މާލެއިން ފުރައިގެން ދަތުރު ކުރި ހދ. މަކުނުދޫ ''ހޮރީޒިއާ 2'' ބޯޓުގައި ރޯވެ މިރޭ ހިނގި ހިތާމަވެރި ހާދިސާއަކީ ބޯޓުގެ ވެރިފަރާތާއި ބޯޓުގައި ހުރި މުދަލުގެ ވެރިންނަށް ލިބުނު ފޫނުބެދޭ ވަރުގެ ގެއްލުމެކެވެ.
މި ބޯޓަކީ މާލެ އާއި މަކުނުދޫ، ރ. އަލިފުށި އަދި ރ. ރަސްގެތީމާ ދެމެދު ދަތުރުކުރާ ބޯޓެކެވެ.
މި ބޯޓުގައި މިރޭ ރޯވީ ބ. އަތޮޅު ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުގެ އުތުރުން 3 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި މިރޭ 19:15 ހާއިރެވެ.
މި ހިތާމަވެރި ހާދިސާ ހިނގިއިރު ބޯޓުގައި ހުރި ފަޅުވެރިއެއްކަމަށްވާ މުހައްމަދު ހަމީދު ''ތިލަދުން'' އަށް ބުނީ ބޯޓުގައި ރޯވުމުން ބޯޓާއި މުދާ ސަލާމަތް ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށެވެ.
''އަޅުގަނޑުމެން ނަގަން ލޯންޗް އަންނަންދެން ވެސް ކުރެވެން ހުރިކަމެއްވިއްޔާ ކުރިން، ބޯޓުގައި ހުރި އަލިފާން ނިވާ ފުޅިތައް ހުސްވީމަ ލޮނު ވެސް ޖެހިން'' ހަމީދު ބުންޏެވެ.

މިވަގުތު ކަމަދޫގައި ހުރި ހަމީދު ބުނިގޮތުގައި އެ ބޯޓުގައި ގިނަ އަދަދެއްގެ މުދާ ހުންނާނެއެވެ. ސިހުމާއި ހާސްކަން ފިލާނުދާތީ އެހާ ތަފްސީލަށް ނުދެވުނަސް ބައެއް އަދަދުތައް އޭނާ ކިޔާދިނެވެ.
''750 ބަސްތާ ހިލަ، ހިލަވެލި ހުންނާނެ، 175 ބަސްތާ ކާޑު ހުންނާނެ، ލަކުޑި، ފިލާ، ޓިނާއެކު ގިނަ އަދަދެއްގެ ދާގީނާ ވެސް ބޯޓުގައި ހުންނާނެ'' ހަމީދު ބުންޏެވެ.
ރޯވި މަކުނުދޫ ބޯޓުން ދަތުރުކުރި މީހުން ކަަމަދޫ އަށް ގެންގޮސްފި
އެ މުދަލުގެ އަގު ލަފާކުރާން ނޭނގުނަސް އެއީ ބޯޓުގެ ވެރިޔާއާއި މުދަލުގެ ވެރިންނަށް ލިބުނު ބޮޑު ގެއްލުމެކެވެ. ހިތާމައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!