ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023" މި އަހަރުގެ އޮކްޓޯބަރ މަހު ފެށުމަށް ތާވަލުކޮށްފިއެވެ.
ކުމުންދޫ ކައުންސިލުން ވަނީ ފާއިތުވި އަހަރު އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 49 ވަނަ އާންމު ބައްދަލުވުމުގައި ކޮންމެ އަހަރަކު އެ ކައުންސިލުން އިންތިޒާމް ކޮށްގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމާފައެވެ. އެގޮތުން ކުމުންދޫ ކައުންސިލުން ވަނީ ފާއިތުވި 2022 ވަނަ އަހަރު އެ ކައުންސިލުގެ ފުރަތަމަ ފުޓްސަލް މުބާރާތް ބާއްވާފައެވެ.
މި އަހަރު ދެވަނަ މުބާރާތް ބާއްވާނެކަން އެ ކައުންސިލުން ހާމަކޮށްފައިވާއިރު، މި އަހަރު މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ކައުންސިލުން ބުނީ ފަހިގެ ތާރީޚެއްގައި މުބާރާތުގައި ބައިވެރިވާން ހުޅުވާލާނެ ކަމަށެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް ފުރުޞަތު ހޯދައިދިނުމެވެ.
ކުމުންދޫ ކައުންސިލްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޒީރު ސްޕޯޓްސް ކްލަބެވެ. މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް އެ ކައުންސިލުން ވަނީ 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.