ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ސިޓީގެ ކުލަބް ޖަމިއްޔާތަކަށް އަމާޒުކޮށްގެން މިދިޔަ އަހަރު ބާއްވަން ފެށި ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ، މި އަހަރު މުބާރާތުގެ ދަޢުވަތު އަތޮޅުގެ ބައެއް ރަށްތަކުގެ ކުލަބް ޖަމިއްޔާތަކަށް ފޮނުވާފައިވާއިރު، އެ ދަޢުވަތު ނައިވާދޫއަށް ވެސް ވަނީ ފޮނުވާފައެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފޮނުވި ދަޢުވަތު ޤަބޫލްކޮށް ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބުން ވަނީ އެ މުބާރާތުގައި ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވެ އެ ޓީމުން މިހާރު ޕްރެކްޓިސް ފަށާފައިވީ ނަމަވެސް އެ ރަށުގައި ފުޓްބޯޅަ ކުޅޭނެ ނުވަތަ ޕްރެކްޓިސް ކޮށްލާނެ ދަނޑެއް ނެތެވެ.

Ad
rt

އެ ރަށުގައި ފުޓްބޯޅަ ކުޅުމަށް ބޭނުންކުރަމުންއައި ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އެތަނުގައި މަސައްކަތްފަށައި ދަނޑުގެ ވަށާފާރުން ބައެއްތަޅާލައި އަދި މީގެ އިތުރުން ވެސް ބައެއް މަސައްކަތް ކުރުމަށް އެތަނުގައި އަތުރާލި ދަގަނޑުފަދަ ސާމާނު ހުރުމުން މިހާރު އެ ދަނޑު އޮތީ ކުރިން ބޭނުންކުރި ގޮތަށް ވެސް ބޭނުންކުރެވޭ ހާލަތެއްގައި ނޫނެވެ. އެ މަސައްކަތް ހުއްޓިފައި އޮންނަތާވެސް އެތައް މަހެއް މިހާރު ވަނީ ފާއިތުވެގެން ގޮސްފައެވެ.

މި ސަބަބާހުރެ ނައިވާދޫ ޓީމަށް އެކަށީގެންވާ ގޮތެއްގައި ޕްރެކްޓިސް ކުރެވޭނެ ގޮތެއް ނެތުމުން އެ ޓީމުން ވަނީ ކައިރީގައި އޮތް ނެއްލައިދޫ ކައުންސިލުގައި އެދިގެން ޕްރެކްޓިސް ކުރުމަށް ނެއްލައިދޫ ދަނޑު ހޯދާފައެވެ. ނައިވާދޫއާއި ފަނަރަ ވަރަކަށް މިނެޓުގެ ރާސްތާއެއްގައި އޮތް ނެއްލައިދޫ ދަނޑަށް ނައިވާދޫ ޓީމުން ހަފްތާގެ ކޮންމެ ހޯމަ ދުވަހަކާއި ބުދަދުވަހަކު ދަތުރުކޮށް މިހާރު އަންނަނީ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ނެއްލައިދޫފައި ޓާފް އަޅައިގެން ސަރުކާރުން ތަރައްޤީ ކޮށްފައިވާ ޒަމާނީ ޓާފް ބޮޑު ދަނޑެއް އޮވެއެވެ.