މުޅި ދުނިޔެއަށް ވެސް އަދި ދިވެހި ރާއްޖެއަށް ވެސް ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ޕްލާސްޓިކްގެ އުފެއްދުންތަކުން ތިމާވެށްޓަށް ލިބޭ ތަޣައްޔަރުވުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވާ ގޮތުގައި އިންސާނުން ދިރިއުޅެމުން އަންނަ ބިމުގެ ޤުދުރަތީ ސިފަތަކަށާއި އޭގެ މާޙައުލީ ނިޒާމަށް، އިންސާނީ ތާރީޚުގައި ވެސް ނުލިބޭ ފަދަ ގެއްލުންތަކެއް މިހާރު ދަނީ ލިބެމުންނެވެ. އަދި އެ ގެއްލުންތަކާ ގުޅިގެން ދުނިޔޭގެ މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން، އިންސާނުންނަށް ކުރިމަތިވާ ނުރައްކާތަކާއި ލިބޭ ގެއްލުންތައްވެސް ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.

އިންސާނުން ކުޅަ ޢަމަލުތަކެއްގެ ސަބަބުން ދުނިޔޭގެ ތިމާވެށި ހަލާކުވަމުން ދިއުމަކީ، އިންސާނުންގެ ދިރިތިބުމަށް ކުރިމަތިވާ ނުރައްކާތައްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވެފައި ވަނީ، އިންސާނުން ދިރިއުޅުމަށްޓަކައި ލައްވާފައިވާ މި ބިމުގެ ތިމާވެށި ޙިމާޔަތްކުރުމަކީ، ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފިޠުރީ ވާޖިބެއް ކަމަށެވެ. އަދި އެއީ އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.

''މުޅި ދުނިޔެއަށް ވެސް އަދި އަޅުގަނޑުމެންގެ ރާއްޖެއަށް ވެސް ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ޕްލާސްޓިކްގެ އުފެއްދުންތަކުން ތިމާވެށްޓަށް ލިބޭ ތަޣައްޔަރުކަމެވެ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، ޕްލާސްޓިކްގެ އުފެއްދުންތަކުން ރާއްޖޭގެ ކަނޑުތަކާއި ފަޅުތަކާއި ފަރުތަކަށް ލިބޭ ކޮންމެ ތަޣައްޔަރުކަމަކީ، ރާއްޖޭގެ އިޤްތިޞާދީ އެންމެހައި ޙަރަކާތްތަކަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމަކީވެސް، ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދީ ޙަރަކާތްތައް ކަމަށްވާއިރު، ޕްލާސްޓިކްގެ ސަބަބުން އަޅުގަނޑުމެންގެ މާޙައުލީ ނިޒާމު ތަޣައްޔަރުވިޔަ ނުދިނުމަށް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވީ، ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި މިއަދު އަޅުގަނޑުމެން ޢަމަލީ މަސައްކަތްތަކެއް ނުކޮށްފި ނަމަ، މާދަމާގެ ޖީލަށް އިރު ފެނުން ތޮޅިލާއިރު ވަގުތު ފާއިތުވެ، މި ބިމަކީ އިންސާނީ ދަރިފަސްކޮޅު ވަޒަންވެރިވެ އުޅުމަށް ނުރައްކާތެރި ތަނަކަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މިހާރު އޮތް ނުރައްކާތެރި ޙާލަތުން ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރެވޭނީ، އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ލާމެހިފައިވާ ކަމަކަށް ހަދައިގެން ކަމަށެވެ.

''ތިމާވެށި ޙިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދައެއް ކަމުގައި ހެދުން، އަދުގެ ޙާލަތު މިވަނީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކޮށްފައެވެ.'' ރައީސްގެ ޚިޠާބުގައި ވިދާޅުވެފަވެއެވެ.