ނެޕީއެއް ޖަހައިގެން އޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އަންނަން ފުރަންގޮސްހުރި ދިވެހި ފިރިހެނަކު އިންޑިއާގެ ކޮޗިން އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް)އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ނެޕީއެއް ޖަހައިގެން އޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކޮޗިން އެއާޕޯޓުން ހައްޔަރުކޮށްފައި ވަނީ ޔޫސުފް ފުއާދު ނަމަކަށް ކިޔާ ދިވެހި ފިރިހެނެކެވެ.

Ad
rt

ހުކުރު ދުވަހު ހެނދުނު 9 ޖަހާކަށްހާއިރު ހައްޔަރުކުރި މި ދިވެހި މީހާގެ ހަށިގަނޑު ބަލައި ފާސްކުރާ ވީޑިއޯއެއް ވެސް ސީއައިއެސްއެފްގެ ޓްވީޓާގައި ވަނީ އާންމުކޮށްފަ އެވެ.

އޭނާގެ އަތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިންގެ 33 ކެޕްސޫލް އަތުލައިގެންފައިވާއިރު، އޭގެ ބަރުދަނުގައި 325.5 ގްރާމް ހުރި ކަމަށް ވެސް އިންޑިއާގެ ސީއައިއެސްއެފް އިން ބުނެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އެތަކެތީގެ މަގުމަތީއަގު 40 ހާސް ރުޕީސްއަށް އަރާނެއެވެ.

އޭނާ މިހާރު ވަނީ އިންޑިއާގެ ނާކޮޓިކްސް ސެންޓަރަލް ބިއުރޯ (އެންސީބީ)ގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ،