މި ދައުރުގައި ކުރި ކަންތައްތައް ރައްޔިތުންނަށް ކިޔައިދެވިއްޖެނަމަ، ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް މާލޭގެ ގޭގެއަށް ދޮރުންދޮރަށް ވަޑައިގަތުމަށްފަހު މީޑިއާ އަށް ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެ ޕާޓީން (އެމްޑީޕީ) އެންމެ ބޮޑު އިސްކަމެއް ދޭންވީ، މި ދައުރުގައި ކުރި ކަންތައްތައް ރައްޔިތުންނަށް ކިޔައިދިނުމަށް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެވިއްޖެ ނަމަ ތަފާތު ބޮޑު ނަތީޖާއަކުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް ކަންކަން ކުރެވިއްޖެނަމަ، އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.
ރިޔާސީ ކެމްޕޭނަށް ރައީސް ސޯލިހު ގަލޮޅުގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވާފައިވާއިރު، ރައީސް ވިދާޅުވީ އަބަދު ވެސް ގެންގުޅޭ އުސޫލަކީ އާންމު މެންބަރުންގެ ގާތަށް ގޮސް އެ މީހުން ބޭނުންވާ ކަންކަން ކޮށްދިނުން ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ކަންތައް ކުރެއްވީ އެ މޭރުމުންކަން ފާހަގަކުރައްވައި ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އޭރު ވެސް އެންމެ ބޮޑަށް ބޭނުންވެފައި އޮތް ކަމަކީ ބޯހިޔާވަހިކަން ކަމަށެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ލިބޭނެތޯ އަދިވެސް ބައެއް މީހުން ސުވާލު އުފައްދާ ކަމަށާއި އެއަށް ރިޔާއަތް ކުރައްވާ ރައީސް ވަނީ އެ އެންމެންނަށް ގޯތި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުން ބައެއް ކަންކަން އޮޅުވާލުމުގެ ސަބަބުން ރައްޔިތުންނަށް ހަގީގަތް އޮޅެމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!