ހދ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދިޔަ "މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023" ގެ ޗެމްޕިއަންކަން ރޯޑް ރިކްރިއޭޝަން ކުލަބް (އާރުއާރުސީ) އިން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އާރުއާރުސީއާއި ހއ އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ. ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު ފައިނަލް މެޗު 4-3 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އާރުއާރުސީންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުއާރުސީގެ ޖޯޒީ ނަމްބަރު 19، ނޫމާން އިސްމާއިލް އެވެ.
ފައިނަލް މެޗު ނިމުމުން ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސް މަގާމުތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއައި މެޑަލް ހަވާލުކޮށްފައެވެ.
މުބާރާތުގެ ޓޮޕްސްކޯރާއަށް ހޮވުނީ އާރުއާރުސީގެ ނޫމާން އިސްމާއިލް އެވެ. އޭނާވަނީ މުބާރާތުގައި ޖުމްލަ 10 ލަނޑު ޖަހާފައެވެ. މުބާރާޓުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް (ކިންގް އޮފް ދި ޓޯނަމަނަޓް) ހޮވުނީ ވެސް ނޫމާން އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
ނޫމާން އިސްމާއިލް / އާރުއާރުސީ
ފަތުހުﷲ ޖަމީލް / ހއ އަތޮޅު ހޮސްޕިޓަލް
އަލީ މަލާޝް / އާރުއާރުސީ
އަލީ ފަރުހާން / އާރުއާރުސީ
މޫސާ ރަޝީދު / އާރުއާރުސީ

މުބާރާތުގެ ފެއާޕްލޭ ޓީމަށް ހޮވުނީ ދިއްދޫ ޕޮލިސް ޓީމެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހއ އަތޮޅު ހޮސްޕިޓަލް ޓީމްގެ ކޯޗް މުޙައްމަދު ރަޝީދެވެ.
މިއީ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި މުބާރާތް ބޭއްވި ހަތަރުވަނަ ފަހަރެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ.
މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ބީއެމްއެލް، ސްވިފްޓް ލޮޖިސްޓިކްސް، އުދަރެސް އިން، އިންކް ބްލިންކް، ރިޕެއާ ޕޮއިންޓް، ބީއޭ ވަޑާން، އަލްވާ މާޓް، ސިޓީ ކިއު ރެސްޓޯރެންޓްސް އޭއެންސީ ބޭކަރީ، ކައިވެނީގެ ރަން، އަދި ދި ފައުންޑޭޝަން އެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ ތިލަދުން އާއި ދިއްދޫ އޮންލައިން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!