ރަށާއި އަތޮޅަށް އަދި މުޅި ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ހިލޭސާބަހަށް ކުރާތީ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މައުމޫން ފައުންޑޭޝަނަކީ މައުމޫން، އިޖުތިމާއީ މަސައްކަތްތައް ކުރައްވަން މީގެ 13 އަހަރު ކުރިން އުފެއްދި ތަނެކެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ އަށް ފަހު، 2010 ވަނަ އަހަރު އެ ފައުންޑޭޝަން އުފެއްދީ ދިވެހި ޒުވާނުންނަށް ތަފާތު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައެވެ.

އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ގިނަ ފުރުސަތުތަކެއް އެ ފައުންޑޭޝަނުން މިހައިތަނަށް ވަނީ ފަހިކޮށްދީފައެވެ. އެ ފައުންޑޭޝަނުން ދަރިވަރުންނަށް ސްކޮލާޝިޕް ދިނުމާއި ދިނީ ދަރުސްތައް ވެސް ދިޔައި ދެމުންނެވެ. އެހެންނަމަވެސް ކޮވިޑަށް ފަހު އެ ޖަމިއްޔާގެ ކަންކަން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.