ފްރާންސް ލީގުގައި ރޭ ޕީއެސްޖީއާއި އޯޒެއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލީގު ކާމިޔާބު ކުރުމާއި ފިޔަވަޅަކަށް ގާތަށް ޕީއެސްޖީ ޖެހިލައިފިއެވެ. ރޭ އޯޒެއާގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.
މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ޕީއެސްޖީއަށް 36 މެޗުން 84 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ލެންސް އަށް 36 މެޗުން ލިބިފައި ވަނީ 78 ޕޮއިންޓެވެ. މި ކޮންމެ ޓީމަކަށް ލީގުގައި ދެން އޮންނާނީ ބާކީ ދެ މެޗެވެ. މިވަގުތު މި ދެ ޓީމްގެ ދެމެދު ހަ ޕޮއިންޓް ފަރަގު އޮތްއިރު ކުރިއަށް އޮތް ދެ މެޗުން އެއް ޕޮއިންޓް ހޯދައިގެން ޕީއެސްޖީއަށް ލީގު ޗެމްޕިއަންކަން ހޯދޭނެއެވެ.
މިހާތަނަށް ފްރާންސް ލީގުގެ ޗެމްޕިއަންކަން 10 ފަހަރު ޕީއެސްޖީން ހޯދާފައިވެއެވެ. މި އަދަދަށް ފްރާންސް ލީގުގެ ޗެމްޕިއަންކަން ސެއިން އެޓިއެންއާއި މާސޭ އިން ވެސް ކާމިޔާބު ކޮށްފައިވެއެވެ. މި ސީޒަންގައި ޕީއެސްޖީން ލީގު ކާމިޔާބު ކޮށްފިނަމަ އެންމެ ގިނައިން ފްރާންސް ލީގު ކާމިޔާބު ކުރުމުގެ ރެކޯޑް އެ ޓީމަށް އަމިއްލަ ކުރެވޭނެއެވެ. ޕީއެސްޖީން ވަނީ ފާއިތު ދިހަ ސީޒަންގައި ލީގު ތަށި އަށް ފަހަރު ކާމިޔާބު ކޮށްފައެވެ.
ރޭ އޯޒެއާއާއި ޕީއެސްޖީ ބައްދަލުކުރި މެޗުގައި ޕީއެސްޖީއަށް ދެ ލަނޑު ވެސް ޖަހައިދިނީ އެމްބާޕޭއެވެ. އެމްބާޕޭ ވަނީ މެޗުގެ ހަވަނަ މިނެޓާއި އަށް ވަނަ މިނެޓުގައި ލަނޑުޖަހައި ޕީއެސްޖީއަށް މެޗުގެ ކުރީކޮޅު ރަނގަޅު ލީޑެއް ހޯދައިދީފައެވެ. ނަމަވެސް އޯޒެއާއިން ވަނީ ދެވަނަ ހާފު ކުރީކޮޅު ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ސިނަޔޯކޯއެވެ.
އުމުރުން 24 އަހަރުގެ އެމްބާޕޭ މި ސީޒަންގައި މިހާތަނަށް ކުޅުނު 41 މެޗުގައި އޭނާ ވަނީ 40 ލަނޑު ޖަހާފައެވެ.