މިއަހަރުގެ ބޮޑު ޢީދު ނަމާދު، ބޮޑު ތިލަދުންމަތީގެ ބައެއް ރަށްތަކުގައި ވެސް ބޮޑު ޖަމާއަތުގައި ކުރާގޮތައް ކުރާނެކަމަށް އެރަށްތަކުގެ ކައުންސިލުންތަކުން ހާމަކުރައްވައިފިއެވެ.

މާދަމާ އަކީ މިއަހަރުގެ އަޟްހާޢީދު (ބޮޑު ޢީދު) ދުވަހެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާދަމާގެ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާއިރު، ބޮޑު ތިލަދުން މަތީގެ ބައެއް ރަށްތަކުގައި ވެސް މާދަމާގެ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެއެވެ.

Ad
rt

މިދުވަސް ވަރަކީ ބޮޑު ތިލަދުންމައްޗަށް ވިއްސާރަ ދުވަސްވަރެއް ކަމުން ބައެއް ކައުންސިލުތަކުން ވަނީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރަން ވެސް ނިންމާފައެވެ.

ކުޅުދުއްފުށީ ސިޓީ

ކުޅުދުއްފުށީ ސިޓީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖެހިފައި ވަނީ އެ ސިޓީގެ ސްޓޭޑިއަމް ސަރަހައްދުގައެވެ. އިމާމުވެ ނަމާދު ކުރައްވާނީ އައްސައިޚް ރޫހުލް އަމީން ޢަބުދުﷲ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ކުޅުދުއްފުށީގެ އިތުރު 6 މިސްކިތެއްގައި ވެސް އީދު ނަމާދު ކުރާނެއެވެ. އެއީ މަސްޖިދުލް ހަޟާރާތު، މަސްޖިދުލް ހަސަނާތު، މަސްޖިދުލް ނޫރު، މަސްޖިދުލް ޖަމާއަތު، މަސްޖިދުލް ފިރުދައުސް، އަދި މަސްޖިދުލް މުޙައްމަދު އެވެ.

ދިއްދޫ

ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ އެރަށު ދެކުނު ފުޓްބޯޅަ ދަނޑުގައެވެ. އެރަށުގައި އީދު ނަމާދު ކުރަން ނިންމާފައި ވަނީ ބޮޑު ޖަމާއަތުގައި އެކަންޏެވެ. ނަމަވެސް ވިއްސާރަވެއްޖެނަމަ އެރަށުގައި ހުކުރުކުރާ 3 މިސްކިތުގައި އީދު ނަމާދުކުރާ ގޮތައް ވަނީ ހަމަޖައްސާފައެވެ.

ހޯރަފުށި

ހޯރަފުށީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން އޮންނާނީ އެރަށު އުތުރު ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.

އިހަވަންދޫ

އިހަވަންދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖައްސާފައި ވަނީ އެރަށު ޣާޒީ ދަނޑުގައެވެ. އެރަށުގައި އިމާމުވެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރައްވާނީ އައްސައިޚް ޢަބުދުﷲ ސަމީރު އެވެ. މީގެ އިތުރުން އެރަށުގެ މަސްޖިދުއް ތައުބާ ގައި ވެސް އީދު ނަމާދު ކުރާނެއެވެ. މޫސުން ގޯސްވެއްޖެނަމަ އެރަށުގެ ހުކުރުކުރާ ހަތަރު މިސްކިތުގައި ވެސް ޢީދު ނަމާދު ކުރާނެއެވެ.

ކެލާ

ކެލާގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނާނީ ކެލާ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. މޫސުން ގޯސްވެއްޖެނަމަ އީދު ނަމާދު ކުރާނީ އެރަށު މަސްޖިދުލް ޣުފްރާން އަދި އަންޞާރު ގައެވެ.

ވަށަފަރު

ވަށަފަރުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖައްސާފައި ވަނީ ވަށަފަރު ސްކޫލް ކުޅޭ ބިމުގައެވެ.

މޮޅަދޫ

މޮޅަދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ނިންމާފައި ވަނީ މޮޅަދޫ ސްކޫލްގައެވެ.

ފިއްލަދޫ

ފިއްލަދޫގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖައްސާފައި ވަނީ އެރަށު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ. އެރަށުގައި އިމާމުވެ އީދު ނަމާދު ކުރާނީ އިބްރާޙީމް ވަޙީދު އެވެ.

ނޮޅިވަރަމް

ނޮޅިވަރަމްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ނިންމާފައި ވަނީ އެރަށު ސްކޫލް ހޯލްގައެވެ.

ކުރިނބި

މޫސުން ތަންދޭނަމަ ކުރިނބީގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ހަމަޖައްސާފައި ވަނީ އެރަށު ފުޓްސަލް ދަނޑުގައެވެ.

ބިލެތްފަހި

މިރަށުގައި ވެސް އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ވަނީ ނިންމާފައެވެ.

ކަނޑިތީމު

ކަނޑިތީމުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ނިންމާފައި ވަނީ އެރަށު ބަނދަރު އިރުމަތި ހުސް ބިމުގައެވެ. އިމާމުވެ ނަމާދު ކުރައްވާނީ އައްސައިޚް ޢަލީ ޝާހިދު އެވެ. މޫސުން ތަން ނުދޭނަމަ އެރަށުގައި އީދު ނަމާދު ކުރާނީ ތައުބާ މިސްކިތުގައާއި، ނޫރު މިސްކިތުގައެވެ.

ފީވައް

ފީވަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަން ނިންމާފައި ވަނީ އެރަށު ފުޓްސަލް ދަނޑުގައެވެ. މޫސުން ތަންނުދޭނަމަ އެރަށުގައި ޢީދު ނަމާދު ކުރާނީ އެރަށު މަސްޖިދުލް ޖުމުޢަ ގައެވެ.

މާދަމާ އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:30 ގައެވެ.