މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު މީހެއްގެ ގައިގާ ސައިކަލަކުންޖެހި މާލޭގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.

މި ހާދިސާގައި އެކްސިޑެންޓްވެ ސީރިއަސް އަނިޔާވެފައި ވަނީ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އެއްގެ މަގާމުގައި ހުންނެވި އަލީ ހަފީޒަށެވެ.

Ad
rt

ޖޫން 27 ވަނަ ދުވަހުގެ ރޭ މަޖީދީމަގު ރެޑްވޭވް ހިސާބުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ހަފީޒުގެ ގައިގާޖެހި ހިނގި މި އެކްސިޑެންޓްގައި ސައިކަލު ދުއްވާފައިވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. އޭނާ އަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެ ޒުވާނާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި އެކްސިޑެންޓުގައި ހަފީޒްގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު، މިވަގުތު ވެސް އޭނާއަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ހަފީޒަށް އަވަސް ޝިފާއަކަށް އެދި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ހެޔޮދުޢާތައް ފޮނުވަމުންނެވެ.