ކުރީގެ އަދަދާއިގުޅޭ،

" ދެން ތިކަހަލަ ވާހަކަ ނުދައްކާ! ޔަޝްމީވެސް މިހާރު އެއްބަސް ވެއްޖެ! ހާރޫންއަކީ ގޯސް މީހެއް ނޫނެއްނު... ކޮންމެވެސް ވަރަކަށް ފޯރާ މީހެއް.. ބަލައިލަން ހުތުރު މީހެއްނޫން.. ޔަޝްމީދެކެ އެހާ ލޯބިވޭ.. ދެން ކޮންކަމަކާ ހާސްވާންވީ! ދެން އަހަރެމެން ވިސްނަންވީ އެހެން ކަމަކާއޭ! "

Ad
rt

ޝަހާނާ އައިސް ޖާވިދްގެ ގައިގައި ފަހަތުން ބައްދާލިއެވެ.

" ކޮންކަމަކާ؟ "

ފޫހިގޮތަކަށް ޖާވިދް ސުވާލުކުރިއެވެ. އެއާއިއެކު ޝަހާނާ އައިސް ޖާވިދްގެ ކުރިމަތީގައި ހުއްޓިލިއެވެ. އަދި އޭނާގެ ދެއަތުން ޖާވިދްގެ ކަރުގައި އަތް އަޅުވާލުމަށްފަހު ބުންޏެވެ.

" އަހަރެމެން ދެކެމުން އައި ހުވަފެންތައް ހަނދާން ނެތުނީތަ.. މާލެ ބަދަލުވާން އުޅުނީމެއްނު! ޖާވިދް ހާދަ ހަނދާންވެސް ބައްޔޭ!"

ޝަހާނާ މަޑުމަޑުން އެހެން ބުނުމާއިއެކު ޝަހާނާގެ އަތް އޭނާގެ ކަރުން ނައްޓުވާލައި ދުރަށް ޖެހިލިއެވެ.

" ތިއީ ތިޔަ ހީކުރާހާ ފަސޭހަކަމެއް ނޫނޭ! އަހަރެންގެ ވަޒީފާއާއިމެދުވެސް ވިސްނަން ޖެހޭނެ! ވަޒީފާ ދޫކޮށްލާފައި އަހަންނަކަށް ނުދެވޭނެ. އެއީވެސް އެހާ އުނދަގުލުން ލިބުނު ވަޒީފާގަނޑެއް."

ޖާވިދް ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ. އެކަމާ ޝަހާނާ ހިތްހަމައެއް ނުޖެހުނެވެ. އަނގަޔަށް ވައްތަރެއް ޖައްސާލަމުން އޭނާ ދެކޮނޑު އަރުވާލިއެވެ.

" އައްދެ! މިހާރު ވާހަކަ ބަދަލުވީތަ؟ ރާގުވެސް ތަފާތުވެއްޖެ! ދެން ތިޔަ ބުނަނީ އެ ޚިޔާލު މުޅިން ދޫކޮށްލީއޭތަ؟ "

" އަހަރެން ތިހެންނެއް ނުބުނަމެއްނު! ޝަހާ ޕްލީޒް! އަހަންނަށް ޕްރެޝަރ ނުކޮށްބަލަ! އަހަރެންވެސް ކަންތައްތައް ނިންމާނީ ވަރަށް ވިސްނާފައޭ! މިއަދު އަހަރެން މިހުރީ ވަރަށް ބޮޑަށް ބޯ ގޮވާފަ.."

ޖާވިދް ދެއަތުން ބޮލުގައި ހިފަހައްޓާލަމުން އެނދުމަތީގައި އިށީނެވެ. އޭރު އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. އެކަން ފާހަގަ ކުރެވިގެން އަވަސް އަވަހަށް ޝަހާނާ ގޮސް ފަންކާ ޑިމަރު އަނބުރާލިއެވެ. އަދި ދުރުގައި ހުރެފައި އޭނާ މަލާމާތުގެ ރާގަކަށް ވާހަކަ ދައްކަން ފެށިއެވެ.

" ބޯވެސް ގޮވާނެ! އެހެން ކަންތައްތައްވެސް ވާނެ! ޖާވިދް މިތާ އިނދެގެން ކުދިކުދި ވިޔަސް ޖާވިދްގެ ބައްޕަގެ ނިންމުމެއް ބަދަލެއް ނުވާނެ! މިހާރު އެކައިވެންޏަށް ޔަޝްމީވެސް އެއްބަސްވެ އެހުރިހާ ކަމެއް ފައިނަލްވެއްޖެ! ދެން އަނެއްކާ ޖާވިދް ގޮސް އެވާހަކަތައް އާކުރާނެ ކަމެއް ނެތޭ! ބައްޕައަށް ވިސްނައިދޭނެ ކަމެއްނެތް! މައިންބަފައިންގެ ނިންމުމުގެ ތެރެއަށް ދަރިން ވަނުމަކީ ހަޑިކަމެއް!

"

ޝަހާނާގެ ވާހަކަތަކުން ޖާވިދް ގާތަށް އިތުރަށް ރުޅިއައެވެ. އަވަސް އަވަހަށް އޭނާ އިސްއުފުލައި ޝަހާނާއަށް ބަލައިލަމުން ބުނެލިއެވެ.

" ހެޔޮނުވާނެ ޝަހާ! އެންމެ ހިނދުކޮޅަކަށްވެސް އަހަންނާ ދެބަސްނުވެ އިހަށް މަޑުކޮށްބަލަ.. "

ފުންމައިގެން ތެދުވެ ޖާވިދް ގޮސް ކޮޓަރިން ނިކުތެވެ. ޖާވިދް ދިޔުމުން މަލާމާތުގެ ބެލުމަކުން އޭނާއަށް ބަލަހައްޓައިގެން ހުރި ޝަހާނާއަށް އެއްމިޔަކަނުން ހިނިތުންވެލެވުނެވެ.

***

ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު ކުރިމަތީގައި ހުރި ޖާވިދް ފެނި، ހާރޫން ހީލިއެވެ. ރައްދުގައި ޖާވިދްވެސް ލުއި ހިނިތުންވުމަކުން ހާރޫންއަށް ބަލައިލިއެވެ.

" ބައްޕަ ބުނީ އައިސްބަލާށޯ! "

ޖާވިދް އެހެން ބުނުމާއިއެކު ހާރޫން ކޮޓަރިތެރެއަށް ވަނީ އަތްމަތީގައި ހުރި ބައެއް އަންނައުނުތައް ބަހައްޓާށެވެ. އޭނާ ގޮސް ދަބަސްތެރެއަށް އެ އެއްޗެހި އެޅުމަށްފަހު ދަބަހުގެ ޒިބު ދަމާލިއެވެ. އޭރުވެސް ޖާވިދް ހުރީ ބަލަހައްޓައިގެންނެވެ. ލަސް ފިޔަވަޅުތަކެއްގައި އައިސް ހާރޫން ޖާވިދްގެ ފަހަތުން ހިނގައިގަތީ ޝާކިރުގެ ކޮޓަރިއާއި ދިމާލަށެވެ. އެމީހުންގޮސް ކޮޓަރިއަށް ވަތް އިރު ޔަޝްމީއާއި ފާއިޒާވެސް އެކޮޓަރީގައި ތިއްބެވެ. ޔަޝްމީ އިނީ ޝާކިރު ކައިރީގައެވެ. ހާރޫން އައިސް ވަނުމުން ފާއިޒާ އޭނާއަށް އިށީނުމަށް ދެއްކީ އެނދު ކައިރީގައި ހުރި ސަރަންފީ ގޮނޑިއެކެވެ. އެންމެންގެ މޫނަށް ވަކި ވަކިން ބަލައިލަމުން ހާރޫން އެ ގޮނޑީގައި އީށީނެވެ. އޭރު ޖާވިދް ހުރީ ފާރުގައި ލެނގިލައިގެންނެވެ. ޔަޝްމީ އިނީ އިސްޖަހާލައިގެންނެވެ.

" ހާރޫންއާ ވާހަކަ ދައްކާލަން މިޖެހުނު ސަބަބަކީ އަހަރެންގެ ހުރި ހަމައެކަނި އަންހެންދަރިފުޅު ހާރޫންގެ ހުށަހެޅުން ޤަބޫލު ކުރީމަ..."

ޝާކިރު އެހެން ބުނުމާއިއެކު ހާރޫންގެ ސާފު މޫނުމަތި އިތުރަށް އަލިވެގެން ދިޔައެވެ. އިސްޖަހާލައިގެން އިން ޔަޝްމީއާ ދިމާލަށް އޭނާއަށް ބަލައިލެވުނީވެސް ހައިރާންކަމާއިއެކުއެވެ.

" އަހަރެމެން ޔަޝްމީ ގެންގުޅުނީ ވަރަށް ލޯބިން... އަހަރެން އުއްމީދުކުރަން ހާރޫންވެސް....."

" އެކަމާ ޝައްކު ނުކުރޭ ޔަޝްމީގެ ބައްޕާ! ޔަޝްމީ އަހަންނާ ގުޅުމަކީ އޭނާގެ ނަސީބުކަމުގައިބަލާ! "

ޝާކިރުގެ ޖުމްލަ މެދުކަނޑާލީ ހާރޫންއެވެ. މިހާރުވެސް އޭނާ އެހުރީ އުފަލުން ފޮޅިފައެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ އޭނާއަށް ލިބުނުކަހަލަ އިޙްސާސްތަކެއް އޭނާއަށް ކުރެވެމުންދިޔައެވެ. ހާރޫން އެހެން ބުނުމުން ޝާކިރުގެ އިތުރުން ފާއިޒާގެ މޫނުމަތީގައިވެސްވަނީ ހިނިތުންވުމެވެ.

" ފުރާ ވަގުތު ވަރަށް ކައިރިވެއްޖެ! ޔަޝްމީގެ ބައްޕަ، މިފަހަރު އަހަންނާއިއެކު ޔަޝްމީ ފޮނުވާނަންތަ؟ "

އިޙްތިރާމާއިއެކު ހާރޫން އެހިއެވެ. އެއާއިއެކު ޝާކިރު ލަސްލަހުން ބޯޖަހާލިއެވެ.

" ކައިވެންޏަށް މިގޭ އެއްވެސް މީހަކު ނުދާނަންތަ؟ "

އަވަސް އަރުވާލައިފައި ހާރޫން އަނެއްކާވެސް އެހިއެވެ. އެއާއިއެކު ފާއިޒާއަށް ބަލައިލެވުނީ ޝާކިރުގެ މޫނަށެވެ.

" އަހަންނަށް ޗުއްޓީއެއް ނުލިބޭނެ.."

ޖާވިދް އެހެން ބުނުމާއިއެކު ބޭއިޙްތިޔާރުގައި ޔަޝްމީއަށް ޖާވިދަށް ބަލައިލެވުނެވެ. ކޮއްކޮގެ އެ ބަލައިލުމުން ޖާވިދްގެ ހިތަށް ކުރުވީ ފުން އަސަރުތަކެކެވެ. ޔަޝްމީގެ ދެލޮލުން އޭނާއަށް ފެންނަމުންދަނީ ހިތާމައެވެ. އެކަމުން ސަލާމަތްކޮށްދިނުމަށް އެދޭ ކަހަލަ ގޮތަކަށް ޔަޝްމީ އިނީ ޖާވިދަށް ބަލާށެވެ. އަވަސް އަވަހަށް ޖާވިދް އިސްޖަހާލީ އެކަމުގައި އޭނާއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދެވެން ނެތީމައެވެ.

" އަހަރެން ބޭނުމެއްނޫން ޕާޓީއެއް ބާއްވައި އުފާ ފާޅުކުރާކަށް! ކައިވެންޏަށް އެއްވެސް މީހަކު ނުދިޔަޔަސް ރަނގަޅުވާނެ!"

އިރުކޮޅަކު އެހެން އިނުމަށްފަހު ޔަޝްމީ އެހެން ބުނުމުން، ހާރޫންގެ މޫނުމަތީގައިވާ ހިނިތުންވުމުގެ އަސަރުތައް ފަނޑުވެގެން ދިޔައެވެ.

" ޔަޝްމީ އެބުނީ ތެދެއް! އެކަހަލަ ޚަރަދުތަކެއް ކުރާނެ ކަމެއްނެތް! ވަލީގެ ކަންތައްތައް ބައްޕަ ކޯޓުން ހަމަޖައްސާނަން.. ދަރިފުޅާ ޔަޝްމީ! އަވަހަށްދޭ ދަބަހަށް އެއްޗެހި އަޅާލަން.. ހާރޫން މިހާރުވެސް އެހުރީ ފުރަން ލަސްވެގެން"

ޔަޝްްމީގެ ބުރަކަށީގައި ފިރުމާލަމުން ޝާކިރު ވާހަކަދެއްކިއެވެ. އެއާއިއެކު ފުންމައިގެން ޔަޝްމީ ތެދުވެ ބާރުބާރަށް ގޮސް ކޮޓަރިން ނިކުތެވެ. ހަމައެހިނދު އޭނާގެ ފަހަތުން ޖާވިދްވެސް ނިކުމެއްޖެއެވެ.

" ޝުކުރިއްޔާ ދޮންބޭ! ބޭބެއެއްގެ ވާޖިބް ވަރަށް ރަނގަޅަށް ދޮންބެ އަދާކޮށްފި! އަހަރެން ހީކުރީ އަހަރެންގެ ހިމާޔަތުގައި އަބަދުވެސް ދޮންބެ ހުންނާނެ ކަމަށް.. އެކަމަކު މިއަދު އަހަރެންގެ މުޅި ދިރިއުޅުން އަނދިރި، ފުން ވަޅުގަނޑަކަށް ވެއްޓޭތަން ބަލަބަލާ ތި ހުންނަނީ! ކޮބާ އަހަރެންދެކެ ވީ ލޯބި؟ މިގޭތެރޭގައި މި ހުރިހާ ކަމެއް ވެގެންދާއިރު ދޮންބެއަށް ހަމަ އެއްވެސް އެއްޗެއް ނޭނގޭތީތަ ނޭނގޭ ކަމަށް ހަދައިގެން ތި ހުންނަނީ؟ މި ދެދުވަހު އަހަރެންގެ ޙާލު ބަލައިލިންތަ؟ "

ފަހަތުން އައިސް ޔަޝްމީގެ ކޮޓަރިއަށް ޖާވިދް ވަނުމާއިއެކު ޔަޝްމީ އެއްޗެހި ކިޔަން ފެށިއެވެ. ރޮވެން އުޅުނު ނަމަވެސް، ނުރޮއި އޭނާ ވަރަށް ކެތްކުރިއެވެ.

" ދޮންބެ ދެން ކީކޭ ބުނާނީ؟ ބައްޕަގެ ޙާލު ފެނިފައި ބައްޕައާއި ދެކޮޅަށް ކިހިނެއް އެއްޗެއް ބުނަން ކެރޭނީ؟ "

ބުނާނެ އެއްޗެއް ނޭނގި ހުރެ ޖާވިދަށް ބުނެވުނީ އެވަރަށެވެ. އޭރު ޔަޝްމީ، ދަބަހަށް އެއްޗެހި އަޅަން ފަށައިފިއެވެ.

" ދަރިންގެ އުފަލަކީ މައިންބަފައިން އުފަލުގައި ބައިތިއްބުން! އެކަމަކު މައިންބަފައިންގެ އުފަލަކީ އެމީހުންގެ އުފަަލަށްޓަކައި އެމީހުންގެ އަމިއްލަ އެދުމަށްޓަކައި ދަރިން ވިއްކައިލުން..."

އެހެން ބުނެވުނު އިރު ޔަޝްމީގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ގައިން ވަރުދޫވެ، ބޮލަށް ބަރުވާހެން ހީވުމުން އޭނާ އެނދުމަތީގައި އިށީނދެލިއެވެ.

" މިހެން މި ކިޔުނީ ކިޔަން ބޭނުން ވެގެންނެއްނޫން! އެމީހުންނަށް އެއްޗެއް ނުބުނެ ހުރެވޭތޯ ހާދަ މަސައްކަތެއް އެބަކުރަމޭ! އެކަމަކުވެސް އަހަންނަށް މަޖުބޫރު ކުރުވި ކަންތައް ހިތައް އެރުމާއެކު....ހިތަށް އެރުމާއެކު އަހަރެންގެ ކެތްތެރިކަން ހަމަ ކޮޅުންލަނީ"

ދެއަތުން މޫނު ފުހެލަމުން ޔަޝްމީ ބުނެލިއެވެ. އެއްޗެއް ބުނަން ނުކެރިފައި ޖާވިދް ހުރީ އޭނާ އައިސް ހުއްޓުނު ތަނުގައެވެ. ޔަޝްމީ އިރުކޮޅަކު އެހެން އިނުމަށްފަހު ދަބަސް ބަންދުކޮށްލަމުން އަނެއްކާވެސް ބުންޏެވެ.

" އަހަންނަށް އެނގެޔޭ ދޮންބެއަށްވެސް ކުރެވޭނެ ކަމެއް ނެތްކަން.. އަހަރެންގެ ހިތް ހަމަ ސާފު"

ދަބަސް ހިފައިގެން ޔަޝްމީ ނިކުންނަން ހިނގައިގަތުމާއިއެކު ޖާވިދް ބުންޏެވެ.

" ދޮންބެއަށްވެސް އަމިއްލަ ނަފުސު ކުށްވެރި ކުރެވެޔޭ! އެކަމަކު.. މިކަމުގައި ކޮއްކޮއަށްވެސް އެއްވެސް ބާރެއް ނުފޯރުވޭއިރު ދޮންބެވަކި ކީއްކުރާނީ؟ "

ދެރަވެލާފައި އައިސް ޖާވިދް ޔަޝްމީގެ އަތުގައި އޮތް ދަބަހުގައި ހިފިއެވެ. ޖާވިދުގެ އަތަށް ދަބަސް ދޫކޮށްލުމަށްފަހު ޔަޝްމީ ބޭރަށް ނިކުތީ އެއްވެސް ޖަވާބެއް ނުދީއެވެ. އޭރު ގޭ އެންމެންނާއިއެކު ހާރޫންވެސް އޭނާގެ އިންތިޒާރުގައި ހުއްޓެވެ.

" އަހަރެން ބޭނުމެއްނޫން އެއްވެސް މީހަކު އަހަރެމެން ފުރުވަންދާކަށް!"

ޔަޝްމީ އެހެން ބުނުމާއިއެކު، ސުވާލުގެ ނަޒަރަކުން އެންމެ ފުރަތަމަވެސް އޭނާއަށް ބަލައިލީ ހާރޫންއެވެ.

" އެކަމަކު.. ދަރިފުޅުމެން ފުރުވަންދާން ބައްޕަ މި ތެދުވީވެސް.."

ޝާކިރު ހެވިލާފައި ބުންޏެވެ.

" އެކަމަކުވެސް.. އަހަރެން ބޭނުމެއްނޫން.."

ޔަޝްމީ އިސްޖަހާލިއެވެ. އެއާއިއެކު ފާއިޒާ ލޮލުގެ އިޝާރާތުން ޝާކިރަށް އެންގީ މައިތިރިވުމަށެވެ.

" އެންމެ ރަނގަޅު! މަންމަމެންގެ އެދުމަކީ ދަރިފުޅު މަންމަމެންނަށް ހިތްހެޔޮ ކުރުން..."

ފާއިޒާ ޔަޝްމީގެ ބޮލުގައި ފިރުމާލިއެވެ. ނަމަވެސް ޔަޝްމީ މަންމައާއި ދިމާލަށް ބަލައިވެސް ނުލިއެވެ. ފާއިޒާ އޭނާއާއިމެދު ކަންތައް ކުރިގޮތް އަދިވެސް ހަނދާނުން ފިލައިގެން ނުދާ ކަހަލައެވެ.

" ކޮންތާކުން ލޯންޗް ތި ގެންނަނީ ؟ "

ހަމަޖެހިލާފައި ޝާކިރު އަހާލިއެވެ.

" އަތޮޅު ވެރިކަން ކުރާ ރަށުން ލޯންޗެއް ލިބުނީ! އަހަރެން މިކޮޅަށް ބޯޓުގައި އައީ މަތިންވެސް ޓިކެޓެއް ނުލިބިގެން.. އެކަހަލަ ބޯޓުފަހަރުގައި ދަތުރުކޮށް ނޫޅޭތީ ކަންނޭނގެ ވަރަށް ހޮޑުވެސް ލެވުނު.. އެހެންވެ މިފަހަރު ލޯންޗްގައި ދާންވެގެން މިއުޅެނީ."

ހިނިތުންވެހުރެ ހާރޫން ބުނެލިއެވެ. ހާރޫންގެ ވާހަކަ ނިމުމާއިއެކު ޝަހާނާ ގޮސް ޔަޝްމީގެ ގާތު ހުއްޓުނެވެ.

" ދައްތަ މާލެގޮސް ދާނަން އިނގޭ ޔަޝްމީގާތަށް.."

ޔަޝްމީގެ އަތުގައި ހިފާލަމުން ޝަހާނާ އުފަލުން ބުނެލިއެވެ. އެއާއިއެކު ޖާވިދަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

" ތަންކޮޅެއް ލަސްވެއްޖެ މިހާރު.."

އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ހާރޫން ބުންޏެވެ. އެއާއިއެކު ޖާވިދްގެ އަތުގައި އޮތް ދަބަސް އޭނާ ހާރޫންއަށް ދިއްކޮށްލިއެވެ. އެއްދަބަސް ކޮނޑުގައި އަޅުވައިގެން، ޔަޝްމީގެ ދަބަސް އަތުން ހިފައިގެން ހާރޫން ހިނގައިގަތެވެ. އިސްޖަހާލައިގެން ހުރެ ޔަޝްމީ އޭނާގެ ފަހަތުން ހިނގައިގަތް އިރުގައިވެސް ހުރީ އިސްޖަހައިގެންނެވެ.

" އެކޮއި ވަރަށް ދެރަވެފައި އެހުރީ"

ފާއިޒާ ގެއަށް ވަންނަމުން ބުނެލިއެވެ. އެއާއިއެކު ޝާކިރު ކުރު ގޮތަކަށް ހިނިގަނޑެއް ޖަހާލިއެވެ.

" މާލެ ގޮސް އަރާމުގައި އުޅެވެން ހެދީމަ އެކަން ހަނދާން ނެތިދާނެ. އަހަރެން މިހުރީ ގައިމުވެސް ވަރަށް އުފަލުން"

ޝާކިރު އެހެން ބުނި އަޑަށް ޖާވިދްގެ ފަހަތުން ކޮޓަރިއަށް ވަތް ޝަހާނާއަށްވެސް ޖަހާލެވުނީ ހިނިގަނޑެކެވެ. އޭނާ އަވަސް އަވަހަށް ދޮރުލައްޕާ ތަޅުލިއެވެ.

" ބައްޕަވެސް އެހުރީ ވަރަށް އުފަލުން! އަހަރެންވެސް ވަރަށް އުފާވޭ!"

ކޮޓަރިއަށް ވަތް ގޮތަށް އެނދުމަތީގައި ޖާވިދް ބަންޑުން އޮށޯވެލިއެވެ.

" ޝަހާ! ހެޔޮނުވާނެ މިވަގުތަކު ނޫން ދެން ތިވާހަކަ ދައްކާނީ.. އަހަރެން ރެސްޓް ބޭނުން.."

ޖާވިދް އެހެން ބުނުމުން ދުރުގައި ހުރި ޝަހާނާ ހައިރާންވެފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ.

" ޖާވިދްގެ ބައްޕަ އުފާވެގެން އެވާހަކަ ދެއްކުމަކީ އެއްވެސް މައްސަލައެއްނޫން.. އެކަމަކު އަހަރެން އުފާވިޔޭ ކިރިޔާ ބުނާއިރަށް ޖާވިދަށް ތި ވާ ގޮތެއްދޯ؟ އަހަރެން އުފާވިއްޔާ އެއީ ވަރަށް ބޮޑު މައްސަލައެއް.."

ޝަހާނާ ރުޅި އައިސްހުރެ އެނދުމަތީގައި އިށީނެވެ. ޖާވިދް ކުޑަކޮށް ބޯ ހިއްލާލުމަށްފަހު ބުނެލިއެވެ.

" އަހަރެން ވަރަށް ރީތިކޮށް މިބުނަނީ ޔަޝްމީގެ ވާހަކަ ދެއްކުން މިވަގުތު ހުއްޓާލާށޭ! އަހަންނަށް އެނގެޔޭ ޝަހާ ކިޔަން ތިއުޅޭ އެއްޗެއް.. ދެން ތިވާހަކަތައް ފަށައިފިއްޔާ އަހަރެން ދާނީ ބޭރަށް.."

ޖާވިދްގެ ފަހުގެ އިންޒާރުން ޝަހާނާ މައިތިރިވިއެވެ. ނަމަވެސް އޭރުވެސް އޭނާ އިނީ ވަރަށް ރުޅި އައިސްފައެވެ.

***

ބަނދަރާއި ދިމާލަށް ޔަޝްމީ މިސްރާބުޖެހީ ހާރޫންގެ ފަހަތުންނެވެ. އޭރުވެސް ގިނަ ބަޔަކަށް އެމީހުން ފެނިއްޖެއެވެ. ނަމަވެސް ރަށު މީހުން ހާރޫންއަށް ކުރާ އިޙްތިރާމަކުން އެއްވެސް މީހަކު އަނގަޔަކުން ނުބުނެއެވެ. ނަމަވެސް ކޮންމެ މީހަކުވެސް ޔަޝްމީއާއި ދިމާލަށް ބަލައިލަނީ ސުވާލުގެ ނަޒަރަކުންނެވެ. އެކަމާ ޔަޝްމީ ހުރީ ނުހަނު ދެރަވެ، ލަދުގަނެފައެވެ. ބަނދަރުގައި ހުރި ބޮޑު ކާނި ގަސްދޮށުގައި އެމީހުން މަޑުކޮށްލިއިރު ދުރުން އަންނަ ލޯންޗް ބޮޑުކޮށް ފެނެއެވެ.

ޔަޝްމީ އިސްއުފުލާލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ނާއިފެވެ. ނާއިފް އިނީ ރުއްގަނޑުތެރޭގައި ހުރި ބައިސްކަލެއްމަތީގައެވެ. އޭނާގެ ނަޒަރު ސީދާ އަމާޒުވެފައިވަނީ ޔަޝްމީއަށެވެ. އޭނާވެސް ހުރީ ސުވާލު އުފެދިފައިކަން ޔަޝްމީއަށް އެނގުނީ އޭނާ ބަލަމުންދާ ގޮތުންނެވެ. ނާއިފް ފެނުމުން ޔަޝްމީއަށް ގަދަކަމުން ހިނިތުންވެލެވުނީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް އޭރު އޭނާގެ ދެލޮލުގައި ކަރުނައިގެ އަސަރުތައްވެސް ފެންނަން ހުއްޓެވެ. ބުމަ ހިއްލާލަމުން ނާއިފް އޭނާއަށް އިޝާރާތްކުރީ ދަނީ ކޮންތަނަކަށްތޯ އަހައިލާ ކަހަލަ ގޮތަކަށެވެ. އޭނާގެ އެ އިޝާރާތުން ޔަޝްމީގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އޭނާ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ އޭރު ދެޖީބަށް ދެއަތް ޖަހާލައިގެން ހާރޫން ހުރީ ދުރުން އަންނަ ލޯންޗާއިދިމާލަށް ބަލަހައްޓައިގެންނެވެ. ހަމަ އެވަގުތެވެ. ލޯންޗް ނެރުން ވެއްދުމާއިއެކު ހާރޫން ޔަޝްމީއަށް ބަލައިލިއެވެ. އޭރުވެސް ޔަޝްމީ ހުރީ ދުރުގައި ހުރި ނާއިފްއަށް ބަލަހައްޓައިގެންނެވެ. ހާރޫންއަށް ދެން ބަލައިލެވުނީ ޔަޝްމީގެ ނަޒަރު ހުއްޓިފައިވާ ދިމާލަށެވެ. ދުރުގައި ހުރި ނާއިފް ފެނުމުން ހާރޫންއަށް އަނެއްކާވެސް ބަލައިލެވުނީ ޔަޝްމީއަށެވެ.

" ހިނގާ ދަމާ! "

ފައިބުޑުގައި ހުރި ދަބަސް ނަގަމުން ހާރޫން އެހެން ބުނެލި އަޑަށް ޔަޝްމީ ސިހިފައި ތެޅިގަތެވެ. އަދި އަވަސް އަރުވާލެވުނު ވަރުން ހާރޫންއަށްވުރެ ކުރިން އޭނާއަށް ހިނގައިގަނެވުނީ ފާލަމާއި ދިމާލަށެވެ. އިރުކޮޅަކު ނާއިފަށް ބަލަހައްޓައިގެން ހުރުމަށްފަހު ހާރޫންވެސް ހިނގައިގަތެވެ. އޭރު އޭނާގެ ސިކުނޑިއަށްވަނީ ކޮންމެވެސްވަރެއްގެ ނުތަނަވަސްކަމެއް ވެރިވެފައެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (16)

ސިލްސިލާ ވާހަކަ: ޝިކާޔަތު (16)

(ނިމުނީ)