ރޭގެ އިރާކޮޅު އަޅުގަޑު ސޯސަންމަގުން ހިނގާލާފައި އަންނަނިކޮށް ދިމާވި ޒުވާނެކެވެ. އޭނާ ހުރީ ކޮންމެވެސް ވަރަކަށް ވަރުދެރަވާގޮތްވެލާފައެވެ. އަޅުގަޑާ އަރާހަމަވެލާފަ މަޑުކޮށްލުމަށްފަހު ބުނެލިއެވެ. “ބޭބޭ. ވަރަށް ބޮޑު ކަމަކު ބުނެލަންވެގެން.” ކޮންކަމެއްކަން ލަފާކުރެވުނު ނަމަވެސް ކޮންކަމެއްތޯ އަހާލީމެވެ. ޖަވާބުލިބުނީ ހީކުރިގޮތަށެވެ. “ބޭބެ. މިއުޅެނީ ވަރަށް ބަނޑުހައިވެގެން. ސައިތަށްޓެއް ބޯލަން ރުފިޔާއެއް ލިބިދާނެތަ!”

ކަންދިމާވިގޮތުން މަހުގެ ފަހުކޮޅު ކަމަށްވުމާއި އެކު މިވަގުތު އަތުގައި ބާކީފައިސާއެއް ނެތްކަމުގައި އެޒުވާނާއަށް އަޅުގަޑު ޖަވާބު ދިނީމެވެ. މިއީ ދެދުވަހުގެ ތެރޭގައި މިފަދަ ހާދިސާއެއް ދިމާވި ދެވަނަ ފަހަރު ކަމުން، އެޖަވާބު ދެވުނީ މާގިނަ ވަގުތެއް ނެގުމަކާ ނުލައެވެ. ކުރީ ދުވަހުގެ ހާދިސާ ދިމާވީ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ކައިރިންނެވެ.

Ad
rt

އެޒުވާނާ އަޅުގަޑަށް ފެނުނީ ކަރެކްޝަންސްގޯޅި ކަންމަތިންނެވެ. އެތަނުގައި ތިބި ބިދޭސީ ދެމީހުންގެތެރެއިން އެކަކު ސިނގިރެޓެއް ރޯކޮށްލަން ލައިޓަރަކަށް އެދުމުން ވަރަށް ހިތްހެޔޮކަމާއިއެކު ލައިޓަރު ދިއްކޮށްލާ، އެމީހާ ސިނގިރެޓް ރޯކޮށް ނިމުމުން ލައިޓަރު ހޯދައިގެން އެޒުވާނާ ހިނގައިގަތެވެ. އަޅުގަޑު އައީ ގޯޅިތެރެއިން އައިސް އޯކިޑުމަގަށް ނިކުތުމަށެވެ. އެޒުވާނާ ހިނގައިގަތްއިރު އަޅުގަޑަށް އޭނާ ފަހަނައަޅާ ދެވިއްޖެއެވެ. ދެން އޭނާ އައިސް އަޅުގަޑާ އަރާހަމަކޮށްފާ ގޮވާލުމުން އަޅުގަޑު މަޑުކޮށްލީމެވެ.

އޭނާ ބުންޏެވެ. “ބޭބޭ. އަހަރެން (ކަމަކު) ޕާސްޕޯޓުފޮޓޯއެއް ނަގަން ޖެހިގެން މިއުޅެނީ. އަތުގަ މިވަގުތު ނެތިގެން. ބޭބެ، ބޮޑުކަމެކޭ ހީނުކޮށް 20 ރުފިޔާ ދީފާނަންތަ!” އަޅުގަޑު އޭނާޔަށް ވެސް ޖަވާބުދިނީ މިވަގުތު އަތުގައި ފައިސާނެތް ކަމަށެވެ. މިވަގުތު އަތުގައި ފައިސާނެތްކަން އޮޅުން ފިލުވާދިނުމުން އޭނާ ވަރަށް ހިތްހެޔޮކަމާއެކު ބުނެލިއެވެ. “ޝުކުރިއްޔާ. އެހެންވެސް ބައެއްފަހަރު ވާނެދޯ!” މިހެން ބުނެލާފައި ހިނގާފައިގޮސް އޮބާލައިފިއެވެ.

މިއީ އާ ތަޖުރިބާއެއް ނޫނެވެ. ފަނަރަ، ވިހި، ފަންސަވީސް، ފަންސާސް ރުފިޔާ ހޯދަން “ސަލާންޖަހާ” ޒުވާނުންނާއި ދިމާވުމަކީ މަދުންނޭ ބުނާވަރަށްވުރެ ގިނައިން ދިމާވާކަމެކެވެ.

އަޅުގަޑު ހިތަށް އަރައެވެ. ގެއަށް ގެންދަން މަހަކު 40،000 – 50،000 ރ. އާއި ހައިބަތާއި އިއްޒަތާއި، ބޭނުންވާ ކަންކަންކޮށްދިނުމަށްޓަކާ – މުވައްޒަފަކަށް އެވްރެޖުކޮށް ފަނަރަވިހިހާސް ޚަރަކުކޮށްގެން ސާޅީސްފަންސާސް މުވައްޒަފުންނާއި، މިލިޔަނުން ގުނާލެވޭ ޚަރަދުބަރަދާއި، އާއިލާގެ މެމްބަރުންނަށްވެސް ދުނިޔޭގެ ކޮންމެތަނަކުން ބޭސްކުރެވޭނެ މެޑިކަލްއިންޝުއަރަންސާއި، މިނޫން އިނާޔަތްތަކާއިއެކު، “ސަލާންޖަހާ ޒުވާނުން” ދެނެގަނެ އެމީހުންނަށް އަބުރުވެރި ދިރިއުޅުމެއް ހޯދާދޭނެ މިނިވަން މުސްތަގިއްލު ދިވެހިދައުލަތުގެ މުއައްސަސާއެއް، ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުން އުފައްދާނެ ނަމައެވެ. މިފަދަ ކޮމިޝަނެއް އުފެއްދުމުން މިދެންނެވި ސަލާންޖަހާ ޒުވާނުންގެ އިތުރުން ސިޔާސީޕާޓީތަކަށްވެސް ފައިދާ ކުރާނެކަން ކަށަވަރެވެ. އެމީހުންގެ ރުހުން އޮންނަމީހުންނަށް މިދެންނެވި މުސާރަޔާއި އިނާޔަތްތަކާއި ޚަރަދުބަރަދާއި ހައިބަތާއި އިއްޒަތް ހޯދާދީ ދިރިއުޅުން ބާއްޖަވެރިކޮށްދިނުމެވެ.

މިއީ އަޅުގަޑުގެ ވިސްނުމެވެ. ގައުމުގެ ވިސްނުމަކަށްވުން ލާޒިމެއް ނޫނެވެ.