ހއ. ފިއްލަދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.
ފިއްލަދޫ ހިތައްފިނިވާގޭގައި އަލިފާން ރޯވެފައި ވަނީ ރޭ މެންދަމު 1:15 ހާއިރުއެވެ. އެ ހާދިސާގައި އެ ގޭ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.
އެ ހާދިސާއާއި ގުޅިގެން އެންޑީއެމްއޭއިން މިއަދު ވިދާޅުވީ، ފިއްލަދޫ ހިތަށްފިނިވާގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެގެ ދިިރިނޫޅެވޭ ވަރަށް އަނދައިގެން ގޮސްފައިވާތީ އެ އާާއިލާއަށް ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް އެރަށު ކައުންސިލް އިދާރާއާއި އެ އޮތޯރިޓީ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށެވެ.
ފިއްލަދޫގައި ރޭ އަނދާ ހުލިވީ ފަސްކޮޓަރީގެ ގެއެކެވެ. އެ ގޭގައި ދޮށީ އުމުރުގެ ދެ މީހުންނާއި، ދެ ކުޑަކުދިންނާއި އަދި ދެ އަންހެނުންނާއެކު ޖުމްލަ ހަތް މީހަކު ނިދާފައި ތިއްބެވެ. މި އެންމެން ވެސް ވަނީ ސަލާމަތުން އެ ގެއިން ނުކުމެފައެވެ.
މިހާރު އެމީހުން ތިބީ ފިއްލަދޫ ކައުންސިލުން ހަމަޖެއްސި ގެއެއްގައެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ''ތިލަދުން'' އަށް މައުލޫމާތު ދެއްވާފަވެއެވެ.
އެގޭގައި ތިބި މީހުން ދިން މައުލޫމާތަށް ބަލާއިރު އަލިފާން ރޯވީ ކަރަންޓް ޝޯޓެއް ވެގެން ކަމަށް ބެލެވޭކަމަށް ވެސް ފަތުހުﷲ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!