ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވާއު ކިޑްސް ރަން" ގެ މިއަހަރުގެ ދުވުން ކާމިޔާބު ކަމާ އެކު ނިންމާލައިފިއެވެ.
މި ދުވުން ބާއްވާފައިވަނީ އިއްޔެ ހެނދުނު ހުޅުމާލޭގައެވެ. މި ދުވުމަކީ 3 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ދުވުމެކެވެ.
ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ ދުވުމުގައި 800 އަށް ވުރެ ގިނަ ކުދިން ރަޖިސްޓްރީކުރިއެވެ.
މި ދުވުން ކުރިއަަށްގެންދަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:
- 3 އަހަރާއި 5 އަހަރާ ދެމެދު ( 1 ކިލޯ މީޓަރު)
- 6 އަހަރާއި 8 އަހަރާ ދެމެދު ( 2 ކިލޯ މީޓަރު)
- 9 އަހަރާއި 11 އަހަރާ ދެމެދު ( 3 ކިލޯ މީޓަރު)
މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހާއްސަ ހަރަކާތެކެވެ.
ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފައެވެ.
ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ލިބޭ ދުވުމެކެވެ. މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި ހަވަނަ އަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!