ބޮޑު ޢީދު ވިލޭރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެފައިވާ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް ފަރުވާއަށް ބޭރަށް ގެންދިޔުމުގެ މަސައްކަތް ޢާއިލާއިން ފަށައިފިއެވެ.
ހަފީޒަކީ ޤައުމީ ޔުނިވާސިޓީގައި ގައުމު ބިނާ ކުރުމަށް ދަރިވަރުންނަށް އުނގަންނައިދިނުމުގައި 18 އަހަރު ޤައުމީ ޚިދުމަތުގައި ހުންނެވި ބޭފުޅެކެވެ.
ބޮޑު ޢީދު ވިލޭރޭ ފަތިސް ނަމާދަށްފަހު، މަޖީދީމަގު ރެޑްވޭވް ހިސާބުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ހަފީޒުގެ ގައިގާޖެހި ހިނގި އެކްސިޑެންޓްގައި އޭނާ އަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.
ރާއްޖެއިން ބޭރަށް ހަފީޒަށް ފަރުވާ ދިނުމަށް އޭނާ ބޭރަށް ގެންދިޔުމަށް ޢާއިލާއިން މަސައްކަތް ފަށާފައިވާއިރު ހެޔޮއެދޭ ފަރާތްތަކުން އަންނަނީ އެކަމުގައި އެހީތެރިވުމަށް މާލީ އެހީ ހޯދުމަށް ކެމްޕޭނެއް ހިންގަމުންނެވެ.
އޭނާގެ ހާލު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ގެންދެވެން ނެތުމުން އެއާ އެންބިއުލެންސެއްގައި އޭނާ ބޭރަށް ގެންވޭތޯ ޢާއިލާއިން މަސައްކަތް ކުރަމުން އަންނަކަމަށް ހަފީޒަށް ހެޔޮއެދޭފަރާތްތަކުން ކުރަމުންދާ ކެމްޕޭންގައި ދައުރުކުރާ ޕޯސްޓްގައި ބުނެފަވެއެވެ.
ގައުމީ ޚިދުމަތްތެރިޔާ، އެތައް ސަތޭކަ ދަރިވަރުންގެ އެދުރެއް ކަމަށްވާ ހަފީޒަށް އަވަސް ޝިފާއަކަށް އެދި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ހެޔޮދުޢާތައް ފޮނުވަމުންނެވެ.
ހަފީޒްގެ ގައިގާ ޖެހުނު ސައިކަލް ދުއްވަން އިންޒުވާނާ މިއަދު ވަނީ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!