އަމާޒަކީ ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ހެދުންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރޭ އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިޢާރަކީވެސް ޕްލާސްޓިކް ޕޮލިއުޝަނަށް ޙައްލު ހޯދުމާ ގުޅޭ ޝިޢާރެއް ކަމަށެވެ. އަދި ސިންގަލް ޔޫސްޑް ޕްލާސްޓިކްގެ ބާވަތްތަކަކީ، ތިމާވެށްޓަށާއި އިންސާނުންގެ ޞިއްޙަތަށްވެސް ނުރައްކާވާ އެއްޗެއްކަމުން، ސިންގަލް ޔޫސްޑް ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، އަދި ރާއްޖޭގައި ބޭނުންކުރުން މިހާރުވަނީ މަނާކޮށްފައިކަމަށެވެ.

މި ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން، އެއް އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް، 50 އިންސައްތަ މަދުވެއްޖެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ކުރިމަގުގައި ޕްލާސްޓިކްގެ އިތުރު އައިޓަމްތައް މަނާކުރުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންކަމަށެވެ.

''އަޅުގަނޑުގެ އަމާޒަކީ، ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ހެދުން. އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖް ނުކުރެވުމަކީ، ރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުން. ކުނި މެނޭޖް ކުރުމުގެ މައްސަލައަށް އަވަސް ޙައްލުތަކެއް ހޯދައިދިނުމަކީ، ސަރުކާރުގެ އެންމެބޮޑު އެއް އަމާޒު.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވިގޮތުގައި ސަރުކާރުގެ އަމާޒަކީ، ކޮންމެ ރަށެއްގައި، އެ ރަށަކާ އެކަށީގެންވާ ސައިޒުގެ ޒަމާނީ ކުނިކޮށްޓެއް ޤާއިމުކޮށް، އެ ތަންތަނަށް ބޭނުންވާ ވެހިކަލާއި، މެޝިނަރީއާއި، އާލާތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި ރަށު ފެންވަރުގައި މެނޭޖް ކުރެވޭ ކުނި، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމްކުރާ ސަރަޙައްދީ މަރުކަޒުތަކަށް ގެންގޮސް، ތަހުޒީބު މުޖުތަމަޢުތަކުގައި އެކަން ކުރާ އުޞޫލުން ކުނި މެނޭޖް ކުރުން ކަމަށެވެ.

''މިހާރު ކުރިއަށްގެންދާ އެކި މަޝްރޫޢުތަކުން މި އަމާޒަށް އަޅުގަނޑުމެންނަށް ވާސިލްވެވޭނެ.'' ރައީސްގެ ރޭގެ ވާހަކަފުޅުގައި ވިދާޅުވެފަވެއެވެ.