ހުޅުމާލޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މެއި 2 ވަނަ ދުވަހު ހުޅުމާލެ ފޭސް ދެއެއްގެ ނިރޮޅު މަގުގައެވެ. މި އެކްސިޑެންޓާގުޅިގެން އެކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައި ވަނީ އެދުވަހުގެ 15:17 ހާއިރުއެވެ.

Ad
rt

މިއެކްސިޑެންޓްގައި 20 އަހަރުގެ ޒުވާނަކަށް އަނިޔާވެ، ފަރުވާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެތަނުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް އޭނާ އައިޖީއެމްއެޗަށް ބަދަލުކުރިއެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެނިކޮށް ރޭގައެވެ.

ނިޔާވެފައި ވަނީ، ހދ. ނެއްލައިދޫ/ވަޒަން، އަހްމަދު ޒައިން އެވެ. ޒައިންގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ ރޭ ފަތިސްނަމާދަށްފަހު މަސްޖިދުއްތަޢާވުން (އާ ސަހަރާ މިސްކިތް) ގައެވެ. އެއަށްފަހު އޭނާ ވަޅުލާފައި ވަނީ އާސަހަރާގައެވެ.

ހުޅުމާލެއާއި، ސިނަމާލެ ބްރިޖްގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަމުން އަންނައިރު، މިފަދަ އެކްސިޑެންޓް ހިނގާ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. ހާއްސަގޮތެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގާ އެކްސިޑެންޓްތައް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި ވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގިއެވެ. އޭގެ ތެރެއިން އެއް އެކްސިޑެންޓަކީ ހިޔާ ފްލެޓް ސަރަހައްދުގައި ހަތަރު ސައިކަލާއި ކާރަކާއި ޕިކަޕެއް ޖެހިގެން ހިނގ ނުރައްކާތެރި އެކްސިޑެންޓެވެ. އަދި އޭޕްރިލް މަހު ތިނެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 59 އަހަރުގެ މީހަކު ވަނީ ނިޔާވެފައެވެ.