ޓޫރިޒަމް މިނިސްޓަރަކަށް އަލީ ވަހީދު ހުއްޓާ ކުރީ އާދައިގެ ތުހުމަތެއް ނޫނެވެ. ކޮވިޑް ދުވަސްވަރު މާގިރި ހޮޓަލާއި އަދި ބައެއް ރިސޯޓްތަކުގައި މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާކޮށް އަދި ރޭޕްކުރަން އުޅުމުގެ ތުހުމަތުތަކެވެ. އަނިޔާލިބުނު މުވައްޒަފުންގެ ދުލުން އެ ވާހަކަ އައްސަވާފައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކީރިތި ކުރެއްވުނު ކަމަށް ބުނެ އެވެ. ވަގުތުން ވަގުތަށް އަލީ ވަހީދު މަގާމުން ވަކިކުރެއްވީ އޭނާ ކުރެން ހޭވެސް އެއްސެވުމެއް ނެތި މުވައްޒަފުންގެ ބަހަށް އިތުބާރު ކުރައްވައިގެންނެވެ.
އެ މައްސަލައަށް ތިން އަހަރުވީ ފަހުން އިއްޔެ ޕީޖީ އޮފީހުން ނެރުނު ބަޔާނަކުން ލިބުނީ ހައިރާން ކަމެކެވެ. އަނިޔާލިބުނު މީހުން އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނާތީ މުޅި މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް ފައިލް ކުރެވުނު ވާހަކަ އެވެ. ރާއްޖޭގެ ވަޒީރެއްގެ މައްޗަށް ފުރަތަމަ ތުހުމަތުކުރި ކުރި ރޭޕްގެ މައްސަލަ ވީ ޖަމަލު ފޮޑިއަކަށެވެ.
ޕީޖީ އޮފީހުން ބުނާގޮތުން އަނިޔާލިބުނު މީހުންގެ އިތުރުން އަލީ ވަހީދާ ދެކޮޅަށް ތަހުގީގަށް ބަޔާންދިން ހެކިވެރިން ވެސް ވަނީ ހެކިބަސް ދޭން ބޭނުންނުވާ ކަމަށް ބުނެ އެ އޮފީހާއި ޕޮލިހަށް ސިޓީ ފޮނުވައިފަ އެވެ.
ވީމާ އަލީ ވަހީދާ ދެކޮޅަށް ބަޔަކު އުފައްދައިގެން ފުލުހަށް މައްސަލަތަކެއް ހުށަހެޅީ ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. އެހެން ނަމަ މިއީ ސީރިއަސް ކަމެކެވެ. އަލީ ވަހީދުގެ މަގާމު ގެއްލުވާލައި މި ހުރިހާ ކަންތައްގަނޑެއް ހިނގީ އެ މީހުން ދެއްކި ވާހަކަތަކުންނެވެ.
މިއީ ސަރުކާރުން ކުޅޭ ކުޅިވަރެއް ކަމަށް ވެސް މިހާރު އަނެއް ބަޔަކު ތުހުމަތު ކުރެ އެވެ. އެއީ މި މައްސަލާގައި ކުރިން ސަރުކާރުގެ ބޮޑެތި ގޯސްތަކެއް ފެންނަ ހުރުމުންނެވެ. ރޭޕާއި ޖިންސީ ގޯނާގެ ތުހުމަތު ކުރެވި ދައުވާ ކޮށްފައި އޮތްއިރު އެހެން މައްސަލަތަކާ ހިލާފަށް އޭނާ ހައްޔަރު ނުކުރެ އެވެ.
ދެން ފެނުނީ ކޯޓުގައި މައްސަލަ އޮއްވާ އަލީ ވަހީދުގެ ބޭސްފަރުވާއަށް ބޭރަށް ފޮނުވަން ޖެހޭ ކަމަށް ބުނެ ރާއްޖޭގެ ނަން ހިނގާ މަޝްހޫރު ޑޮކްޓަރަކު ކޯޓަށް ވަޑައިގެން ހެކިބަސް ދެއްވުމުން ކޯޓުން ވަގުތުން ހުއްދަ ދިން މަންޒަރެވެ. މިއީ ސަރުކާރުން އަޑީގައި އޮވެގެން ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރި އެވެ.
އަލީ ވަހީދު ބޭރަށް ވަޑައިގަތުމުން ރައްޔިތުން ކެކިއަރައިގަތީމާ ޕީޖީ އޮފީހުން ހައި ކޯޓަށް ދިއުމުން ދައުލަތް އިތުރަށްވީ ބޭޒާރެވެ. ހައި ކޯޓުގައި ފުރަތަމަ ހާމަވީ އަލީ ވަހީދު ފުރަން ކޯޓުން ހުއްދަ ދިނުމުގެ ކުރިން އޭނާ ފުރައިވަޑައިގަތުމަށް އިމިގްރޭޝަނުން ހުއްދަ ދިން ކަމެވެ.
ދެން ހާމަވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓައިގެން އުޅުނު ކަމަށް ބުނެ ފުލުހުންނާއި ޕީޖީ އޮފީހުން ދެއްކީ މާ ކުރިން ކެންސަލް ކޮށްފައި އޮތް ޕާސްޕޯޓެއް ކަމެވެ. އެހެންވީމާ މިއީ މުޅި ދައުލަތް ބައިވެރިވެގެން ކުރުވި ކަމެއް ކަމަށް ތުހުމަތު ކުރުމުގެ ޖާގަ އެބައޮތެވެ.
ބޮޑު ތުހުމަތުތަކެއްކޮށް އަލީ ވަހީދުގެ މަގާމު ގެއްލި އަދި އޭނާއަށް ދައުވާ ކުރިތާ ތިން އަހަރު ފަހުން, ޖިންސީ ގޯނާ ލިބުނު މީހުން "ކުރިން ބުނި އެތި ކެންސަލޭ" ބުނީމާ މިކަން ނިންމާލެވިގެން ނުވާނެ އެވެ. އެއް ގޮތަކީ ބަޔަކު ދޮގު ތުހުމަތެއް އޭނާގެ ބޮލުގައި އެޅުވީ އެވެ. އެހެންނަމަ އެއީ ޖިނާއީ ކުށެކެވެ. އަނެއް ގޮތަކީ ސަރުކާރުން ނުފޫޒު ބޭނުންކޮށްގެން މައްސަލަ އޮއްބާލީ އެވެ. އެއީ ވެސް ހަމަ ކުށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!