ކުރީގެ އަދާއިގުޅޭ،

ހާރޫން ބުނެލި ޖުމްލަ ރަނގަޅަށް ފަހުމް ވުމުން ޔަޝްމީއަށް ބުނެވުނެވެ. ހިތްހަމަ ނުޖެހުނުވަރުން އޭނާ އަވަސް އަވަހަށް ޓީވީ ނިއްވާލުމަށްފަހު ތެދުވެއްޖެއެވެ. އެހިނދު އަނެއްކާވެސް ސޯފާމަތީގައި އޮތް ކޮތަޅު ޔަޝްމީގެ ލޮލުގައި އަޅައިގަތެވެ. ކޮތަޅުގެ އެތެރެ ބަލައިލިއިރު އޭގައި އޮތީ ރަތްކުލައިގެ ކަރުދާހަކުން ބަންދުކޮށްފައި އޮތް ކުޑަ ފޮށިގަނޑެކެވެ. ޔަޝްމީއަށް ދެން ބަލައިލެވުނީ ހާރޫންގެ ކޮޓަރިއާއި ދިމާލަށެވެ. އޭރު ހާރޫން ކޮޓަރިއަށް ވަދެ ދޮރުވެސް ލައްޕައިފިއެވެ.

Ad
rt

ސޯފާގައި އިށީނދެލައިގެން އިނދެ ޔަޝްމީ ފޮށިގަނޑު ކަނޑާލިއެވެ. އޭގައި އޮތީ ފޯނެކެވެ. އެއީ އެންމެ ފަހުގެ އައިފޯނެކެވެ. އެފޯނު ފެނި ޔަޝްމީގެ ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ބޭއިޙްތިޔާރުގައި ހިނިތުންވެސް ވެލެވުނެވެ. ފޯނު ރީތިވެގެން ޔަޝްމީއަށް މަޑުމަޑުން ފޯނުގައި ފިރުމައިވެސް ލެވުނެވެ.

" ވަރަށް ކަމު ގޮއްސިދޯ! "

ޔަޝްމީ ސިހުނީ ކޮޓަރި ދޮރުމަތީގައި ހުރި ހާރޫންގެ އަޑުންނެވެ. ހާރޫން ފެނި ވަގުތުން އޭނާގެ ހިނިތުންވުން ގެއްލި މޫނުމައްޗަށް ފޫހިކަން ވެރިކުރުވިއެވެ.

" ތި ފޯނު އަހަންނަށް އަނބުރާ ދޭން ނަހަދައްޗޭ! ޔަޝްމީގެ މަންމަމެންނަށްވެސް ގުޅޭނީ އަތުގައި ފޯނެއް އޮވެގެން.."

ހާރޫން އެބުނީ ތެދެއްކަން ޔަޝްމީއަށް ޤަބޫލު ކުރެވުނެވެ.

" މިފޯނު ބޭނުން ނުވިޔަސް އަހަންނަށް މިއޮތީ މިފޯނު ބޭނުން ކުރަން މަޖުބޫރުވެފަ! "

ފޯނަށް ބަލައިލަމުން ޔަޝްމީ އެހެން ބުނުމުން ހާރޫންއަށް ހެވުނެވެ.

" އާނ އެމީހުންނަށް ގުޅަން ބޭނުން ވަންޏާ މަޖުބޫރުވާނެތާދޯ! ދެން ތިވާހަކަ ބާއްވަމާ! އަހަންނާއެކު ބޭންކަށް ދާން ތައްޔާރުވެލަންވީނު"

ދޮރުކަނީގައި ލެނގިލަމުން ހާރޫން ބުނެލިއެވެ. އެއާއިއެކު ސުވާލުގެ ނަޒަރަކުން ޔަޝްމީ ބަލައިލިއެވެ.

" އެކައުންޓެއް ހުޅުވަން! "

ހާރޫން ބުންޏެވެ.

" އެއީ ކޮން ބޭނުމަކު؟"

ޔަޝްމީ ތަންކޮޅެއް ބާރަށް ބުންޏެވެ. އެއާއިއެކު ހާރޫން ދެފަރާތަށް ބޯހޫރާލަމުން ވާހަކަ ދެއްކިއެވެ.

" އަހަންނަކީ ވަރަށް ބިޒީ މީހެއް! އެހެންވީމަ އަބަދު އަހަރެން ގެޔަކު ނުހުންނާނެއެއްނު. ޔަޝްމީ އެއްޗެއް ބޭނުން ވިޔަސް އަހަރެން ނެތަސް ބޭނުން ކޮންމެ ކަމެއް ކުރެވޭނީ ފައިސާ ހުރެގެން "

ހާރޫން އެހެން ބުނުމުން ޔަޝްމީ އެއްވެސް އެއްޗެއް ނުބުންޏެވެ.

" އަވަހަށް ދޭ ތައްޔާރުވެލަން"

" އަހަރެން ނުދާނަން.. މިހާރު ތިއުޅެނީ އެހެން ބޭނުމަކު.. އަހަރެންގެ ބައްޕަމެން ފައިސާގެ ދަޅައަށް ހެއްލުނަސް އަހަރެން ހައްލާލަން އެހާ ފަސޭހައެއް ނުވާނެ.. "

އެހެން ބުނުމަށްފަހު ޔަޝްމީ ބާރުބާރަށް ކޮޓަރިއަށް ހިނގައިގަތެވެ. އޭނާ ދާތަން ބަލަން ހާރޫން މަޑުމަޑުން ހުއްޓެވެ.

***

ޖާވިދާއި ޝަހާނާގެ ގުޅުން މިހާރު އެހާ ރަނގަޅެއް ނޫނެވެ. ގޯސްވެފައިވާ އެ ގުޅުން އިތުރަށް ހީނަރު ވެގެން ދިޔުމަކީ ޖާވިދް ފަހަރެއްގައިވެސް ބޭނުންވާ ކަމެއް ނޫނެވެ. އޭނާ ޝަހާނާދެކެ އިންތިހާއަށް ލޯބިވެއެވެ. އެނޫން އިތުރު މީހަކު ޖާވިދް ބޭނުމެއްވެސް ނުވެއެވެ. މިރޭވެސް ޖާވިދް އޮތީ ނިތްކުރިމަތީގައި އަތް ބާއްވާލައިގެން ފުން ވިސްނުމެއްގައެވެ. އޭނާއަށް ރަނގަޅަށް ނުނިދޭތީ މިހާރަކަށް އައިސް އަބަދުވެސް ހުންނަނީ ކުޑަކޮށް ބޮލުގައިވެސް ރިއްސާފައެވެ. އޭނާ އެހެން އޮއްވާ، ފާޚާނާއިން ނިކުތް ޝަހާނާ އައިސް އެނދުގައި އޮށޯތީ ޖާވިދަށް ފުރަގަސް ދީގެންނެވެ. ހިންދިރުވާލަމުން ޖާވިދަށް ޝަހާނާއަށް ބަލައިލެވުނެވެ. މިއަދު ހަތަރުދަމު ޝަހާނާ އެއުޅުނީ އޭނާއާ އަނގައިން ނުބުނެއެވެ. އެކަމާވެސް ޖާވިދް އިންތިހާއަށް ދެރަވެއެވެ.

" އަހަރެންދެކެ ހަމަ އެހާ ރުޅި އާދޭތަ؟ "

މަޑުމަޑުން ޖާވިދް އެހިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ.

" އަހަންނަށް އެނގޭ ޝަހާ ބޭނުންވަނީ މާލޭގައި ދިރިއުޅެންކަން.. ޝަހާ އަހަރެންވެސް ބޭނުންވަނީ އެގޮތޭ.. އެކަމަކު އަހަރެންގެ ވަޒީފާ މަތިވެ، އިތުރަށް ފައިސާ ލިބެން ފެށީމަ ދާހިތް ނުވީ... ކެނޑިގެން ގޮސް ވަޒީފާއެއް ލިބޭނެ ކަމެއްވެސް ނޭނގެއެއްނު"

ޖާވިދް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ. އޭނާގެ ބޭނުމަކީ ޝަހާނާއަށް ވިސްނައިދިނުމެވެ.

" އެހެން މީހުން ވެސް މާލެ ބަދަލުވެގެން އެއުޅެނީ ސަރުކާރުގެ ބޮޑެތި ވަޒީފާ ތަކުގައެއް ނޫނޭ!. އެހެން ނޫނަސް އަހަންނަށްވެސް އެނގެޔޭ މިހާރު ޖާވިދަށް އަހަރެންގެ އުފާތައް މުޙިއްމު ނުވާކަން.. "

ޝަހާނާ ރުންކުރު ރާގަކަށް ބުންޏެވެ. އެއާއިއެކު ޖާވިދް އޭނާއާ ދިމާލަށް އެނބުރި ޝަހާނާގެ ގައިގައި އަތް ޖައްސާލިއެވެ. ވަގުތުން ޝަހާނާ ޖާވިދްގެ އަތް ފޮޅުވާލިއެވެ.

" އަހަރެންގެ ގައިގައި އަތް ލާނެ ކަމެއްނެތް.. ތީ އޮފީހަކާއިހެދި އުޅޭ މީހެއް.. އަހަންނަށް ދެރައީ ނިދަންވެސް ގެއަށް އަންނާތީވެ.."

ޝަހާނާ ބުންޏެވެ.

" ތިހެން ނުބުނޭ ޝަހާ! އަހަރެން މިއަދު ވަޒީފާއިން ވަކި ކުރިޔަސް ޝަހާއަށް ޚަރަދު ކުރަނީ ކާކުތަ؟ ބަލަ އަހަންނަށް ލިބޭ ކޮންމެ އެއްޗަކީ ޝަހާއަށްވެސް ލިބޭނެ އެއްޗެއްސޭ.."

ޖާވިދަށް މިފަހަރު ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ. އެހެންކަމުން ޝަހާނާވެސް އޭނާއާ ދިމާލަށް އެނބުރުނެވެ. އޭނާ ހުރީ ރަނގަޅަށް ޒުވާބުކޮށްލަން ބޭނުންވެފައި ކަހަލައެވެ.

" ތިހެން ބުންޏަސް އަހަރެން ކިހިނެއް ތިވާހަކަ ޤަބޫލު ކުރާނީ؟ އިނދެގެން މިހާ ދުވަސްވީ އިރުގައިވެސް އަހަރެން ގޮވައިގެން ޗުއްޓީއެއް ހޭދަކޮށްލަން ދެވުނީއެއްނޫން.. ޑޮކްޓަރަށް ދައްކާލަން މާލެ ގެންދެވުނީއެއްނޫން.. ރީތި ހެނދުން ގަނޑެއް ފަހައިދެވުނީއެއް ނޫން.. ދެން ކޮބާ އަހަންނަށްޓަކައި ކަމެއް ކޮށްދެވިފައި؟"

ޝަހާނާގެ ކޮންމެ ޖުމްލައަކުން ޖާވިދްއަށް ނުހަނު އަސަރު ކުރުވިއެވެ. އޭނާ ކޮށްދޭ ކަންތައްތައް ޝަހާނާ ބަލައިނުގަންނަކަން އެނގުމުން ޖާވިދް ހިތުގައި ޖެހުނެވެ.

" ކޮށް ނުދެވި ހުރި ކަންތައްތައް ގޮވާލާއިރު ކޮށްދޭ ކަންތައްތައް ނުކިޔަނީ ކީއްވެބާއޭ ހިތަށް އަރާ! ޝަހާ ބުނާ ކޮންމެ ވަގުތަކު އަހަރެން ޝަހާ އަތަށް ފައިސާދެން. އެ ފައިސާ ބޭނުން ކުރަނީ ކޮންގޮތަކަށްތޯވެސް އަހަރެން އަހައިނުލަން. ޝަހާގެ މަންމަ ބައެއް ފަހަރު ބުނާނެ ޝަހާނާ ގެނެސްދިނޭ ފަސްސަތޭކަ ރުފިޔާ.. އަހަރެން ޝަހާގާތު އެވާހަަކަވެސް ނުބުނަނީ ޝަހާވެސް މަންމައަށް އެއްޗެއް ދޭހިތްވާނެކަން އެނގޭތީ.. އަދި އެމަންމަވެސް އެކަމާ އުފަލުން ހުންނާތީ އަހަރެންވެސް ހިތްހަމަ ޖެހޭ.. ޝަހާ އެއްފަހަރުވެސް އަހަރެންގާތު އަހާލާފަ އެކަން ކުރާނަމަ އަހަރެންވެސް އުފާވީސްދޯ! އަހަންނަށް ފެނޭ ކޮޓަރި ޑަސްބިނުގައި ހުންނަ ދަޅުތަކާ ފުޅިތަކާއި އެކި ކަހަލަ ކާސާމާނުތައް.. އެއީ ޝަހާގެ އުފަލަށްޓަކައި ކުރާ ކަންކަމަށްވާތީ އަހަރެން އަޅައިނުލަނީ. މިހެންވެސް މި ބުނީ ތިޔަވާހަކަތައް ދެއްކީމަ.. ދެން ތިޔަ ބުނަނީ ހެދުން ފަހައި ނުދޭވާހަކަ.. އަހަންނަކަށް ނޭނގެ ހެދުން ފަހާކަށް.. އެނގޭނަމަތާ އަހަރެން ފަހައިދޭނީވެސް.. އެކަމަކު ފޮތި ގަންނަންވެސް ޝަހާއަށް ފައިސާ ދެވުނު ޢަދަދެއް ނޭނގެ.. ޗުއްޓީއަކަށް ނުގޮސްގެން އެވާހަކަ ދައްކާއިރު މަސް ނިމޭއިރު އަހަރެންގެ އަތުގައި ބާކީ އޮންނަ ފަންސާސް ރުފިޔާވެސް ދެނީ ހަމަ ޝަހާއަށް.. "

ޖާވިދް މަޑުމަޑުން އޮވެ އޭނާގެ ހިތުގެ ޖަޒްބާތުތައް ބަންޑުންކޮށްލިއެވެ. ބުނާނެ އެއްޗެއް ނޭނގޭ ޙާލު ޝަހާނާ އޮތެވެ.

" ދަރިފުޅާ ޖާވިދް! "

ކުއްލިއަކަށް ބާރުބާރަށް މަންމަ ގޮވާލި އަޑު އިވި ޖާވިދް އަވަސް އަވަހަށް ތެދުވެގެން ދޮރާއި ދިމާލަށް ހިނގައިގަތެވެ. ޝަހާނާވެސް އަވަހަށް ތެދުވެ އެނދުމަތީގައި އިށީނދެލީ އެހާ ދަންކޮށްފައި ފާއިޒާ ގޮވަން ފެށުމުން ވީ ކީއްކަމެއް ނޭނގިގެންނެވެ.

" ބައްޕަމެން ހާސް ބާނައިގެން އަތުވެއްޖެ! މަސްކައްކަން ތައްޔާރުވާތީވެ ބައްޕަ ބުނެފި މަސްކަނޑަން އަންނާށޭ! މާދަމާއަކީ ބަންދުވެސް ދުވަހެއްނު.."

ފާއިޒާ އެހެން ބުނުމުން ޖާވިދް ބޯ ޖަހާލިއެވެ.

" ޝަހާނާ ނިދީތަ؟ "

ފާއިޒާ އަހާލިއެވެ. އެއަޑު އިވި ޝަހާނާގެ މޫނުމައްޗަށް ފޫހިކަން ވެރިވެގަތެވެ.

" ނޫ...ނޫން.. އެބައިން."

ޝަހާނާ ރުޅި އަންނާނެކަން އެނގޭ ޙާލު ޖާވިދް ޖަވާބު ދިނީ ތެދަށެވެ.

" މިހާ ބައިވަރު މަސްކައްކާއިރު ވަރަށް މަސައްކަތް އޮންނާނެ! ބުނެލާ މަންމައަށް އެހީއެއްވާން ނިކުންނަން.."

ފާއިޒާ ޖާވިދްގާތު ބުނީ މަޑުމަޑުންނެވެ. އަނެއްކާވެސް ޖާވިދް ބޯ ޖަހާލިއެވެ. މަންމަ ދިޔުމާއިއެކު ޖާވިދް ދޮރު ލައްޕާލަމުން ޝަހާނާއަށް ބަލައިލިއެވެ. އޭރު އޭނާ އިނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަން ޖާވިދްއަށް އެނގުނެވެ.

" މަންމަ އެކަނި އުޅޭނީ... އެހީވާން ދާންވާނެއެއްނު.."

އެއްޗެހި ބަދަލުކޮށްލުމުގެ ނިޔަތުގައި އަލަމާރިއާ ދިމާލަށް ހިނގައިގަންނަމުން ޖާވިދް ބުންޏެވެ.

" އަހަރެން ނިދާފައޭ ނުބުނީ ކީއްވެ؟ ޖާވިދްއަށް ހަމަ ރަނގަޅަށް އެނގޭނެ އެއީ އަހަރެން ކުރާހިތްވާކަމެއް ނޫންކަން.. ރޯމަސް ފެނުނަސް އަހަރެން ވަރަށް ފަކުރުގަނޭ! ކަށިފޮތި ކަހަންވެސް ވަރަށް ފޫހިވޭ! "

ކޮނޑުކެނޑިއެއް ގަޔަށް މަހާލަމުން ޖާވިދް ނިކުމެގެން ދިޔައީ ޝަހާނާ ދައްކަމުން ދިޔަ ވާހަކަތަކަށް އެއްވެސް ރައްދެއް ނުދީއެވެ. އެހެންކަމުން ޝަހާނާ އިތުރަށް ރުޅިއައެވެ.

" އެދިޔައީނު! ވަރަށް ފޫހިވޭ! އަހަރެންވެސް ދާކަށްނު މިޖެހުނީ.. ދުނިޔެ އުމުރަށް މަ ޖެހޭނީ މަސްކައްކާލަ ކައްކާލަ ހުންނަން!"

އެނދުން ފުންމާލަމުން ޝަހާނާއަށް ބުނެވުނެވެ.

***

ހޭލެވުމާއެކު ޔަޝްމީ ތައްޔާރު ވެލައިގެން ސިޓިންގރޫމަށް ނިކުމެ ފުރަތަމަވެސް ނަޒަރު ހިންގާލީ ކާމޭޒަށެވެ. އާދައިގެ މަތިން މިއަދުވެސް އޭނާގެ ހެނދުނުގެ ނާސްތާ ޕެކް މޭޒުމަތީގައި ހުއްޓެވެ. ބަނޑުހައިވެފައި ހުރި ވަރުން ޔަޝްމީއަށް ހިނގައިގަނެވުނީވެސް ނުހަނު ބާރަށެވެ. އަވަސް އަވަހަށް ގޮސް ކޮތަޅުން ތަށިތައް ނެގިއެވެ. އެއާއެކު ހިތްހަމަޖެހުމުގެ ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ކުޅެލިއެވެ. އެކި ދުވަހު ހުންނަނީ އެކި ކަހަލަ އެއްޗެއްސެވެ. ދުވަހަކުވެސް ނުކާ ޒާތުގެ މީރު ބާވަތްތަކެވެ. މިއަދުވެސް އެހުރީ މީގެ ކުރިން އޭނާއަށް ރަހަ ފެނިފައިނުވާ ކާއެއްޗެއްސެވެ.

" އާހް! ޑޯނަޓް.. ފްރައިޑް މީޓް ސްލައިސް... ދެން މިހުރީ ބްރެޑް އެންޑް ބަޓަރ ޖޭމް ދެން.. އޮމްލެޓް.."

ކޮންމެ ތައްޓެއްގައި ވަކިވަކިން ޖަހާފައި އޮތް ނަންތައް އޭނާ ކިޔާލިއެވެ. ކާހިތުން ކޮފީތައްޓެއްވެސް ހަދާލަން އޭނާ ހަނދާން ނެތްކަހަލައެވެ. ކައި އަވަދިވެގެން އޭނާ ދިޔައީ ސޯފާއަށް އަރާމު ކޮށްލާށެވެ. ޓީވީ ހުޅުވާލައިގެން ސޯފާގައި ހަމަޖެހިލިއިރުވެސް އޭނާގެ ބަނޑަށް އުނދަގޫވެއެވެ.

ޓީވީއަށް ގެއްލިފައި އިން ޔަޝްމީ ސިހުނީ ފަހަތުގައި ހުރެ، ހާރޫން އޭނާއަށް ދިއްކޮށްލި ސިޓީއުރައެއް ފެނުމުންނެވެ. އަވަސް އަވަހަށް ޔަޝްމީ ހަށިގަނޑު ތެދުކޮށްލިއެވެ. އަދި ނުސީދާ ގޮތަކަށް ހާރޫންއަށް ބަލައިލުމާއިއެކު އޭނާ ހިނގާފައި އައިސް ސޯފާގެ އެއްކޮޅުގައި އިށީނދެލިއެވެ. ޔަޝްމީ އޭގައި ނުހިފުމުން ހާރޫން އެ ސިޓީ އުރަ ސޯފާ މަތީގައި ބޭއްވިއެވެ.

" މިހާރު މި ބަލައިލަބަލަ! "

ހާރޫން އެހެން ބުނެލީ ޓީވީއަށް ބަލަހައްޓައިގެން އިނދެއެވެ. ދެކަކުލުގައި އުޅަނބޮށި ވިއްދާލައިގެން އިނދެ އޭނާ ދަތްދޮޅީގައި އަތް ވިދިލިއެވެ. ދެކޮޅު ނަހަދާ ޔަޝްމީ ސިޓީއުރަ ނެގުމަށްފަހު ބަލައިލިއެވެ. އޭގައި އޮތީ ދެމީހުންގެ ކައިވެނި ޙަފްލާގެ ކާޑެވެ.

" މިޔޯ؟ ޕާޓީ ބާއްވަނީތަ؟ އަހަރެން ކުރިންވެސް ބުނީމެއްނު މިއީ ކުަލަގަދަކޮށް ޕާޓީ ބާއްވާ އުފާކުރަން ކުރާ ކައިވެންޏެއް ނޫނޭ! ދެން؟ "

ޔަޝްމީ އެހެން ބުނުމުން ހާރޫން ހިނިތުންވެލަމުން ޔަޝްމީގެ މޫނަށް ބަލައިލިއެވެ. އަދި ސޯފާގައި ލެނގިލަމުން ބުންޏެވެ.

" އެކަމަކުވެސް.... އެބަޖެހޭ ޕާޓީ ބާއްވަން.. ޔަޝްމީ ބޭނުންވާ ކޮންމެ މީހަކު ރަށުން ގެނެސްދޭނަން.."

" އަހަރެން ނޫޅެން ! ބޭނުމެއްނޫން އެކަކުވެސް ގެންނާކަށް.. "

ޔަޝްމީ ހިތްހަމަ ނުޖެހޭ ރާގަކަށް ބުނެލިއެވެ. ހާރޫން އޭރުވެސް އިނީ ކަޅި ޖަހައިނުލާ ޔަޝްމީއަށް ބަލާށެވެ.

" ޔަޝްމީއަށް ފޯނު ދިނީމަވެސް ގޭ މީހުންނަކަށް ނުގުޅަންތަ؟ "

ހާރޫން ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ބުންޏެވެ. ނަމަވެސް ޔަޝްމީ އެއްވެސް ޖަވާބެއް ނުދިނެވެ.

" އަހަންނަށް ގުޅި.. އަހަރެން ބުނިން ޔަޝްމީގެ އަތުގައި މިހާރު ފޯނެއް އޮންނާނެޔޭ! ނަންބަރުވެސް ދިނިން.."

އަނެއްކާވެސް ހާރޫން ބުނެލިއެވެ. އެއާއިއެކު ޔަޝްމީ ވާހަކަ ދައްކަން ފެށިއެވެ.

" ފޯނު އޮންނާނީ ނިއްވާލާފައި.. އެހެން ނޫނަސް އަހަރެން ނޫޅެން އެމީހުން ގެންނާކަށް "

ރުޅި އައިސް އިނދެ ޔަޝްމީ އެހެން ބުނުމުން ހާރޫން އިރުކޮޅަކު އެއްޗެއް ނުބުނެ އިނެވެ.

" އެންމެ ރަނގަޅު! ޔަޝްމީ ގެންނަން ބޭނުން ނުވަންޏާ އަހަރެން މަޖުބޫރެއް ނުކުރާނަން.. ދެން އަދި އެއްވާހަކަ އެބައޮތް. ޕާޓީއަށް ޔަޝްމީ ތައްޔާރުކޮށްދޭން މީހުން އަންނާނެ ގެއަށް.. އެއްވެސް މީހަކަށް ރުޅި މޫނު ނުދައްކައްޗޭ! އަހަރެންގެ އަގު ހިފަހައްޓައިދިނުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް... "

ހާރޫން އެހެން ބުނުމުން ޔަޝްމީ ތުން އަނބުރާލަމުން ޓީވީއަށް ބަލައިލިއެވެ.

" ކައިވެނި އޮންނާނީ ދަރުބާރު ގޭގައި.. މާދަމާއަށް ތައްޔާރުވައްޗޭ! "

ހާރޫން ތެދުވަމުން ބުންޏެވެ. ކުޑަކުއްޖެއް ފަދައިން ޔަޝްމީ އިނީ އިވޭ ކަމަށްވެސް ނަހަދައެވެ. ކޮޅަށް ހުރެ ހާރޫން ދެޖީބަށް އަތް ޖަހާލީ ޔަޝްމީގެ މޫނަށް ބަލައިލަމުންނެވެ. އަދި ލާނެތް ގޮތަކަށް ހީލަމުން އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ހާރޫން ދާން ފެށުމުން ޔަޝްމީއަށްވެސް އެދިމާލަށް ބަލައިލެވުނެވެ. ހާރޫން ގޮސް ކޮޓަރިއަށް ވަނުމާއެކު ފުންމައިގެން ތެދުވެ ޔަޝްމީގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު އޭނާ ހުރީ ރަނގަޅަށްވެސް ފެންކަޅިވެފައެވެ.

" ނުވެސް ދަންނަ މީހަކަށް އަހަރެންގެ ނަފްސު ޙަވާލު ކުރާނީ ކިހިނެއް؟ އަހަރެންގެ ޒުވާން ޢުމުރު ހޭދަކޮށްލަން މިޖެހެނީ މި ޖަލުގެ ތެރޭގައިތަ؟ އުފާވެރިކަން އަހަރެން ދޫކޮށް ގޮއްސި... ހިނިތުންވާކަށް މިހާރަކު ނޭނގެ.. ކީއްވެ؟ އަހަންނަށް މިހެން މި ދިމާވީ.. އަހަރެންގެ ކޮން ކުށެއް އޮވެގެންތަ؟ "

ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރެ ޔަޝްމީ ކިޔަމުން ދިޔައެވެ. އޭރު އޭނާގެ ހިތްވެސް ކުރިއަށްވުރެ ބާރަށް ތެޅޭކަން އޭނާއަށް އެނގެއެވެ.

" ދުވަހަކުވެސް އަދި މީހެއްދެކެ އަހަރެން ލޯތްބެއް ނުވަން. މީހެއްދެކެ ލޯބިވެވިގެން އެ ކުރެވޭ އިޙްސާސްތަކެއްވެސް އަހަންނަކަށް ނޭނގެ! އެފުރުޞަތުވެސް އަހަންނަށް ނުލިބި އުޅެނިކޮށް މިޖެހުނީ މީހެއްގެ އަޅުވެތިވާން.."

އެހެން ބުނެވުމާއިއެކު ޔަޝްމީއަށް ގިސްލެވެން ފެށިއެވެ. ހިތްފުރެންދެން އޭނާ ރުއީ ހަމަ އެތާ ހުރެގެންނެވެ. ރުޅިވެރިކަމާއިއެކު އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެ އޭނާ ދިޔައީ ދެލޮލުން ފައިބަމުންދާ ކަރުނަތައް ފުހެމުންނެވެ.

***

ގަޑިން ހަވީރު 4:30 ވެއްޖެއެވެ. ދަރުބާރުގޭގައި ހާރޫން އިންތިޒާރު ކުރަމުން ދިޔައީ ޔަޝްމީ އަންނާނެ ވަގުތަކަށެވެ. އިރުއިރުކޮޅުން އޭނާއަށް ގަޑިވެސް ބަލައިލެވެއެވެ. ބިޔުޓީ ސެލޫންއަކަށް ގޮސްގެން ހާރޫން ތައްޔާރުވި ނަމަވެސް ޔަޝްމީ ތައްޔާރު ކުރުމަށްޓަކައި އެގެއަށް މީހުން ފޮނުވީއެވެ. ގާޟީ އަންނަ ވަގުތު ކުޑަތަން ވުމުން ހާރޫން ވަރަށް ބޮޑަށް ހާސްވިއެވެ.

" އަނެއްކާ ޔަޝްމީ؟... އަންނާނެބާ؟ "

(ނުނިމޭ)

ސިލްސިލާ ވާހަކަ: ޝިކާޔަތު (20)

ސިލްސިލާ ވާހަކަ: ޝިކާޔަތު (20)

(ނިމުނީ)