" ތިއެއް ނޫނެއްނު މައުޟޫއަކީ! ތިހެން ވާހަކަ ދައްކާއިރުވެސް ޖާވިދަށް އެނގޭނެ އަހަންނަށް ޖާވިދް ނޫން އިތުރު އެއްވެސް މީހަކު ބޭނުމެއް ނުވާނެކަން! ދެން ތިޝަކުވާ ނުކޮށް، މި ވާހަކައަށް އެއްޗެއް ކިޔާބަަލަ! އެދެމީހުންގެ ކޮންމެވެސް ގުޅުމެއް އޮވޭ! އަހަންނަށް ހަމަ ޔަޤީން"
ޝަހާނާ ބުންޏެވެ. ޖާވިދް އަދިވެސް ޝަހާނާއަށް ބަލަމުންދަނީ ފާޑަކަށް ހުރެއެވެ.
" ތިޔަ ކަަމަކީ ހިިނގާ ކަމެއްނަަމަ އެކަން ހުއްޓުވަން ޖެހޭނެ! ތިއީ ވާނެ ކަމެއް ނޫން.. "
ޖާވިދް އަޑަށް ބާރުލައިފައި ބުނެލިއެވެ. އެއާއިއެކު ޝަހާނާ ދެފަރާތަށް ބޯ ހޫލާމުން އައިސް ޖާވިދްގެ އަތުގައި ހިފާލިއެވެ.
" ކީއްވެ އެކަން ނުވާންވީ؟ އެއީ ހަމަ ވަރަށް ރަނގަޅު ކަމެއް. އަހަރެންގެ ނަޒަރުގައި އެއީ އެއްވެސް މައްސަލައެއް ނޫން. "
" ޝަހާ ތިޔަހެން ތިބުނަނީ ހަަމަހޭގައި ހުރެފައިތަ؟ މަގޭ ކޮއްކޮއަކީ އަދި ކުޑަކުޑަ ކުއްޖެކޭ! މާދަމާ އަހަރެން ޔަޝްމީގާތު އަހާނަން"
ޖާވިދް އެނދުގައި އޮށޯވެލިއެވެ. އޭރުވެސް ޝަހާނާ އިނީ އިށީނދެގެންނެވެ.
" އަހަރެން މި ދައްކާ ވާހަކަ ނިކަން ކަނުލާ އަޑުއަހާބަލަ! ހަަމަ ޖާވިދްގެ ފައިދާއަށްދޯ އަހަރެން ވާހަކަ ދައްކާނީ! ޖާވިދް ބޭނުންވަނީ މާލެ ބަދަލުވާކަށްނު! ހާރޫންއަކީވެސް މާލޭ މީހެއްނު! އަހަރެން މި ހިތަށް އަރަނީ އެދެމީހުން ގުޅުނިއްޔާ ހުރިހާ މޮޅެއްވެސް ލިބޭނީ ހަމަ ޖާވިދަށޭ! "
ޝަހާނާ ހިނިތުންވެ އިނދެ އެހެން ބުނުމާއިއެކު ޖާވިދް ނުވިސްނޭފަދަ ގޮތަކަށް ޝަހާނާއަށް ބަލަންފެށިއެވެ.
" މިހެން ބުނީމަވެސް ހަމަ ނޭނގުނުތަ؟ "
ދެފަރާތަށް ބޯ ހޫރާލަމުން ޝަހާނާ ތެދުވެ ކުރިއަށް ހިނގައިގަތެވެ.
" ވިސްނަބަލަ ޖާވިދޫ! އަހަރެމެންނަށް މާލެ ބަދަލުވުމުގެ އެންމެ ބޮޑު ހުރަހަކީވެސް ޔަޝްމީ! ބައްޕަ ބޭނުންވަނީ ޔަޝްމީވެސް މާލޭގައި އުޅެން.. އަހަރެމެންނަށް ކިހިނެއް އެނގެނީ ޔަޝްމީ ރައްޓެހިވާނީ ކިހާ ފެންވަރެއްގެ މީހަކާ ކަމެއް؟ މާލޭ މީހަކު ލިބުނިއްޔާ ގައިމުވެސް އަހަރެމެން ނުޖެހޭނެތާ ޔަޝްމީ ގެންގުޅޭކަށް."
ޝަހާނާ ވަގުވަގަށް ޖާވިދްއަށް ބަލައިލިއެވެ. އޭރު ޖާވިދްވެސް އިނީ ވަރަށް ފުން ވިސްނުމެއްގައިކަން އޭނާއަށް ފާހަގަ ކުރެވުނެވެ.
" ހާރޫން އިންނަން ހުރިއްޔާ އެކަމާ އުޅެންވީނު! އޭރުން ކިހާ ބޮޑު ބޮލުގައި ރިހުމެއް އެ ލުއިވީ! އަނެއްކޮޅުން ބައްޕަމެންނަށް ލިބޭ އެއްޗެއްވެސް އޭނަގެ ކިޔެވުމަށް ޚަރަދުކޮށްލަކޮށްލާ ދެން ތިބެން ޖެހޭނީ! ދުވަހަކުވެސް އަހަރެމެންނަށް މާލެ ދެވޭނެ ގޮތެއް ނުވާނެ. އަޅެ ޖާވިދް މިކަމާއި އެބަ ވިސްނަންތަ؟ "
ބާރުބާރަށް އައިސް ޝަހާނާ އެނދުގެ މަގަތުގައި އިށީންނަމުން އާދޭހުގެ ރާގަކަށް ބުނެލިއެވެ. އެއާއިއެކު ޖާވިދް ބޯޖަހާލިއެވެ.
" ހޫމް.. މިހާރު ތި ކިޔާ އެއްޗެއް އަހަންނަށް އެނގިއްޖޭ! އަހަރެން ވިސްނާލަން ވަގުތުކޮޅެއްވެސް ބޭނުންވާނެދޯ! "
ޝަހާނާގެ ރޭވުންގަނޑު ޖާވިދްގެ ސިކުނޑިއަށް ރަނގަޅަސް ވައްދައިލެވުނުކަން އެނގުމުން އޭނާ ހިތްހަމަޖެހުނެވެ. އެހެންކަމުން އިތުރަށް ޖާވިދްއަށް އުނދަގޫ ކުރާކަށް ބޭނުމެއް ނުވިއެވެ.
***
ހެނދުނުހެނދުނާ ޔަޝްމީ ބޭރަށް ނިކުތީ އެއްޗެހި ދޮންނާށެވެ. އޭރު ފާއިޒާ ބޭރުގައި އުޅެއެވެ. ޔަޝްމީ ފެނުމާއިއެކު ފާއިޒާ ބުންޏެވެ.
" ދަރިފުޅު ދޭބަލަ ހާރޫންގެ އެއްޗެހި ނަގަން ދޮންނަން"
ހާރޫންގެ ނަން ބުނުމާއިއެކު ޔަޝްމީގެ ހިތް ނުތަނަވަސްވެގެން ދިޔައެވެ. ރޭގައި އޭނާ ޔަޝްމީގެ އަތުގައި ހިފެހެއްޓި ހަނދާންވުމާއިއެކު ޔަޝްމީއަށް ހިތްހަމަ ނުޖެހެވުނެވެ.
" މަންމަދޭ! އަހަންނަކަށް ނުކެރޭނެ"
މޫނު ހަދާލަމުން ޔަޝްމީ ބުންޏެވެ.
" ދެން ކަލޭނެ! ނުކެރެންވީ ސަބަބެއް ނޭނގެ. ޓަކި ޖަހާލަބަލަ.. ގޮސް ބުނޭ ދާ އެއްޗެހިދޭށޭ. "
ތަންކޮޅެއް ހަރު އަޑުން ފާއިޒާ އެހެން ބުނުމުން ޔަޝްމީއަށް ތުން އަނބުރާލެވުނެވެ. އޭނާގެ އަތުގައި ބޮނޑިކޮށްލާފައި ހުރި ދާއަންނައުނުތައް ޖޯއްޔަށް އަޅާލުމަށްފަހު ޔަޝްމީ އެނބުރި ގެއަށް ވަންނަން ހިނގައިގަތެވެ.
" ވަރަށް ފޫހިވާ މީހެއް! އަހަރެންގެ އަތް ކެނޑުނީމަ އައިސް އަތުގައި ހިފަންޖެހޭނެތަ؟ "
ކުދިކިޔަމުން ގޮސް ޔަޝްމީ ހުއްޓުނީ ހާރޫންގެ ކޮޓަރި ދޮރުމަތީގައެވެ. އެއާއިއެކު ހާރޫން ދޮރު ހުޅުވާލުމުން ޔަޝްމީ ދިޔައީ ސިހިގެންނެވެ.
" ދާއެއްޗެހި.... ދާއެއްޗެހި.."
ކުއްލިއަކަށް ހާރޫން ފެނުމާއިއެކު ޔަޝްމީއަށް ބުނެވުނީ ހަމައެކަނި އެވަރަށެވެ. ފެންނަ ފެނުމަށް ހާރޫން އެ ނިކުތީ ބޭރަށް ދާށެވެ. އެކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު ހިތްފުރޭ ކަހަލަ މީރު ވަސްގަނޑެއް މުޅި ގޭތެރެއަށް ފެތުރިގަތެވެ.
" ދާއެއްޗެހި؟ "
ހާރޫންއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
" މަންމަ ބުނެގެން.. ދާއެއްޗެހި ދޭށޯ ދޮންނަން"
ޔަޝްމީ ވާހަކަ ދެއްކީ ދުރަށް ބަލަހައްޓައިގެން ހުރެއެވެ. އޭނާ އެހެން ބުނުމުން ހާރޫން އެއްމިޔަކަނުން ހީލިއެވެ.
" އަދި މާ ގިނަ އެއްޗެއްސެއް ދޮންނާކަށް ނުހުންނާނެޔޭ ބުނޭ! "
ހާރޫން އެހެން ބުނުމުން ޔަޝްމީ އެއްޗެއް ނުބުނެ ހިނގައިގަތެވެ.
" ހޭ! މަޑުކޮށްބަލަ! "
ހާރޫން ގޮވާލުމުން ޔަޝްމީއަށް އަނެއްކާވެސް ސިހުން ލިބުނެވެ. އެހެންކަމުން ހުއްޓުމަށްފަހު، ހައިރާންވެފައި އެނބުރި ހާރޫންގެ މޫނަށް ބަލައިލިއެވެ.
" މިހާރު އަތް ކެނޑުނުތައް ރަނގަޅުތަ؟ "
ބޫޓަށް ފައި ކޮއްޕާލަމުން ހާރޫން އެހިއެވެ. އެއާއިއެކު ޔަޝްމީ ބޯ ޖަހާލިއެވެ.
" ދެންވެސް ވަޅި ގެންގުޅޭއިރު ބަލައިގެން ގެންގުޅެއްޗޭ! "
ހާރޫންއަށް އެހެން ބުނެލި އަޑު ކޮޓަރި ތެރެއިން ނިކުތް ޖާވިދަށް ރީތިކޮށް އިވުނެވެ. އެވަގުތު އޭނާގެ މެޔަށް ހީވީ ފެން އެއްޗެއް އޮއްސާލި ހެންނެވެ. ޝަހާނާ ދެއްކި ވާހަކަތައް އޭނާއަށް ޤަބޫލު ކުރެވުނީވެސް އަދި ކިރިޔާއެވެ. ޖާވިދްގެ މޫނުމަތިން އޭރު ފެންނަމުންދަނީ ނުތަނަވަސްކަމެވެ. ޖާވިދް ނިކުތްތަން ފެނުމާއިއެކު ޔަޝްމީ ބާރުބާރަށް ނިކުމެގެން ދިޔައެވެ. ނަމަވެސް އޭރުވެސް ހާރޫން ހުރީ އޭނާގެ ކޮޓަރި ދޮރުމަތީގައެވެ.
" އަނހަ! ޖާވިދް! މިއަދު އޮފީހަށް ނުދަނީތަ؟ "
ހިނިތުންވެފައި ހާރޫން އަހާލިއެވެ. އެއާއިއެކު ޖާވިދްއަށް ހިނިތުންވެލެވުނީ ގަދަކަމުންނެވެ. ހިތަށް ލިބުނު ހަމަނުޖެހުމަކުން އޭނާއަށް ވަރުބަލިކަންވެސް އިޙްސާސްކުރެވެން ފެށިއެވެ.
" ހާރޫން.! ތިދަނީ އެ ސައިޓަށް ދާންތަ؟ "
ޖާވިދް އަހާލިއެވެ. އެއާއިއެކު ހާރޫން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
" ފްރީ ވީމަ އަހަންނަށް ވަގުތުކޮޅެއް ދީބަލަ! ކުޑަ ވާހަކައެއް ދައްކާލަން.. ކުޑައެއްނޫން.. އަސްލު ވަރަށް ބޮޑު ވާހަކައެއް"
ޖާވިދް އެހެން ބުނުމުން ހާރޫންއަށް ހުރެވުނީ ހައިރާންވެފައެވެ. ޖާވިދަށް ބަލަހައްޓައިގެން ހުރެ އޭނާ ކުރިއަށް ހިނގައިގަތެވެ.
" އެންމެ ރަނގަޅު! އަހަރެން އަންނާނަން ފްރީ ވީމަ ގެއަށް."
" ނޫނޭ! ގެޔަކު ނޫން. ކޮންމެވެސް އެހެން ތަނެއްގައި.. އަހަރެންގެ ނަންބަރު އެނގެއެއްނު. ނިންމާފަ ގުޅާލާ! އޭރުން އަހަރެން ދާނަން މިސްކިތް ސައިޓަށް"
ޖާވިދް ބޭނުންވާ ގޮތަށް ރުހެމުން ހާރޫން ބޭރަށް ނިކުތެވެ. އެއާއިއެކު ގަސްދޮށުގައި ހުރި ޖޯލީގައި އޮތް ޔަޝްމީ އޭނާއަށް ފެނުނެވެ. ހާރޫން ފެނުމުން ޔަޝްމީގެ މޫނުމަތީގައި ނުތަނަވަސްކަމެއް ހުންނަކަން ހާރޫންއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ހާރޫންއަށްވެސް އެކަމުގެ ސަބަބުން އުނދަގޫ ވާންފެށިއެވެ. އަތުގައި އޮތް އަވި އައިނު އަޅާލަމުން އޭނާ ވަށައިގެން ބަލައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ހާރޫން ޔަޝްމީއާއި ދިމާލަށް ހިނގައިގަތެވެ. ހާރޫން އަންނަ މަންޒަރު ފެނި ޔަޝްމީއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. ހާރޫން އައިގޮތަށް އައިސް ޔަޝްމީގެ ކުރިމަތީގައި ހުއްޓި، ދެޖީބަށް އަތް ޖަހާލައި ހަށިގަނޑު ތެދުކޮށްލިއެވެ.
" އަހަރެންދެކެ އެއްވެސް ކަމަކާ ރުޅި އައިސްފައިތަ؟ "
ބޮޑު ފިރެހެނަކު އައިސް އެހާ ލޯބިން އަހާލުމުން ޔަޝްމީ އިތުރަށް ނުރުހުނެވެ. އެހެންކަމުން މޫނުމަތި އިތުރަށް ފުސްކޮށްލަމުން އޭނާ ބަލައިލީ ދުރަށެވެ.
" އަނެއްކާ... ރޭގައި އަހަންނަށް ޔަޝްމީގެ އަތުގައި ހިފުނީމަތަ؟ "
ހާރޫން އަހާލިއެވެ. އެއާއިއެކު ޔަޝްމީ އޭނާގެ މޫނަށް ބަލައިލިއެވެ. އަދި މަލާމާތުގެ ގޮތަކަށް ހީލަމުން، ހިތްހަމަ ނުޖެހޭ ރާގަކަށް ޔަޝްމީ ބުނެލިއެވެ.
" އަތުގައި ހިފުނީއެއް ނޫނެއްނު! ހިފީއެއްނު. ގަސްތުގައި ހިފީ! "
" ނޫނޭ! އަތް ކެނޑިގެން ލޭ އަންނަތަން ފެނުނީމަ އަހަންނަށް ދެވުނީ.. އެފަދަ ޙާލަތެއްގައި ޔަޝްމީގެ މަޤާމުގައި ޔަޝްމީގެ މަންމަ ހުރި ނަމަވެސް އަހަރެން ކަންތައްކުރާނީ އެގޮތަށް.."
ހާރޫން ވާހަކަ ދެއްކީ މަޑުމައިތިރިކަމާއިއެކުއެވެ. ނަމަވެސް އޭރުވެސް ޔަޝްމީ އިނީ ފުސްމޫނު ހަދައިގެންނެވެ.
" އަހަރެން ވަރަށް ދެރަވެއްޖެ އަހަރެންގެ ފަރާތުން ޔަޝްމީއަށް އުނދަގުލެއްވީމަ.."
ހާރޫން އެހެން ބުނުމުންވެސް ޔަޝްމީ އެއްވެސް އެއްޗެއް ނުބުންޏެވެ. ހަމަ އެއިން ގޮތަށް އޭނާ އިނީއެވެ. ފުންނަޒަރަކުން ހާރޫން ޔަޝްމީއަށް ބަލައިލުމަށްފަހު ހިނގައިގަތީ އިތުރަށް އެތަނުގައި ހުންނަން ބޭނުން ނުވެގެންނެވެ.
****
ހޫނު ގަދަކަމުން ހާރޫން މަޑުކޮށްލީ ހިރުނދު ގަހެއްގެ ދޮށުގައެވެ. އޭރު މިސްކިތް އަޅަން އޮތް، ބިން ސާފުކުރުމުގައި ގިނަ ޢަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުންދެއެވެ. އަތުގައި އޮތް ކުޑަ ފެން ފުޅިން އިރުއިރުކޮޅުން ފެން ފޮދެއް ބޮމުން ދިޔައިރުގައިވެސް އޭނާއަށް ކުރިމަތިން ސިފަވަމުންދަނީ ޔަޝްމީގެ ފުސްވެފައިވާ މޫނެވެ. އޭނާގެ ސަބަބުން މީހަކު ހިތްހަމަ ނުޖެހިފައި ހުރުމަކީ އެއްވެސް ޙާލެއްގައި ހާރޫން ބޭނުންވާ ގޮތެއް ނޫނެވެ. އެހެން ކަމުން އޭނާގެ ހިތަށް އުނދަގޫވަނީއެވެ. އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު އޭނާ އެނބުރި ހިނގައިގަތީ ގެއާއިދިމާލަށް ދިޔުމަށެވެ. ޔަޝްމީގެ ކިބައިން މަޢާފަށް އެދެން އޭނާ ނުހަނު ބޭނުން ވިއެވެ. އޭނާއާއިމެދު ޔަޝްމީ ދެކޭގޮތް ބަދަލު ވެއްޖެކަން އެނގުމުން އިންތިހާއަށް އޭނާ ދެރަވެސްވިއެވެ.
ބާރު ހިނގުމުގައިގޮސް ހާރޫންވަނީ ގެއަށެވެ. އޭރުވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮޓަރިއާއި ދިމާލަށް ހިނގައިގަތް އިރު އޭނާގެ ކޮޓަރި ދޮރުކައިރީގައި އަންހެން ފައިވާނެއް ހުއްޓެވެ. ހައިރާންވެފައިގޮސް މަޑުމަޑުން ކުޑަކުޑަކޮށް ދޮރު ހުޅުވާލިއިރު އެނދުގެ ބެޑްޝީޓް ބަދަލުކުރުމުގައި ޔަޝްމީ އުޅެއެވެ. އެމަންޒަރު ބަލަން އިރުކޮޅަކު ހާރޫން ހުރުމަށްފަހު އެތެރެއަށް ދެމިގަތެވެ. އެއަޑަށް ސިހިފައި ޔަޝްމީއަށް ފަހަތް ބަލައިލެވުނެވެ. ދޮރު ލައްޕާލުމަށްފަހު އޭރު ހާރޫން އޭނާއާއި ދިމާލަށް އާދެއެވެ. ހާރޫންގެ ނަޒަރުވެސް ހުއްޓިފައި ހުރީ ސީދާ ޔަޝްމީގެ ލޮލަށެވެ. ދެލޯ ބޮޑުކޮށްގެން ހުރެ ޔަޝްމީއަށް ފުންނޭވާތަކެއް ބޭރު ކުރެވެމުން ދިޔައީ ޖެހިލުންވެގެންނެވެ. ބާރުބާރަށް ހިނގާފައި އައިސް ހާރޫން ހުއްޓުނީ ސީދާ ޔަޝްމީގެ ކުރިމަތީގައެވެ.
" މަންމަ ބުނެގެން ބެޑްޝީޓް ބަދަލުކުރަނީ..."
ފަހަތަށް ޖެހިލަމުން ޔަޝްމީ ބުންޏެވެ. އެއާއިއެކު ހާރޫން ލުއި ގޮތަަކަށް ހީލަމުން ބޯ ޖަހާލިއެވެ.
" މި ކޮޓަރިން އެއްޗެއް ގެއްލިދާނެތީ އަހަރެން ބިރެއް ނުގަނެޔޭ! އެކަަމަކު އަހަރެން ބިރު ގަންނަ އެއްކަމެއް އެބައޮތް.."
ހާރޫންގެ މަޑުމޮޅި އަޑުން ޔަޝްމީއަށް އަނެއްކާވެސް ބަލައިލެވުނެވެ. އޭރުވެސް ހާރޫން ހުރީ ސީދާ އޭނާއަށް ބަލަހައްޓައިގެންނެވެ. އެހެންކަމުން ޔަޝްމީ އަނެއްކާވެސް ހިތްހަަމަ ނުޖެހޭގޮތް ދައްކާލިއެވެ.
" އަހަރެންދެކެ ރުޅި އައިސްފައި ހުންނާތީ އަހަރެން ވަރަށް ބިރުގަނޭ! އަހަންނަކީ ތިޔަ ހީކުރާ ޒާތުގެ މީހެއް ނޫން.. އެކި ކަންކަމުގައި އަހަރެން ވަރަށް ގިނައިން ދަތުރުކޮށް އުޅެން.. ދުވަހަކުވެސް އަހަރެންދެކެ މީހަކު ނުރުހޭފަދަ އެއްވެސް ކަމެއް އަހަންނެއް ނުކުރަން.. އެހެންވީމަ... އެހެންވީމަ ދެން ވީ ކަމެއްވީ! ޔަޝްމީ އަހަންނަށް މަޢާފްކުރާނަންތަ؟"
މަޑުމަޑުން ހާރޫން ވާހަކަ ދައްކަމުން ދިޔައެވެ. ޔަޝްމީ އެއްޗެއް ނުބުނެ ހުރުމުން އަނެއްކާވެސް އޭނާ ޖުމްލައެއް އިތުރުކޮށްލިއެވެ.
" އަހަރެން ވަރަށް ދެރަވެސްވޭ ޔަޝްމީ ރުޅިއައިސް ހުންނާތީ"
އެ ޖުމްލައިގައި އަސަރެއް އެކުލެވިގެންވާތީ ޔަޝްމީއަށް ބޭއިޙްތިޔާރުގައި ހާރޫންއަށް ބަލައިލެވުނެވެ. އެހިނދު އަވަސް އަވަހަށް ހާރޫން ދެބުމަ ހިއްލައިލީ މަޢާފް ކުރުމަށް އެދި އާދޭހާއިއެކުއެވެ.
" އަހަރެން އެއްވެސް މީހެއްދެކެ ރުޅި އެއް ނާދޭ! "
އެހެން ބުނުމަށްފަހު ޔަޝްމީ ބާރުބާރަށް ދޮރާއި ދިމާލަށް ހިނގައިގަތެވެ.
" ދެން މަޢާފް؟ "
ކުއްލިއަކަށް ޔަޝްމީއަށް ހުއްޓެން ޖެހުނީ ހާރޫންގެ އަޑުންނެވެ.
" އަހަރެން މަޢާފް ނުކޮށްގެން ތިހާ ބޮޑު މީހަކަށް އެހާ ވަރުވޭތަ؟ "
ރައްދުގައި ޔަޝްމީ އެހެން ބުނުމަށްފަހު ހިނގައިގަތެވެ. ހާރޫންގެ ހިތަށް އިތުރަށް އުނދަގޫވާން ފެށިއެވެ. އޭނާ މަޑުމަޑުން އެނދުގައި އިށީނދެ ދެއަތް ޖޯޑުކޮށް މޫނުގައި ޖައްސާލީ ނުތަނަވަސްކަން ފިލުވާލުމުގެ ބޭނުމުގައެވެ.
" ހާދަހާ އާދަޔާ ޚިލާފް އަންހެން ކުއްޖެކޭ! "
އޭނާއަށް ބުނެވުނެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: ޝިކާޔަތު (10)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!