ތިލަދުންމަތީ ހުނަރުވެރިން: އަބޫ ފަނުން ނުހަދާކަށް އެއްޗެއް ނެތް

photo_2023-05-20_07-16-08

ދިވެހި ރުކުގެ ފަން ބޭނުން ކޮށްގެން އިހުގައި ދިވެހިންތެރޭ ތަފާތު ތަކެތި ވިޔެ އުޅުނެވެ. އޭގެތެރޭގައި ދިވެހިންގެ އޭރު ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ވިޔެ އުޅުނު ތަކެތީގެ އިތުރުން، ހުސް ވަގުތުފުރާލައި ފޫހި ފިލުވައިލަން ވިޔެ އުޅުނު ތަކެތި ވެސް ހިމެނެއެވެ. ނަމަވެސް މިއަދު މި މަސައްކަތްކުރާ މީހުން މަދުވެ، މި ހުނަރުވެރި މަސައްކަތް ވަނީ މުޖުތަމަޢުން ނެތިދާން ފަށާފައެވެ.

ތިލަދުންމަތީ އުތުރުބުރީ ވަށަފަރު، އަބްދުﷲ ސުޖާޢު (އަބޫ) އަކީ ރުކުގެ ފަން ބޭނުން ކޮށްގެން ތަފާތު އެކިވައްތަރު ތަކެތި ވިޔަން ދަންނަ ހުނަރުވެރި ޒުވާނެކެވެ.

ފަނުން ތަކެތި ވިޔުމަކީ އަބޫގެ އާއިލާގެ ތެރޭގައި ވެސް ކުރިން ކުރަމުން އައި މަސައްކަތެކެވެ. މި މަސައްކަތް ފެށުނުގޮތް ކިޔައިދެމުން އަބޫ ބުނެފައިވަނީ އޭނާ ވަރަށް ކުޑައިރު ގޭތެރޭގައި މާމަ މުޅޯށި، ގޮނު ފަދަތަކެތި ފަނުން ވިޔެއުޅުނު ކަމަށާއި، މާމަ މަސައްކަތްކުރާ ތަނުގައި ބަލަން އިންނައިރު، މާމަ އޭނާއަށް ބޯޅައާއި އަތުކުރިގަޑި ފަދަ ތަކެތި ވިޔެދޭ ކަމަށެވެ.

އަބޫގެ ފަންނުވެރި ބައެއް އުފެއްދުންތައް

މާމަ ވިޔެދޭތަކެތި ކުޅެން ގެންގުޅުމުގެ ތެރޭ އަބޫއަށް ވިސްނުނީ ބޯޅައާއި އަތުކުރިގަޑި ފަނުން ވިޔެވޭނަމަ، ފަނުން ތަފާތު އެހެން ތަކެތިވެސް ނުވިޔެވެންވީ ސަބަބެއް ނެތްކަމެވެ. މި ވިސްނުމުގައި އަމިއްލައަށް ތަފާތުތަކެތި ފަނުން ވިޔަން މަސައްކަތްފަށައި، އަމިއްލަ މަސައްކަތުން އޭނާ މިއަދު ފަނުން ނުހަދާކަށް އެއްޗެއްނެތެވެ. ތަފާތު ވައްތަރުގެ މަލާއި މައުބޮނޑީގެ އިތުރުން ނަގުލަންދާއްޓާއި ކޮކާލާއި މަސްކާށި ދޫނިފަދަ އެތައް ސޫތްޕެއް މިއަދު ފަސޭހަކަމާއިއެކު އޭނާ ފަނުން ވިޔެއެވެ.

އަބޫ ބުނީ މި މަސައްކަތުގައި ކުރިއަށްދާން މިހާތަނަށް އޭނާ އެއްވެސް ތަމްރީނެއް ހަދާފައިނުވާނެ ކަމަށާއި، ނަމަވެސް އަމިއްލަ މަސައްކަތުން މިހާރު ފަން ބޭނުން ކޮށްގެން ފަންސާހަށްވުރެ ގިނަ ތަކެތި ވިޔަން އެނގޭނެ ކަމަށެވެ.

އަބޫގެ އުފެއްދުމެއް

އަބޫއަކީ ރިސޯޓް ވަޒީފާގައި އުޅޭ ޒުވާނެކެވެ. ނަމަވެސް ވަޒީފާގައި އުޅެފައި ލިބޭ ޗުއްޓީ ވެސް މިހާރު އޭނާ ބޭނުން ކުރަމުން އަންނަނީ ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގުމުގައެވެ. މިގޮތުން މިހާރު ވެސް އޭނާ ވަނީ ހއ އަތޮޅުގެ ބައެއް ރަށްތަކުގައި ފަނުން ތަކެތި ވިޔުމުގެ ކުރު ޕްރޮގްރާމްތައް ހިންގާފައެވެ.

އަބޫ ބުނީ މި ޕްރޮގްރާމް ހިންގަން ފެށުމުން މިހާރު ބައެއް ރަށްރަށުގެ ކައުންސިލުން މި ޕްރޮގްރާމް އެ ރަށްރަށުގައި ހިންގުމަށް އެދި ގުޅަމުން އަންނަ ކަމަށާއި، ނަމަވެސް ވަޒީފާގައި އުޅެފައި ލިބޭ ޗުއްޓީގައި މިކަން ކުރަންޖެހޭތީ އެންމެ ބޭނުންވާ ވަރަށް ޕްރޮގްރާމްތައް ކުރިއަށް ނުގެންދެވޭ ކަމަށެވެ. އަބޫހުރީ މި މަސައްކަތް ރާއްޖޭގެ ވީހާވެސް ގިނަބަޔަކަށް ދަސްކޮށްދީ ނެތެމުންދާ ހުނަރުވެރި މި މަސައްކަތް ދިރުވައި އާލާ ކުރުމުގެ އަޒުމުގައެވެ.

އަބޫގެ ފަންނުވެރި ބައެއް އުފެއްދުންތައް

އަބޫ ބުނީ ފަނުންވިޔާ ގިނަ ތަކެތީގައި ރުކުގެ ބޮންތިފަން ބޭނުންކުރަނީ، ބޮންތި ފަނުގެ ހުދުކަން ފެންނަން ހުރުމުން ވިޔާތަކެތީގެ ހިތްގައިމުކަން އިތުރުވެގެން ދާތީ ކަމަށެވެ. އަބޫ އަންނަނީ ރުކުގެ އިލާއާއި ބޮނބީގެ އިތުރުން ކަށިކެޔޮފަތާއި ރާނބާފަތް ބޭނުން ކޮށްގެން ވެސް ތަފާތު ތަކެތި އުފައްދަމުންނެވެ.

އަބޫގެ މަސައްކަތްފެނި ގިންބަޔަކު މި މަސައްކަތް ދަސްކުރުމުގެ ޝަޢުޤުވެރިކަން ފާޅުކުރާކަން ހާމަކުރަމުން އަބޫ ބުނެފައިވަނީ މި މަސައްކަތަކީ އެއްތަނެއްގައި ގިނަވަގުތު އެކަނި އިނދެވޭ މީހުންނަށް ނޫނީ ކުރެވޭނެ މަސައްކަތެއް ނޫންކަމަށެވެ. މީގެ އިތުރުން މި މަސައްކަތަށް ޝަޢުޤުނެއް މީހަކަށް ވެސް މި މަސައްކަތް ނުކުރެވޭނެކަން އަބޫ ވަނީ ފާހަގަ ކޮށްފައެވެ.

އަބޫގެ ފަންނުވެރި ބައެއް އުފެއްދުންތައް

ރަށްރަށުގައި ލޯކަލް ޓްއަރިޒްމް ކުރިއަރަމުން އަންނައިރު، ފަނުން ތަކެތިވިޔަން ދަސްކޮށް މި މަސައްކަތަކީ އާމްދަނީ ހޯދޭ މަސައްކަތަކަށް ހެދުމުގެ ފުރުޞަތު މިހާރު ވަރަށްބޮޑެވެ. މި މަސައްކަތް ކުރުމަށް ބޭނުންވާ ފަނަކީ ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ފަސޭހަކަމާއިއެކު ލިބޭ އެއްޗަކަށް ވުމުގެ އިތުރުން މި މަސައްކަތް ފަށައިގަތުމަށް ކޮންމެ ގިންތިއެއްގެ މީހަކަށް ވެސް ހަމަހަމަ ފުރުޞަތު އެބައޮތެވެ.

އަބޫގެ ހުނަރުވެރި މަސައްކަތް ބަލައިލަން ބޭނުންވާ ފަރާތްތަކުން އޭނާގެ ފޭސްބުކް ޕޭޖް Fannuveri Dhivehin)) އަށް ޒިޔާރަތް ކޮށްލާށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *