ކުރީގެ އަދަދާއިގުޅޭ،

" ބައްޕަގެ މެޔަށް ތަދެއް އެބަ އަރާ ކަންނޭނގެ... ޖާ..ވިދް! ބައްޕަ.."

Ad
rt

އެހިސާބަށް ބުނެވުމާއިއެކު ޝާކިރުގެ ގައިން ބާރުދޫވެއްޖެއެވެ. ޖާވިދާއި ފާއިޒާގެ އިތުރުން ޝަހާނާވެސް ޝާކިރުގެ ގައިގައި ހިފެހެއްޓިއެވެ. ދުވެފައި އައިސް ޔަޝްމީ ޝާކިރުއާއި ގާތްވާން އުޅުނު ވަގުތު އޭނާ ހުއްޓުވީ ފާއިޒާއެވެ.

" މަޑުކުރޭ ޔަޝްމީ! ކައިރިނުވާތި! "

ރޮވިފައިހުރެ ފާއިޒާ އެހެން ބުނުމުން އަނގަމަތީގައި އަތް އެޅުމަށްފަހު ޔަޝްމީއަށް ބާރަށް ރޯންފެށުނެވެ. ޖާވިދް މަސައްކަތްކުރީ އެ ދިގު ގޮނޑިމަތީގައި ބައްޕަ ބާއްވާލެވޭތޯއެވެ. އޭރުވެސް ޝާކިރު ވޭނީ އަޑަކުން ކުކުރަމުންދެއެވެ.

" ބައްޕަ ބޭނުންވަނީ ކޮޓަރިއަށް ދާން..."

މޭގައި އަތް އަޅައިގެން އޮވެ ޝާކިރު ބުންޏެވެ. އެހެންކަމުން ތިން މީހުންގެ އެހީތެރިކަމާއިއެކު ޝާކިރު އެ ގޮނޑިން ތެދުވިއެވެ. ނުރުހުމުގެ ލޮލަކުން ފާއިޒާ ބަލައިލުމާއިއެކު ޔަޝްމީ އެއްފަރާތަކަށް ޖެހިލީ އެމީހުން ބޭރަށް ނިކުންނަން ޖާގަ ދިނުމުގެ ގޮތުންނެވެ. ޝާކިރު އަތުލަފިކޮށްގެން ފާއިޒާ އާއި ޖާވިދްވެސް ގެއާއިދިމާލަށް ހިނގައިގަތެވެ. ދެއަތް އުރާލަމުން ޝަހާނާ ޔަޝްމީ އާއި އެއް ހަމައެއްގައި މަޑުކޮށްލިއެވެ. އޭރުވެސް ޔަޝްމީގެ ދެލޮލުން ފެންތައް ފައިބަމުންދެއެވެ. އޭނާ ހުރީ ފެންޑާގެ ފާރުގައި ލެނގިލައިގެންނެވެ.

" ބައްޕައަށް އެއަށްވުރެ ބޮޑު ކަމެއް ވިޔަސް ޔަޝްމީގެ ބޮލުގައި ހުރިހާ ކަމެއްވެސް އެޅޭނީ! "

މަޑުމަޑުން ހިނގާފައިދާ ޝާކިރަށް ބަލަހައްޓައިގެން ހުރެ ޝަހާނާ އެހެން ބުނުމުން ޔަޝްމީ އިސްއުފުލައި ބަލައިލިއެވެ.

" އަހަރެން ދެން ކިހިނެއްތަ ހަދަންވީ ދައްތާ؟ "

ޔަޝްމީ އާދޭހުގެ ރާގަކަށް އެހެން ބުނުމުން ޝަހާނާ ޔަޝްމީގެ މޫނަށް ބަލައިލިއެވެ. އަދި ދެކޮނޑު އަރުވާލަމުން ރުންކުރު ރާގަކަށް ބުނެލިއެވެ.

" ޔަޝްމީ ކަން ކުރަންވީ ގޮތް ބައްޕަ އެބުނީ! ބައްޕަ ބޭނުންވާގޮތްވެސް ބައްޕަ ބުނެފި! އަދިވެސް ތި އަހަނީ ކިހިނެއްހޭ ހަދަންވީ؟ "

ހަމަ އެވަގުތެވެ. ދުރުން އަންނަ ފާއިޒާ ފެނުމުން ޔަޝްމީއަށް ތެޅިގަނެވުނެވެ. މަންމަގެ މޫނުމަތިން ފެންނަމުންދާ ރުޅިވެރިކަންފެނި އޭނާ އިތުރަށް ބިރުގަތެވެ. ދެއަތް ފުޅާކޮށްގެން ބާރުބާރަށް އައިސް ފާއިޒާ ފެންޑާއަށް ވަނެވެ.

" ޔަޝްމީގެ ބައްޕައަށް އެއްވެސް ކަމެއް ވިއްޔާ އަހަރެން ދުވަހަކުވެސް ޔަޝްމީއަކަށް މަޢާފެއް ނުކުރާނަން! "

ފާއިޒާގެ އިނގިލި ހުރީ ސީދާ ޔަޝްމީގެ މޫނަށް އަމާޒުކޮށްފައެވެ. އެހެންކަމުން ޔަޝްމީއަށް އަނެއްކާވެސް ފާރުގައި ބުރަކަށި ޖައްސާލެވުނެވެ.

"މަންމާ! ބައްޕައަށް ދެރަގޮތެއްވާކަށް އަހަރެންވެސް ބޭނުމެއް ނޫނޭ! އެކަމަކު.. މަންމަމެން އަހަންނަށް މަޖުބޫރު ތިކުރަނީ ކޮންހަކަލަ ކަމަކަށް؟ އަަހަރެން އެއްވެސް ވަރަކަށް ހާރޫންއަކަށް ހިތެއް ނޭދެޔޭ މަންމާ! އަހަރެން ކިހިނެއް އެވަރުގެ މީހަކާއިއެކު ދިރިއުޅޭނީ؟"

ޔަޝްމީ އަނެއްކާވެސް އިންކާރު ކުރަމުން ދިޔައެވެ. ވާހަކަ ދައްކަ ދައްކާ ހުއްޓާ ފާއިޒާ ބާރުބާރަށް ޔަޝްމީގެ އަތުގައި ހިފިއެވެ. އަދި ކާގެއާއި ދިމާއަށް ހިނގައިގަތީ ޔަޝްމީވެސް ގޮވައިގެންނެވެ. ވިހަ ގޮތަކަށް ހިނިތުންވަމުން ޝަހާނާވެސް ގޮސް ކާގެއަށް ވަދެ މޭޒު ކައިރީ މަޑުކޮށްލިއެވެ.

" ޔަޝްމީ ހާދަހާ ބޮޑުވެއްޖެޔޭދޯ މިހާރު.. އަދި އެއްފަހަރު ބުނެބަލަ! އަދި އެއްފަހަރު މަގޭ ކުރިމަތީ ބަހެއް ބުނެބަލަ! "

ޔަޝްމީގެ އަނގަމަތީގައި ހިފައިގަންނަމުން ފާއިޒާ ބުނެލިއެވެ. އެއާއިއެކު ބާރުބާރަަށް ޔަޝްމީ ރޮއިގަތެވެ. ތަންމިނަށް އަނގަ ހުޅުވުމަށްފަހު ޝަހާނާއަށް ހައިރާން ވެވުނީ ފާއިޒާ ޔަޝްމީއަށް އަނިޔާ ކުރަން ފެށުމުންނެވެ. ނަމަވެސް ކައިރިވާކަށް ޝަހާނާއަކަށްވެސް ނުކެރުނެވެ. ދެވަނަ ފަހަރަށް ފާއިޒާ ޔަޝްމީގެ ކަންކަށިމަތީގައި ބާރުބާރަށް ޖެހިއެވެ. އެއާއިއެކު ޔަޝްމީ ތަޅުން މައްޗަށް ތިރިވިއެވެ.

" އަދިވެސް މަގޭ ކުރިމަތީގައި ޒުވާބު ކުރާނަންތަ؟ "

ފާއިޒާގެ ރުޅިގަނޑު މައިތިރިއެއް ނުވިއެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާ ދަރިޔަކަށް އަނިޔާއެއް ނުކުރެއެވެ. އެހެންކަމުން ޔަޝްމީއަށްވެސް އެކަންވީ ވަރަށް ހިތްދަތިވި ކަމަކަށެވެ. ވީދެރައިން އޭނާ ތަޅުންމަތީގައި ކުރުވެގެން ރޮއިލަރޮއިލާ އޮތީއެވެ. އޭރުވެސް ކުޅިވަރު ބަލަން ޝަހާނާ ހަމަޖެހިލާފައި ހުއްޓެވެ.

" ކިހިނެއްވީ؟ ޔަޝްމީ ރޯ...ރޯއަޑަށް..މިއަައީ"

ފާއިޒާގެ އިތުރުން ޝަހާނާއަށްވެސް ސިހުން ލިބުނީ ހާރޫންގެ އަޑުންނެވެ. އޭރު ހާރުން ހުރީ ކާގެ ދޮރުމަތީގައެވެ. ރުޅި އައިސް ރަތްވެފައި ހުރި ފާއިޒާއަށް ބަލައިލެވުނީ ތަޅުންގަނޑު މަތީގައި އޮތް ޔަޝްމީއަށެވެ.

"މީ... މިއުޅެނީ... ޔަޝްމީ..."

ބުނާނެ އެއްޗެއް ނޭނގިހުރެ ފާއިޒާ ޖުމްލަ ފެށި ނަމަވެސް އޭނާއަކަށް ޖުމްލަ ފުރިހަމަ އެއް ނުކުރެވުނެވެ. އެއާއިއެކު ޔަޝްމީ ތެދުވެއްޖެއެވެ. އޭރު އޭނާގެ މޫނުމަތިވަނީ ދުޅަވެފައެވެ. ރޮއިރޮއި ދެލޯވަނީ ކުޑަވެފައެވެ. ލަސް ހިނގުމެއްގައި އައިސް ޔަޝްމީ ހުއްޓުނީ ހާރޫންގެ ކުރިމަތީގައެވެ. ޔަޝްމީގެ ޙާލު ފެނި ހާރޫންގެ ހިތަށް ވަރަށް އަސަރުކުރިއެވެ.

" އަހަންނާ ކައިވެނި ކުރާނަންތަ؟!"

ޔަޝްމީ އެހެން ބުނުމާއިއެކު ހައިރާންވެފައި ހާރޫންއަށް ބަލައިލެވުނީ ފާއިޒާގެ މޫނަށެވެ. ފާއިޒާއާއި ޝަހާނާއަށްވެސް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.

" ކިހިނެއްވީ؟ ކުއްލިއަކަށް ތިހެން ތި އެހީ ކީއްވެ؟"

ހާރޫން ލޯތްބާއިއެކު ޔަޝްމީގާތު އެހިއެވެ. ޔަޝްމީ އޭރުވެސް ހުރީ ސީދާ ހާރޫންގެ ދެލޮލަށް ބަލަހައްޓައިގެންނެވެ.

" އަހަރެންގެ ސުވާލަށް ޖަވާބުދީ ހާރޫން! އަހަންނާ އިންނާނަންހޭ؟ "

ދެވަނަ ފަހަރަށް ޔަޝްމީ ބުނެލީ ވަރަށް ބާރަށެވެ. ފަހަތުގައި ހުރި ފާއިޒާ ޔަޝްމީގެ އަތުގެ މުލައްދަނޑީގައި ހިފުމަށްފަހު އޭނާއާއި ދިމާލަށް އަނބުރާލަމުން ބުންޏެވެ.

" ޔަޝްމީ ކިހިނެއް ވެގެންތަ ތިއުޅެނީ؟"

" އަހަރެން އެބައުޅޭތަ ކަމެއްވެގެން.. އަހަރެން މިއުޅެނީ މަންމަމެން ބޭނުންވާގޮތަށް ކަންތައް ކުރަންވެގެންނެއް ނޫންތަ؟.."

ދެއަތުން މޫނު ފުހެލަމުން އޭނާ ބުނެލީ މަލާމާތުގެ ރާގަކަށެވެ. ޔަޝްމީގެ ޢަަމަލުތައް ހުރި ގޮތުން ޝަހާނާ ވަރަށް ބޮޑަށް ޝައުޤުވެރިވިއެވެ. އޭނާގެ އުއްމީދާއި އެއްގޮތަށް ކަންތައްވާނެހެން ހީވާތީ އޭނާ ހުރީ ނުހަނު ހިތްހަމަވެސް ޖެހިފައެވެ.

" ހިނގާ މިތަނުން ދާން! "

ފާއިޒާ ޔަޝްމީގެ އަތުގައި ހިފައިގެން ދޮރާއި ދިމާލަށް ދާން ހިނގައިގަތުމުން ޔަޝްމީ ބާރުބާރަށް އަތް ފޮޅުވާލިއެވެ.

" ހާރޫން އަހަންނާ ކައިވެނި ކުރާނަންތަ؟ ނޫނީ ނުކުރާނަންތަ؟ އަހަރެންގެ މަންމައަށް އަޑުއިއްވާލަ ދީބަލަ ހާރޫން ބޭނުންވާ ގޮތެއް"

ޔަޝްމީ އަނެއްކާވެސް ހާރޫންއަށް ބަލައިލަމުން ބުނެލިއެވެ. އެއާއިއެކު ހާރޫން ލަދުގަތްވަރު އޭނާގެ މޫނުމަތިން ހާމަވެގެން ދިޔައެވެ.

" އަހަރެން... އަހަރެން ބޭނުން ޔަޝްމީއާ ކައިވެނި ކުރަން..."

ހާރޫން އެހެން ބުނުމާއިއެކު ޔަޝްމީގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. އަނެއްކާވެސް އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާންފެށިއެވެ.

" އަހަރެންގެ ބައްޕަ!! މިކައިވެންޏަށް އަހަރެން ނުރުހިގެން އަހަރެންގެ ލޯބިވާ ބައްޕަ ވަރަށް ބޮޑަށް ބަލިވެއްޖެ! މިހާރު މި އާއިލާގެ އުފާވެރިކަމަކީ އަހަރެންގެ ކައިވެނި.. އާނ! އަހަރެން ޤަބޫލުކުރަން އަހަރެން މިހިސާބަށް މިގެނައީ އަހަރެންގެ މައިންބަފައިންކަން.. އެހެންވީމަ... އެކަމުގެ ބަދަލެއްގެ ގޮތުން އަހަންނަށް ކުރިމަތިމިކުރުވީ ކޮންކަހަލަ އިމްތިޙާނެއްތަ؟ "

ޔަޝްމީގެ ވާހަކައިން ފާއިޒާގާތަށް ރުޅި އައެވެ. ނަމަވެސް އޭނާ އެއްޗެއް ނުބުނެ ކެތްކޮށްލީ ހާރޫން އެތަނުގައި ހުރީމައެވެ.

" ތިހެން ނުބުނޭ ޔަޝްމީ! އަހަންނާ ކައިވެނި ކުރުމަކުން ޔަޝްމީ މާޔޫސް ވާކަށް ނުޖެހޭނެ!"

ހާރޫން އެހެން ބުނުމާއިއެކު ޔަޝްމީ ބާރުބާރަށް ދުއްވައިގަތެވެ. ޔަޝްމީ ދުވެފައި ދާތަން ބަލަން އެންމެންނަށްވެސް ތިބެވުނީއެވެ. އިސާހިތަކު ފާއިޒާވެސް އެތަނުން ނިކުމެގެން ދިޔައެވެ.

" ދުވަސްކޮޅަކުން ހަމައަކަށް އެޅިދާނެ! އޭނަ އެއްބަސްވީ ވަގުތު ހާރޫން އަވަހަށް ކައިވެނި ކުރަންވީނު! މިވަގުތު ބައްޕަގެ ޙާލަތު ހުރިގޮތުން ޔަޝްމީ އެހާ އަވަހަށް އެއްބަސްވީ! އަދި އެނގޭތަ ހާރޫންއަށް ތި އާދެވުނީ ބަރާބަރު ގަޑިޔަށް. ކައިވެންޏަށް އެއްބަސް ނުވެގެން މަންމަ އެފަކީރަށް އަނިޔާ ފަށެއްކުރި.. އަވަހަށް އެކޮއި ގެންދޭ މިތަނުން..."

ޝާހާނާ ވާހަކަ ދައްކަން ފެށުމުން ހާރޫން ދިޔައީ ސިހިގެންނެވެ. އަދި އޭނާގެ ވާހަކަތަކަށް ހާރޫންއަށް ފުންކޮށް ވިސްނާލެވުނެވެ.

" އަހަރެން ދާނީ ޔަޝްމީ ގޮވައިގެން.."

ހަރުކަށި ގޮތަކަށް އެހެން ބުނެލުމަށްފަހު ހާރޫން ބާރުބާރަށް ނިކުތެވެ. ދެލޯބޮޑުވެގެން ގޮސް ޝަހާނާއަށް ހިނިތުންވެވުނީ ދާދި އަވަހަށެވެ. ވީ އުފަލުން އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ.

" އާހް! ޖާވިދޫ.... ކޮބައިބާ މަގޭ ޖާވިދް؟ އަވަހަށް މާލެ ބަދަލުވާންވީއޭ ދެން.."

ހިތާހިތާ ވާހަކަ ދައްކަމުން ޝަހާނާވެސް ގެއާއި ދިމާލަށް އަވަހަށް ހިނގައިގަތެވެ.

***

" ބަ...ބައްޕާ! "

ބިއްދަށަށް އެނބުރި އޮތް ޝާކިރަށް ލޯ ހުޅުވާލެވުނީ ޔަޝްމީގެ އަޑުންނެވެ. ނަމަވެސް ބަލައިނުލާ އޭނާ ހަމަ އޮތީއެވެ.

" ބައްޕަ ދެރަކުރެވުނީތީ އަހަންނަށް މަޢާފްކުރޭ! އަހަންނަކީ އެހާ ރަޙުމު ކުޑަ ދަރިއެއް ނޫން.. ނުކިޔަމަންތެރި ދަރިއެއްވެސް ނޫން.. ބައްޕަ މިއަދު ކީ އެއްޗެހި ހިތުން ނުފިލަައިގެން އަހަރެން މިއައީ... އަހަންނަށް މަޢާފްކުރޭ ބައްޕާ!"

ޔަޝްމީ ރޮއިގަތެވެ. އެއާއިއެކު ޝާކިރު އަވަސް އަވަހަށް ތެދުވިއެވެ. އަދި ޔަޝްމީގެ އަތުގައި ހިފައި ގެނެސް އެނދުމަތީގައި ބޭންދިއެވެ.

" އަހަރެން އޭނައާ އިންނަން ރުހެން! އަހަރެން އެކަން މިކުރަނީ މަންމައާއި ބައްޕައަށްޓަކައި...."

ޝާކިރުގެ ކޮނޑުގައި ބޯ ޖައްސާލަމުން ޔަޝްމީ ބުންޏެވެ. އެއާއިއެކު ޝާކިރު ޔަޝްމީގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.

" ދަރިފުޅުމެންނަށް އަދި ދިރިއުޅުމެއް ނޭނގޭނެ! ހާރޫންއަކީ ވަރަށް ޒިންމާދާރު މީހެއް.. ވިސްނުންތޫނު ކެރޭ މީހެއް.. ރަށުގައި މިއުޅޭ ލަޓޯފަޓޯ މީހަކާ އިނުމަށްވުރެ އޭނަޔާ އިނުން މާ ރަނގަޅުވާނެ. އަނެއްކޮޅުން އަންހެން ކުއްޖާގެ އާއިލާއާއިމެދު ވިސްނާނީ ވަރަށްވެސް އޯގާތެރިމީހަކަށްވީމަ. އޭނަ މިހާރުވެސް ބައްޕަމެންނާމެދު ކިހާ ވިސްނާ.. ހާރޫންވެދިން އެހީތެރިކަން ޖާވިދަށްވެސް ބައްޕަމެންނަށް ނުވެވޭނެ.. އެއީ ގައިމު އަހަރެންގެ އުފަން ދަރިއެއް.. ލާރި ހުއްޓަސް ނުވާނެ.."

ޝާކިރު މަސައްކަތްކުރަމުން ދިޔައީ ޔަޝްމީއަށް ވިސްނައިދިނުމަށެވެ. ޝާކިރުގެ ވާހަކަތައް އަޑުއަހަން އިން ޔަޝްމީ ބަހެއް ބުނުމެއްނެތި މަޑުމަޑުން އިނެވެ.

" ބައްޕަ އަބަދުވެސް ހަނދާން ބަހައްޓައްޗޭ އަހަރެން މިވަނީ ވަރަށް ބޮޑު ޤުރުބާނީއެއްކަން..""

ޅަ އަޑަކުން ޔަޝްމީ އެހެން ބުނެލި އިރު އޭނާއަށް ރޮވެނީއެވެ. އެހެންކަމުން އިތުރަށް މަޑުކުރުމެއްނެތި ޔަޝްމީ ތެދުވެގެން ދުއްވައިގަތެވެ. ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަތްއިރު ޖާވިދް ހުރީ ދުރުގައި ބަލަހައްޓައިގެންނެވެ.

" އަހަރެމެންނަށް މި ކުރެވެނީ ރަނގަޅު ކަމެއްބާ؟"

އަވަސް އަވަހަށް ކޮޓަރިއަށްވަދެ، އެނދުމަތީގައި އޮތް ޝަހާނާގާތު ޖާވިދް ބުނެލިއެވެ. އެއާއިއެކު ޝަހާނާގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ.

" ސުވާލު އުފައްދާނެ ވަރަކަށް އުފައްދަންވީ! މާދަމާ ހެނދުނު ހާރޫން ފުރާނެ.. ޔަޝްމީ އެކައިވެންޏަށް ރުހެންޏާ އޭނައާއެކު މާލެވެސް ދާންޖެހޭނެ. ދެން ޖާވިދްވެސް ވެއްޖެއެއްނު ކޮންމެވެސް އެކައްޗެއް ކިޔަން.."

އެންމެފަހުން ޝަހާނާގާތަށް ރުޅި އަތުވެއްޖެއެވެ.

" އަހަންނެއް ނޫޅެމޭ ކޮއްކޮ ހާރޫންއާ ނީނދެގެންނެއް.. ތި އެންމެން އުޅެނީ އެކަން ނުވެގެން.. އަހަރެން މި ހުންނަނީ އާނހޫން ކިޔަން.. އޭނަ އެއްބަސްވީ މަންމަމެންނަށްޓަކައި! "

ޖާވިދް ހުރީ ނުހަނު ހިތްހަމަ ނުޖެހިފައެވެ. އެކަން އެނގުމުން ޝަހާނާ ކުޑަކޮށް ހަމަޖެހިލިއެވެ. މިވަގުތު ޖާވިދް މާބޮޑަށް ރުޅި އަރުވާލެވިއްޖެނަމަ ކަންތައް ގޯސްވެދާނެހެން އޭނާއަށް ހީވީއެވެ.

" ދެން ތިކަހަލަ ވާހަކަ ނުދައްކާ! ޔަޝްމީވެސް މިހާރު އެއްބަސް ވެއްޖެ! ހާރޫންއަކީ ގޯސް މީހެއް ނޫނެއްނު... ކޮންމެވެސް ވަރަކަށް ފޯރާ މީހެއް.. ބަލައިލަން ހުތުރު މީހެއްނޫން.. ޔަޝްމީދެކެ އެހާ ލޯބިވޭ.. ދެން ކޮންކަމަކާ ހާސްވާންވީ! ދެން އަހަރެމެން ވިސްނަންވީ އެހެން ކަމަކާއޭ! "

ޝަހާނާ އައިސް ޖާވިދްގެ ގައިގައި ފަހަތުން ބައްދާލިއެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (15)

ސިލްސިލާ ވާހަކަ: ޝިކާޔަތު (15)

(ނިމުނީ)