ދަރިފުޅަށް ކިޑްނީ ދޭން ބައްޕަ ހުރީ ތައްޔާރަށް، އޮޕަރޭޝަން ކުރުމަށް ބޭނުންވަނީ މާލީ އެހީ!

photo_2023-07-12_12-26-30

ހއ. އިހަވަންދޫ، ވައިޓްރޯސް މުޙައްމަދު ސަހުނީޒްގެ އުމުރުން ފާއިތުވި 28 އަހަރު ދުވަހު އޭނާ ހުރީ ވަރަށް ރަނގަޅު ސިއްހަތެއްގައެވެ. ކައިވެންޏެއްކޮށް އަލަތު ދަރިފުޅުލިބި ދުވަސްތައް ހޭދަކުރަމުން އައީ އުފަލުގައެވެ.

ނަމަވެސް މި އުފާވެރި އާއިލާއަށް މޮޅިކަން ގެނުވީ ފާއިތުވި ރަމަޟާން މަހާއި ދާދި ގާތްވެފައިވަނިކޮށް ވީނުވީއެއް ނޭނގި ސަހުނީޒްއަށް ހޮޑުލެވެން ފެށުމާއި ގުޅިގެންނެވެ. ދޭތެރެދޭތެރެއިން ހޮޑުލެވޭތީ ޑޮކްޓަރަށް ދެއްކުމުން ގޭހުގެ ކަމެއްކަމަށް ބަލައި ބޭސް ދިނުމަށް ފަހު ގެޔަށް ފޮނުވާލި ނަމަވެސް ހޮޑުލެވުމަކަށް ހުއްޓުމެއް ނައެވެ.

ބަދަލެއް ނައުމުން އެ ޑޮކްޓަރުގެ ލަފާގެމަތީން ގޮހޮރުގެ ޑޮކްޓަރަކަށް ދައްކައި ހެދުނު ޓެސްޓްތުން ކިޑްނީގައި މައްސަލައެއް ހުރިކަން ފާހަގަ ކުރެވުނެވެ. އަނެއްކާވެސް ޑޮކްޓަރުގެ ލަފާގެމަތީން ކިޑްނީގެ ޑޮކްޓަރަކަށް ދައްކައި ޓެސްޓްތަކެއް ހެދުނެވެ. ހެދި ޓެސްޓްތަކުން ޔަގީންވީ ސަހުނީޒްގެ ދެ ކިޑްނީ ފެއިލްވެފައިވާކަމެވެ.

މި ނޫހާއި ވާހަކަ ދައްކަމުން، ހާލަތު ސިފަކޮށްދެމުން ސަހުނީޒްގެ ބައްޕަ އަލީ އިބްރާހީމް ބުނީ ދަރިފުޅުގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުމާއި ގުޅިގެން ދަރިފުޅަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށް ހާލުދެރަވެ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހުނު ކަމަށެވެ.

އަލީ އިތުރަށް ބުނީ ދަރިފުޅަށް ކިޑްނީ ހަދިޔާ ކުރުމަށް އޭނާ ތައްޔާރަށް ހުރި ކަމަށާއި މިކަމަށް ބޭނުންވާ ފައިސާ ހަމަޖެހުނުހާ އަވަހަކަށް ދަރިފުޅުގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ފުރައިގެން ބޭރައްދާން ތައްޔާރަށް ތިބިކަމަށެވެ. މި އުނދަގޫ ދަނޑިވަޅުގައި ވެސް އަލީ ވަނީ ދަރިންގެ މައްޗަށް މައިންބަފައިން ކިތަންމެ ބޮޑު ގުރުބާނީއެއްވާން ވެސް ޖެހިލުން ނުވާނެ ކަމާއި ދަރިންގެ މައްޗަށް އޮންނަ ލޯތްބާއި ކުލުނު އިންތިހާއަށް ދައްކުވައިދީފައެވެ.

ސަހުނީޒްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބެނުންވާ ފައިސާ ހޯދުމަށް އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ ސްކޫލާއި، އިހަވަންދޫ ކުލަބް ޕޯލްސްޓާއާއި، އިހަވަންދޫ ފެނެކަ ބްރާންޗާއި، އިހަވަންދޫ ޕޮލިސްގެ އިތުރުން އިހަވަންދޫ އިމަގު ޖަމިއްޔާ ގުޅިގެން އެ ރަށު ރައްޔިތުންގެ ބައިވެރިވުމާއިއެކު ހިންގުނު ހަރަކާތްތަކުން ވެސް ވަނީ ފަސްދޮޅަސް ހާހަށްވުރެ ގިނަ ފައިސާ ހޯދައި އެ އާއިލާއާއި ހަވާލު ކޮށްފައެވެ.

ކިޑްނީ ޓްރާންސްޕްލާންޓްގެ އޮޕަރޭޝަނަކީ ގިނަ އަދަދެއްގެ ފައިސާ ބޭނުންވާނެ ކަމަކަށް ވާތީ އެ އާއިލާއިން އެދެނީ ކޮންމެ ބޭފުޅަކަށް ވެސް ވެދެވެން އޮތް އެހީތެރިކަމެއް އެންމެ ފުރިހަމައަށް ފޯރުކޮށް ދެއްވުމެވެ.

ރުފިޔާ އެކައުންޓް ނަމްބަރު: 7704257870101

ޑޮލަރު އެކައުންޓް ނަމްބަރު: 7704257870102

އިތުރު މަޢުލޫމާތު: 7757021 (އަލީ އިބްރާހީމް/ ސަހުނީޒްގެ ބައްޕަ)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *