ވަކިވަކި ނޫސްވެރިންގެ އަގު ވައްޓާލައި ސާބިތު ނުހިފޭ ތުހުމަތު ކުރާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ކައުންސިލުން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ ސިޔާސީ ބައެއް ފަރާތްތަކުން މި ފަހަކަށް އައިސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވަކިވަކި ނޫސްވެރިންނަށާއި ނޫސް އެޖެންސީތަކަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރަމުންދާތީ ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ނޫސް ބަޔާނުގައި ބުނީ ނޫސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކި ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާއި އިންޒާރުތަކާއި އެނޫން ވެސް ގޮންޖެހުންތަކުގެ ޝަކުވާ ލިބެމުން އަންނަކަމަށެވެ. އަދި މިހާރަކަށް އައިސް އެންމެ ބޮޑު އެއް ޝަކުވާއަކީ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ވަރަށް ފާޅުގައި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމްތައް އަޅުވަމުންދާ މައްސަލަ ކަމަށެވެ.
"ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް ވާއިރު، ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ސާބިތު ނުހިފޭ ތުހުމަތުތައް ކުރުމާއި ކްރެޑިބަލް ނޫސްވެރިންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ވެސް އޭގެ ސަބަބުން ގެއްލުން ލިބޭ ކަމެކެވެ." އެމްއެމްސީ ގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން މިފަދަ ގޮތަކަށް ވަކިވަކި ނޫސްވެރިންގެ އަގު ވައްޓާލައި، ސާބިތު ނުހިފޭ ތުހުމަތު ކުރުމަކީ މީޑިއާގެ މިނިވަންކަމަށް ވެސް އެޅިގެން ދާ ވަރަށް ބޮޑު ހުރަހެއް ކަމަށާއި އެއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖަ އިތުރަށް ދަށަށް ގޮސްދާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެމްއެމްސީގެ ބަޔާނުގައި އިތުރަށް ބުނީ ސަރުކާރާއި އެހެނިހެން ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ވެސް މީގެ ސަބަބުން ހުރަސްތަކެއް އެޅިގެންދާ ކަމަށް އެ ކައުންސިލުން ދެކޭ ކަމަށާއި އެހެންކަމުން ވަކިވަކި ނޫސްވެރިންނާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ނޫސްވެރިންނަށް ފުރައްސާރަކޮށް ތުހުމަތު ކުރުން ހުއްޓާލަން އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
މީޑިއާ ކައުންސިލުން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން ވެސް ނޫސްވެރިކަމުގެ މަސައްކަތްކުރައްވާއިރު، ގާނޫނާއި ގަވާއިދުތަކާއި "ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު" އާއި އުސޫލުތަކުގެ ތެރެއިން، ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް ވެސް ހަނދުމަކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!